ބަންޑާރަނައިބުގެ އޮފީސް

ބަންޑާރަނައިބުގެ އޮފީސް

Attorney General's Office

ތަފްޞީލު

އެޑްރެސްވެލާނާގެ, އަމީރު އަޙްމަދު މަގު, ހެންވޭރު, މާލެ, ކާފު އަތޮޅު
ފޯނު3010100
އީމެއިލްinfo@agoffice.gov.mv
ވެބްސައިޓްagoffice.gov.mv/dv
ޕޯސްޓް ކޯޑު20096

ވެރިން

  • އަލްއުސްތާޛު އަޙްމަދު އުޝާމް

    ބަންޑާރަނައިބު

  • ސުލްޠާނާ ޝާކިރު

    ސެކްރެޓަރީ ޖެނެރަލް

ސޯޝަލް މީޑިއާ

މަސްއޫލިއްޔަތު

މަސްއޫލިއްޔަތު (28)

ޤާނޫނު ނަންބަރު 2025/8 (ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު)ގެ 4ވަނަ މާއްދާގައި، ބަންޑާރަނައިބަށް އެހީތެރިވުމުގެ ގޮތުން ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ތިރީގައި މިވަނީއެވެ.

  1. ޤާނޫނުއަސާސީންނާއި ޤާނޫނަކުން އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ކޯޓުތަކުގައާއި އެނޫންވެސް އެފަދަ ތަންތަނުގައި ދިވެހި ދައުލަތް ތަމްސީލުކުރުމާއި، އާބިޓްރޭޝަނާއި މީޑިއޭޝަންފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމުތައް މެދުވެރިކޮށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ މައްސަލަތަކުގައި ދިވެހި ދައުލަތް ތަމްސީލުކުރުން.
  2. އަންނަނިވި ކަންކަން ހިމެނޭހެން ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ޤާނޫނީ ލަފާދިނުން.

(ހ) ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި އެނޫންވެސް ޤާނޫނީ ލިޔުންތަކާ ގުޅޭގޮތުން އެ އިދާރާތަކަށް ޤާނޫނީ ލަފާދިނުން.

(ށ)  ޤާނޫނުތައް ތަންފީޛުކުރުމުގައާއި ޤާނޫނު މާނަކުރުމުގައި އުފެދޭ ޤާނޫނީ ސުވާލުތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ޤާނޫނީ ލަފާދިނުން.

(ނ) ސަރުކާރުގެ އިދާރާތަކުން، އެއްބަސްވުންތަކުގެ ދަށުން އަދި އެ އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކުގައި އުފެދޭ ޤާނޫނީ މައްސަލަތަކާ ގުޅިގެން އެ އިދާރާތަކަށް ޤާނޫނީ ލަފާދިނުން.

(ރ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމުގެ ކުރިން އެ ބިލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީ ލަފާދިނުން.

(ބ) ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން ބައިވެރިވުމަށް މަސައްކަތްކުރާ މުޢާހަދާތަކާއި އެއްބަސްވުންތަކާ ގުޅޭގޮތުންނާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ދިވެހި ދައުލަތުން އުފުލަންޖެހޭ އިލްތިޒާމުތަކާ ގުޅޭގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުން.

(ޅ) ދައުލަތުގެ ފެންވަރުގައި އެކުލަވާލާ އެއްބަސްވުންތަކާއި ސަރުކާރުގެ އިދާރާތަކުން އެކުލަވާލާ އެނޫންވެސް އެއްބަސްވުންތައް އެކުލަވާލުމުގައި އެހީތެރިވުމާއި، އެފަދަ އެއްބަސްވުންތައް މުރާޖަޢާކޮށް، އެ އެއްބަސްވުންތަކުގެ ދަށުން ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމުތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުން.

  1. އަންނަނިވި ކަންކަން ހިމެނޭހެން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އަލަށް ހުށަހަޅާ ބިލުތަކާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާގުޅޭ ބިލުތައް އެކުލަވާލުން.

(ހ) ޤާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަކުރުމާއި، ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ ޤާނޫނުތައް ފާހަގަކުރުމާއި، ޒަމާނާ ނުގުޅޭ ނުވަތަ ދިވެހިރާއްޖެއަށް ބޭނުންނުވާ ޤާނޫނުތައް ދެނެގަނެ، އެ ޤާނޫނުތައް އުވާލުމަށް ނުވަތަ އިޞްލާޙުކުރުމަށް ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ލަފާދިނުމާއި، ދައުލަތުގެ އިދާރާތަކާއި އެނޫންވެސް ފަރާތްތަކާ ގުޅިގެން ކަމާގުޅޭ ދިރާސާތައް ކުރުން.

