
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
Ministry of Youth Empowerment, Sports and Fitness
ތަފްޞީލު
ވެރިން

ޢަބްދުﷲ ރާފިޢު
މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
ޢަލީ ޒަކީ (ވަގުތީ ޕަރމަނަންޓް ސެކްރެޓަރީ)
ޑިރެކްޓަރ ޖެނެރަލް
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (58)
- ޒުވާނުންގެ ތަރައްޤީގެ ޤައުމީ ސިޔާސަތު ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން.
- ކުޅިވަރާއި ފިޓްނަސްގެ ދާއިރާ ތަރައްޤީކުރުމާބެހޭ ސިޔާސަތުތައް ކަނޑައަޅައި ހިންގުން.
- ދިވެހި ޒުވާނުންގެ މެދުގައި ދީނަށް ލޯބިކުރުމާއި އަޚުލާޤީ ރިވެތި ސިފަތައް އާލާކުރުވުމާއި، ޤައުމީ ރޫޙާއި މުޖުތަމަޢުގެ މަސްލަޙަތު ކުރިއެރުވުމުގެ ސަގާފަތް އަށަގަންނުވައި ހަރުދަނާކުރުމަށް މަސައްކަތްކުރުން.
- އުފެއްދުންތެރި އަދި ފުދުންތެރި ދިރިއުޅުމެއް ހޯދުމަށް ޒުވާނުންނަށް ބާރުއަޅައި، ޒުވާނުންނަށް އިގުތިސާދީ ގޮތުން ތަފާތު ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
- ޒުވާނުންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކުގައި ކައުންސެލިންގގެ ޚިދުމަތްދިނުން.
- މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކަށާއި، ޤައުމުގެ އިގުތިސާދީ ދާއިރާތަކުގައި ހުރި މަސައްކަތްތެރިކަމާއި ވަޒީފާގެ ފުރުޞަތުތަކަށް ޒުވާނުން ހޭލުންތެރިކުރުވުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
- ޒުވާނުންނަށް ޚާއްޞަކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމާއި، އެ ފަދަ ހަރާކަތްތައް އިންތިޒާމުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ކުށްކުރާ ޒުވާނުން މަދުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމާއި، ކުށްކުރާ ޒުވާނުންގެ ތެރެއިން މުޖުތަމަޢަށް އަނބުރާ އަންނަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ސަޕޯޓް ސިސްޓަމެއް އެކުލަވައިލުމުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިވުން.
- މުޖުތަމަޢުގައި ހިންގާ އެކިއެކި ކަންކަމުގައި ޤައުމީ ފެންވަރުގައި ޒުވާނުންނަށް ބައިވެރިވެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން.
- ޒުވާނުންނަށް އަމާޒުކޮށްގެން، ޒުވާނުންގެ ފަރާތުން އެޑްވޮކެސީއާއި މައުލޫމާތު ދިނުމުގެ ފޯރަމްތަކާއި ބައްދަލުވުންތައް އިންތިޒާމުކުރުން.
- އިޖުތިމާއީ މައްސަލަތަކާގުޅޭ ގޮތުން ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން.
- ޒުވާނުންނާގުޅޭ މުނާސަބަތުތައް ޤައުމީ ފެންވަރުގައި ފާހަގަކުރުން.
- ޒުވާނުންނާގުޅޭ އެކިއެކި ހަރަކާތްތައް ޤައުމީ ފެންވަރުގައި ހިންގުމާއި، ބައިނަލްއަގުވާމީ ފެންވަރުގައި ހިންގޭ ޒުވާނުންނާބެހޭ ކަންތައްތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވުން.
- ޒުވާނުންގެ ޙައްޤުތަކާއި ޒިންމާތަކާއި ދިރިއުޅުމަށް ބޭނުންވާ ހުނަރުތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުން.
- ކުޅިވަރުގެ އެކިއެކި ދާއިރާތަކުން ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ ކުޅުންތެރިން ބިނާކުރުމަށް، ކުޅިވަރުގެ ހުނަރުތައް ދެނެގަނެ، އެ ހުނަރުތައް ތަރައްޤީކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
- ދުޅަހެޔޮކަމާއި، ކުޅިވަރުގެ ހުނަރު ދެނެގަނެ ތަރައްޤީކުރުމާއި، ވާދަވެރިކަން އުފެއްދުމާއި، އަޚުވަންތަ އެކުވެރި ރޫހު ކުރިއެރުވުމަށް އިސްކަންދީގެން އެކިއެކި ކުޅިވަރުގެ ދާއިރާތަކާއި ފިޓްނެސްގެ ދާއިރާތައް ޕްރޮމޯޓްކުރުން.
- ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ޤައުމީ ފެންވަރުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތްކުރުން.
- ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން އިސްކޫލުތަކުގައި ހިންގާ ހަރަކާތްތައް ކުޅިވަރުގެ ޤައުމީ ލަނޑުދަނޑިތަކާއި އެއްމިސްރާބުކުރުމަށް ކަމާ ބެހޭ އިދަރާތަކާ ގުޅިގެން މަސައްކަތްކުރުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ އެކިއެކި ދާއިރާތަކުން ފުރުޞަތު ހޯދައިދިނުމާއި، އެ ފަރާތްތަކަށް ކުޅިވަރުގެ ހުނަރު ތަރައްޤީކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
- އެކި އުމުރުފުރާތަކަށް ޚާއްޞަކޮށްގެން ތަފާތު ކުޅިވަރު މުބާރާތްތަކާއި އިވެންޓްތަކާއި، ކުޅިވަރުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރާވައި އިންތިޒާމުކުރުން.
- ކުޅިވަރާއި ފިޓްނަސްގެ ހަރަކާތްތަކުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތަކަށް ވާސިލުވުމަށް އާންމު ހޭލުންތެރިކަން އިތުރުކުރުން.
- ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު)ގައި ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ކަނޑައަޅައިފައިވާ ޒިންމާތައް އަދާކުރުމަށް ބޭނުންވާ އެހީތެރިކަން ކޮމިޝަނަރއަށް ފޯރުކޮށްދިނުން.
- ކުޅިވަރާއި ފިޓްނަސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ސެމިނަރ، ވަރކްޝޮޕް ފަދަ ޕުރޮގުރާމުތައް ރާވައި ހިންގުން. އަދި، އެ ފަދަ ކަންކަން އިންތިޒާމުކުރާ ކުލަބު ޖަމުޢިއްޔާތަކާއި އަމިއްލަ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރާ ގުޅުންހުރި ކުލަބު ޖަމުޢިއްޔާތަކުގެ މަސައްކަތްތައް ހިންގުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ކުޅިވަރު ޖަމުޢިއްޔާތަކާއި، ޖަމާޢަތްތަކުގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބެލުން.
- ކުޅިވަރު ކުޅޭ ޤައުމީ ފެންވަރުގެ ތަންތަނާއި ވަސީލަތްތައް ޤާއިމުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
- ކުޅިވަރުކުޅޭ ޤައުމީ ފެންވަރުގެ ތަންތަނާއި ވަސީލަތްތައް ބޭނުންކުރާނެ ގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެ ތަންތަން ބޭނުންކުރަމުންދާ ގޮތް މޮނިޓަރކުރުން.
- ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި، ބިންތަކާއި، އިމާރާތްތަކާއި، ކުޅިވަރުކުޅޭ ކޯޓުތަކާއި، ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމާއި، މިނިސްޓްރީގެ ދަށުގައި ހުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ބެލެހެއްޓުން.
- މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި، ބިންތަކާއި، އިމާރާތްތަކާއި، ކުޅިވަރުކުޅޭ ކޯޓުތަކާއި، ކުޅިވަރުގެ ވަސީލަތްތައް ކުޅިވަރާއި ފިޓްނަސްގެ ބޭނުންތަކަށް ދޫކުރާނެ އުސޫލުތައް އެކުލަވައިލައި، އެ ކަންތައްތައް ހިންގުން.
- ފިޓްނަސްގެ ދާއިރާގެ ޚިދުމަތްދިނުމުގެ އުސޫލުތައް އެކުލަވައިލައި، އެ ދާއިރާގެ ޚިދުމަތްތައް ރެގިއުލޭޓްކުރުން.
- ކަނޑައަޅައިފައިވާ އުސޫލުގެ ދަށުން، ފިޓްނަސްގެ ދާއިރާގައި ޚިދުމަތްދޭ ތަންތަން ރަޖިސްޓަރީކުރުމާއި، އެ ތަންތަން ރެގިއުލޭޓްކުރުން.
- ކުޅިވަރާއި ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވާ ފަންނީ މީހުން ދަފުތަރުކުރުމާބެހޭ އުސޫލެއް އެކުލަވައިލައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަންނީ މީހުންގެ ދަފުތަރު އެކުލަވައިލައި، އަދާހަމަކޮށް ބެލެހެއްޓުން.
- ކުޅިވަރާއި ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވާ ފަންނީ މީހުން ގިންތިކުރުމުގެ ނިޒާމެއް އެކުލަވައިލައި، އެ ނިޒާމުގެ ދަށުން ކުޅިވަރާއި ފިޓްނަސް ދާއިރާގެ ފަންނީ މީހުން ގިންތިކުރުން.
- ކުޅިވަރާއި ފިޓްނަސް ދާއިރާ ތަރައްޤީކުރުމަށާއި، އެ ދާއިރާތައް ރެގިއުލޭޓުކުރުމަށް އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ނިއުޓްރިޝަނަލް ސަޕްލިމެންޓް ބޭނުންކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ހޭލުންތެރިކަން އިތުރުކުރުމާއި، ކުޅިވަރާއި ފިޓްނަސްގެ ދާއިރާތަކުގައި ހުރި ފުރުޞަތުތަކާއި ކުޅިވަރުގެ ހުނަރު ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކަށް އާންމު ހޭލުންތެރިކަން އިތުރުކުރުން.
