
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
Maldives Food and Drug Authority
ނިސްބަތްވާ ތަން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
ތަފްޞީލު
ވެރިން
އަލްއުސްތާޛު އިސްމާޢީލް ޒާހިރު (ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި)
މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ނައިބު
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (29)
ޤާނޫނު ނަންބަރު 2024/6 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު)ގެ 9ވަނަ މާއްދާގައި، އެ ޤާނޫނުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ތިރީގައި މިވަނީއެވެ.
- ދިވެހިރާއްޖޭގައި ލިބެން ހުންނަ ކާބޯތަކެއްޗަކީ ރައްކާތެރި އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާ ފަދަ ތަކެތިކަން ކަށަވަރުކުރުން.
- ކާބޯތަކެތީގެ ފެންވަރު ހިފަހައްޓައި، ޞިއްޙީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުންނާއި އެ ތަކެއްޗަކީ ޞިއްޙީ ގޮތުން އެކަށީގެންވާ ތަކެތި ކަމުގައި ކަށަވަރުކުރުމުގެ ގޮތުން އަންނަނިވި ކަންކަން ކުރުން.
(ހ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ، ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ، ނުވަތަ ދިވެހިރާއްޖޭގައި އުފައްދާ، ނުވަތަ ތައްޔާރުކުރާ، ނުވަތަ ރައްކާކުރާ، ނުވަތަ ބަންދުކުރާ، ނުވަތަ ގުދަންކުރާ، ނުވަތަ ގަނެ ވިއްކާ، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ، ނުވަތަ ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި އެ ތަކެއްޗަކީ ޞިއްޙަތަށް ފައިދާހުރި އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާ ފަދަ ތަކެތިކަން ކަށަވަރުކުރުމަށް ބޭނުންވާ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް އެކުލަވައިލައި، އެ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ތަންފީޒުކުރުން.
(ށ) ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމާގުޅޭ ކަންކަމުގައި ސަރުކާރަށާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
(ނ) ކާބޯތަކެތިން ލިބޭ ފައިދާއާއި، ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމާމެދު، ކާބޯތަކެތީގެ މަސައްކަތްކުރާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުވުން.
- ކާބޯތަކެތި އުފެއްދުމަށް، ނުވަތަ ތައްޔާރުކުރުމަށް، ނުވަތަ ބަންދުކުރުމަށް، ނުވަތަ ލޭބަލްކުރުމަށް، ނުވަތަ ރައްކާކުރުމަށް، ނުވަތަ ގުދަންކުރުމަށް، ނުވަތަ ގަނެ ވިއްކުމަށް، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމަށް، ނުވަތަ ފޯރުކޮށްދިނުމަށް، ނުވަތަ އިމްޕޯޓުކުރުމަށް، ނުވަތަ އެކްސްޕޯޓުކުރުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކާބޯތަކެތީގެ ބާވަތްތައް ކަނޑައެޅުމާއި، ހުއްދަ ހޯދައިގެން މެނުވީ ދިވެހިރާއްޖެއަށް އިމްޕޯޓުނުކުރެވޭނެ ކާބޯތަކެތީގެ ބާވަތްތައް ކަނޑައެޅުމާއި، ކަމާގުޅޭ ހުއްދަތައް ދޫކުރުމުގެ ޝަރުތުތައް ކަނޑައެޅުމާއި، އެ ހުއްދަތައް ދޫކުރުން.
- ކާބޯތަކެތި އުފައްދާ މީހުންނާއި، ތައްޔާރުކުރާ މީހުންނާއި، ބަންދުކުރާ މީހުންނާއި، އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި، އެ ނޫން ވެސް ކާބޯތަކެތި ވިއްކުމުގައާއި ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި އެ ކާބޯތަކެތި ގެންގުޅޭ ފަރާތްތަކުން ދަމަހައްޓަންޖެހޭ ޢާންމު ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުން.
- ދިވެހިރާއްޖޭގައި ގާއިމުކުރެވޭ ލެބޯޓަރީތަކުގައި ކާބޯތަކެތި ތަޙުލީލުކުރުމުގެ ޚިދުމަތްދިނުމަށް ޓަކައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، އެ ލެބޯޓަރީތަކުގައި ކާބޯތަކެތި ތަޙުލީލުކުރުމުގެ ޚިދުމަތް ދިނުމަށް ހުއްދަދިނުމުގެ ޝަރުތުތައް ކަނޑައެޅުމާއި، އެ ހުއްދަ ދިނުން.
- ކާބޯތަކެތީގެ ރައްކާތެރިކަމާގުޅޭ ގޮތުން ސަރުކާރުގެ އިދާރާތަކާއި ކަމާ ބެހޭ ބައިނަލްއަގުވާމީ އެޖެންސީތަކާއެކު ގުޅުން ބަދަހިކޮށް ދެމެހެއްޓުމާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުޢާހަދާތަކަށް ޢަމަލުކުރުމުގެ ގޮތުން ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުން.
- މި ޤާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރެވޭނެ ނިޒާމެއް އެކަށައަޅައި ހިންގުން.