(ށ) ޤާނޫނުއަސާސީގެ ދަށުން އެކުލަވާލަންޖެހޭ ޤާނޫނުތައް އެކުލަވާލުމަށް ބޭނުންވާ ބިލުތަކާއި، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ބޭނުންވާ ބިލުތަކާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޛުކުރުމުގައި ޤާނޫނަކުން ބާރު ލިބިދޭންޖެހޭ ކަންކަމުގައި ކަމާގުޅޭ ޤާނޫނުތައް އެކުލަވާލުމަށް ބޭނުންވާ ބިލުތަކާއި، ދައުލަތުގެ އިދާރާތަކުގެ މަސްއޫލިއްޔަތުތަކުގެ ދާއިރާއާގުޅޭ ކަންކަމުގައި ކަމާގުޅޭ ބިލުތައް އެކުލަވާލުމާއި އެނޫންވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ބިލުތައް އެކުލަވާލުން.

(ނ) އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތުތައް ވިލަރެސްކުރުމާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތައް ދިވެހިރާއްޖެއިން ތަންފީޛުކުރުމާއި، އެ މުޢާހަދާތަކުގެ ދަށުން ޖަވާބުދާރީވާން ކަނޑައެޅިފައިވާ ފަރާތްތަކަށް ދިވެހިރާއްޖެއިން ރިޕޯޓުކުރުމުގެ ޤައުމީ ނިޒާމު ހިންގުމާއި، އެ މުޢާހަދާތަކުގެ ދަށުން ދިވެހިރާއްޖެއިން ކުރަންޖެހޭ ތަންފީޛީ މަސައްކަތްތައް މޮނިޓަރކުރުމާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ނިޒާމުތަކާއެކު މަސައްކަތްކުރުން.

  1. ދިވެހިރާއްޖޭގެ ޤާނޫނުތައް ޝާއިޢުކުރުމާއި، އެ ޤާނޫނުތައް ފަސޭހަކަމާއެކު ބެލޭނެ އަދި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމާއި، ޤާނޫނުތަކަށް ގެނެވޭ އިޞްލާޙުތައް ހިމެނޭގޮތުން ޤާނޫނުތައް ފުރިހަމަކޮށް އެކުލަވާލައި، ގަވާއިދުން ޢާންމުކުރަމުން ގެންދިޔުމާއި، ޤާނޫނުތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުން؛
  2. ޤާނޫނަކުން ބަންޑާރަނައިބާ މަތިކޮށްފައިވާ އެހެން މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަނައިބަށް އެހީތެރިވުން.

ޤާނޫނު ނަންބަރު 2025/8 (ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގައި، ބަންޑާރަނައިބަށް އެހީތެރިވުމުގެ ގޮތުން ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތަކުގެ އިތުރުން، އެ ޤާނޫނުގެ 4ވަނަ މާއްދާގެ (ކ)ގެ ދަށުން ބަންޑާރަނައިބުގެ އޮފީހުން އަދާކުރަން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފައިވާ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.

  1. ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  2. ދިވެހިރާއްޖޭގެ ޤާނޫނުތައް ތަރުޖަމާކޮށް ޢާންމުކޮށް ލިބޭނެގޮތް ހަމަޖެއްސުން.
  3. ކްލެމެންސީ ބޯޑުގެ މަސައްކަތްތަކުގައި ބަންޑާރަނައިބަށާއި ބޯޑުގެ ދާއިމީ މެންބަރުންނަށް ބޭނުންވާ އިދާރީ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުން.

އޮފީސް ފޮރ ސިވިލް ރައިޓްސް ހިނގަމުންދާނީ ބަންޑާރަނައިބުގެ އޮފީހުގެ ދަށުންނެވެ.

(ހ) އޮފީސް ފޮރ ސިވިލް ރައިޓްސްގެ މަސައްކަތްތައް

  1. ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް (މަދަނީ، ސިޔާސީ، އިގުތިސާދީ، އިޖުތިމާއީ، އަދި ސަގާފީ) ރައްކާތެރިކޮށް، އެ ޙައްޤުތައް ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުމާގުޅޭ ސަރުކާރުގެ ސިޔާސަތު ވިލަރެސްކުރުން.
  2. ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާގުޅޭ ޝަކުވާތަކާއި، އެ ޙައްޤުތައް ލިބިނުދީ ހިފެހެއްޓުމާގުޅޭ ގޮތުން ރައްޔިތުންކުރާ ޝަކުވާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  3. ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ކަށަވަރުކޮށްދެވޭނެ ގޮތަށް އެ މުއައްސަސާތަކުން ކަންކަން ކުރަމުންގެންދޭތޯ ބަލައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް ހިމާޔަތްކުރުމަށް ސަރުކާރުގެ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް މުރާޖާކޮށް، ކަމާގުޅޭ މަޝްވަރާއާއި ލަފާދިނުން.
  4. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  5. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާގުޅޭ ޕުރޮގުރާމުތައް ރާވައި ހިންގުން.
  6. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި އެހީ ދޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އެފަދަ ޖަމުޢިއްޔާތަކާއެކު ހިންގޭ އެކިއެކި ހަރަކާތްތައް ވިލަރެސްކުރުން.
  7. ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމާ ގުޅޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުން.

ރަސްމީ މަސްއޫލިއްޔަތު ކިޔާ (PDF)