- ކުޅިވަރާއި ފިޓްނަސްގެ ދާއިރާގެ ތަފާސްހިސާބުތައް ބަލަހައްޓާނެ މިންގަނޑުތައް ކަނޑައަޅައި، އެ ތަފާސްހިސާބުތައް އެއްކޮށް ބެލެހެއްޓުން.
- ކުޅިވަރާ ގުޅުންހުރި މުނާސަބަތުތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، ޤައުމީ އިހުތިފާލުތައް ބޭއްވުން.
- ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު)ގެ ދަށުން އުފައްދާފައިވާ ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ އިދާރީ އިންތިޒާމުތައް ބެލެހެއްޓުމާއި، އެ މަޖިލީހަށް ކަނޑައަޅައިފައިވާ ޒިންމާތައް އަދާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން، ބޭރު ޤައުމުތަކާއި ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުންބަދަހިކޮށް ދިވެހިރާއްޖެ ތަމުސީލުކުރުމާއި، އެ ފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެ ފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެ ފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.
- ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައި މި ވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ދަށުންނެވެ.
(ހ) މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް
(ށ) މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ
(ހ) މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު)ގެ 37ވަނަ މާއްދާގައި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ މަގުސަދުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ މަގުސަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
(ށ) މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު)ގެ 40ވަނަ މާއްދާގައި، މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީން އަދާކުރަން ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތައް ތިރީގައި މި ވަނީއެވެ.
- ދިވެހިރާއްޖޭގެ ހުރިހައި ހިސާބެއްގައި އެންޓި ޑޯޕިންގއާ ބެހޭ މައުލޫމާތު ދީ މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްކުރުން.
- ދިވެހިރާއްޖޭގައި ބޭއްވޭ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ޑޯޕިންގ ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ކަމަށް މަގުފަހިކޮށްދީ އެ ކަމަށް ހިތްވަރުދީ އެހީތެރިވެދިނުމާއި އެ ކަންތައް ހިންގާނެ ގޮތްތައް ރާވައި ތަންފީޒުކުރުން.
- ޓެސްޓު ކުރުމުގައި ގެންގުޅޭނެ އުސޫލުތަކަކީ ވޯލްޑް އެންޓި ޑޯޕިންގ އެޖެންސީގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ކުރެވޭ ޓެސްޓުތަކެއް ކަމުގައި ހެދުން.
- އެންޓި ޑޯޕިންގގެ އެންމެ ފަހުގެ ބައިނަލްއަގުވާމީ ޤާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހޯދައި ދިރާސާކޮށް، ކުޅުންތެރިންނަށާއި އޮފިޝަލުންނަށާއި ކަމާ ބެހޭ ދާއިރާގައި ހަރަކާތްތެރިވާ އެންމެހައި ފަރުދުންނަށް އެ ޤާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު އަންގައި އޮޅުންފިލުވައިދީ، އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނާ ޚިލާފުނުވާ ގޮތުގެމަތިން އެންޓި ޑޯޕިންގގެ ބައިނަލްއަގުވާމީ ގަވާއިދުތައް ދިވެހިރާއްޖެއަށް ތަޢާރުފުކޮށް، ރާއްޖޭގައި ކުރެވޭ ޓެސްޓުތަކުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތައް ތަންފީޒުކުރުން.
- އެޖެންސީގެ ތަމްރީނު ލިބިފައިވާ އޮފިސަރުންނަށް ލިބިފައިވާ ހުނަރު އިތުރަށް ހަރުދަނާ ކުރުމަށް ހިތްވަރުދިނުމާއި، ޤައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޑޯޕިންގ ކޮންޓްރޯލް އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ރާއްޖޭގެ އޮފިސަރުންނަށް ހޯދައިދިނުން.
- ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުބާރާތްތަކުގައި ބައިވެރިވާ ދިވެހި ކުޅުންތެރިންގެ ޑޯޕިންގ ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
- އެޖެންސީގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނު ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެ، ޑޯޕިންގ ކޮންޓްރޯލްކުރުމާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވުމާއި، ޓެސްޓުކުރުވުމާއި، އެންޓި ޑޯޕިންގއާ ގުޅުންހުރި އެހެނިހެން ބައިނަލްއަގުވާމީ ދާއިރާތަކާ ގުޅުން ބަދަހިކޮށް، މި ދާއިރާގައި އިސްނަގައި އެ ކަންތައްތައް ތަންފީޒުކުރުން.
- އެންޓި ޑޯޕިންގ ތަރައްޤީކުރުމަށް ޓަކައި ރާއްޖެއާއި ރާއްޖޭން ބޭރުން ލިބެން ހުންނަ އެހީތައް ހޯދައި ކުރިއެރުވޭނެ އިތުރު ވަސީލަތްތައް ތަނަވަސްކުރުން.
- މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެންޓި ޑޯޕިންގ އެޖެންސީތަކަށް ނަމޫނާ ބަޔަކަށް ވުމަށް މަސައްކަތްކުރުން.