- ކާބޯތަކެތި އުފައްދާ ތަންތަނާއި، ތައްޔާރުކުރާ ތަންތަނާއި، ބަންދުކުރާ ތަންތަނާއި، ރައްކާކުރާ ތަންތަނާއި، ގުދަންކުރާ ތަންތަނާއި، ގަނެ ވިއްކާ ތަންތަނާއި، އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދޭ ތަންތަން ބަލައި ފާސްކުރުމާއި، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.
ޤާނޫނު ނަންބަރު 2024/6 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު)ގެ 9ވަނަ މާއްދާގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަމުގެ އިތުރުން، އެ ޤާނޫނުގެ 8ވަނަ މާއްދާގެ (ނ)ގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަދާކުރަން ކަނޑައެޅޭ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.
- ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރެވޭ އަދި ރާއްޖޭގައި ބޭނުންކުރެވޭ ބޭސް ރެގިއުލޭޓްކުރުމަށް ޓަކައި ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލައި އާންމުކުރުން.
- ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު)ގެ ދަށުން، ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރެވޭ ބޭހާއި، ބޭހުގެ ބާވަތްތަކާއި، ބޭހުގެ ގޮތުގައި ބޭނުންކުރާ ތަކެތި ރެގިއުލޭޓްކުރުން.
- ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކުގެ މިންގަނޑުތައް ކަނޑައަޅައި، މި ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ފެންވަރު ހިފެހެއްޓުމާއި، މި ކަންކަމާ ބެހޭ މައުލޫމާތު ބެލެހެއްޓުމާ ބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ރާއްޖެއަށް އެތެރެކުރާ ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، ޑައިގްނޯސްޓިކް ޑިވައިސްތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް އެ ތަކެތި ހުރިތޯ ބަލައި، ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކުގެ ތެރެއިން ރަޖިސްޓަރީކުރަންޖެހޭ ބާވަތްތައް ކަނޑައެޅުމާއި، ރަޖިސްޓަރީކުރުން.
- ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތައް އުފެއްދުމަށާއި، އިމްޕޯޓްކުރުމަށާއި، އެކްސްޕޯޓްކުރުމަށާއި، ވިޔަފާރިކުރުމަށް ޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެ ތަކެތީގެ ވިޔަފާރިކުރުމަށް ދޫކުރަންޖެހޭ ހުއްދަ ދޫކުރުމާއި، އެ ހުއްދަ ބާޠިލުކުރުމާއި، އެ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުއެޅުން.
- ރާއްޖެއަށް އެތެރެކުރާ ބޭހާއި، ރާއްޖޭގައި އުފައްދާ ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތަކަށް ދޫކުރަންޖެހޭ ހުއްދަ ދޫކުރުމާއި، ހުއްދަ ބާޠިލްކުރުމާއި، ރައްކާތެރިކަމާއި ފެންވަރު ހިފެހެއްޓުމަށް (ކޮލިޓީ އެޝުއަރެންސް) ކުރަންޖެހޭ ކަންތައްތައް ކުރުން.
- ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތަކާ ބެހޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުން.
- ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތައް ތަޙުލީލުކުރުމުގެ ޚިދުމަތްދިނުން.
- ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި މި ނޫން ވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތައް އުފައްދާ ތަންތަނާއި، ތަޙުލީލުކުރާ ތަންތަނާއި، ގުދަންކުރާ ތަންތަނާއި، ވިއްކާ ތަންތަން ޗެކުކުރުމާއި، ސަރޓިފައިކުރުން.
- ބޭސް އިމްޕޯރޓްކުރާ އަދި އެކްސްޕޯޓްކުރާ ފަރާތްތަކުން ބޭނުންވާ ލައިސަންސް ދޫކުރުމާއި، ބޭސް ބަލައި ފާސްކުރާ ފަރާތްތައް (އިންސްޕެކްޓަރުން) ތަމްރީނުކުރުމާއި، އެ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި އެ ފަދަ ފަރާތްތަކުގެ ފެންވަރު ބެލުމަށް ކުރަންޖެހޭ ކަންކަން ކުރުން.
- އޮތޯރިޓީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމަށް އުފައްދައިފައިވާ "ކޯޑެކްސް އެލިމެންޓޭރިއަސް ކޮމިޝަން" ގެ ކޯޑެކްސް ކޮންޓެކްޓް ޕޮއިންޓެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ބޭހުގެ ރައްކާތެރިކަމާގުޅޭ ގޮތުން ހަދަންޖެހޭ ރިސްކް އެސެސްމަންޓްތައް ހެދުމާއި، ބޭހުގެ ރައްކާތެރިކަމާގުޅޭ ގޮތުން ނެރެންޖެހޭ އެލަރޓްތައް އާންމުކުރުމާއި، އެ އެލަރޓްތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.
- ބޭހުގެ ރައްކާތެރިކަމާ ބެހޭ ގޮތުން އާންމު ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
- އެންޓިމައިކްރޯބިއަލް ރެސިސްޓަންޓް (އޭ.އެމް.އާރު.) ކޮންޓްރޯލްކުރުމުގެ އެންމެހައި މަސައްކަތްތައް ކޯޑިނޭޓްކޮށް ހިންގުން.
- ރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން އިންސާނުންގެ ޞިއްޙަތަށް ނުރައްކާތެރިވާ ކެމިކަލްތަކަށް ހެލްތު ކްލިއަރެންސް ދިނުން.