
Consulate of the Republic of Maldives in Thiruvananthapuram
ތިރުވަނަންތަޕޫރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް
Part of High Commission of the Republic of Maldives in the Republic of India
Details
Leadership
Aminath Shifana
Consul General
Social media
Mandate
Mandate (18)
- ތިރުވަނަންތަޕޫރަމުގައި ދިރިއުޅެމުންގެންދާ ދިވެހިންނަށާއި، ދިވެހި ކިޔަވާކުދިންނަށާއި، އެހެން ބޭނުންތަކުގައި ތިރުވަނަންތަޕޫރަމަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިވެދިނުމުގެ ގޮތުން އެފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާގުޅިގެން މަސައްކަތްކޮށް ދިނުން. އަދި، އެގޮތުން ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށާއި، މިނިސްޓްރީއަށް ދިނުން.
- 1 ވަނަ ނަންބަރުގައި ބުނެފައިވާ ކަންތައްތަކާ ބެހޭގޮތުން އިންޑިޔާގެ ސެންޓްރަލް ގަވަރމަންޓާ ގުޅަންޖެހޭނަމަ، ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް އެކަން ކުރުން. އަދި، އެކަންކަމާބެހޭގޮތުން ކެރެލާ ސްޓޭޓް ގަވަރމަންޓުގެ ފަރާތްތަކާއި، ނުވަތަ އެހެނިހެން ސްޓޭޓް ގަވަރމަންޓެއްގެ ފަރާތްތަކާ ގުޅަންޖެހިއްޖެ ހިނދެއްގައި ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ލަފަޔާއި އިރުޝާދުގެ މަތިން އެކަމެއް ކުރުން.
- ތިރުވަނަންތަޕޫރަމުގައި ހިންގާ އެކިއެކި މަދަނީ ހަމަނުޖެހުންތަކުގައި ދިވެއްސެއްގެ ދައުރުވާނަމަ، ނުވަތަ ދިވެއްސަކަށް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ އެނޫންވެސްގޮތަކުން ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއްގައި ދިވެއްސަކު ޝާމިލުވެ، ޝަރުޢީ އެއްވެސް އިދާރާއަކަށް އެ މީހަކު ހާޒިރުކޮށްފިނަމަ އެ ކަމެއްގެ މަޢުލޫމާތު އަވަހަށް ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ދީ، ދިވެހި ސަރުކާރަށް އަންގައި، އެކަމެއް ޙައްލުކުރުމަށް ގަވާއިދުން ފިޔަވަޅު އެޅުން.
- ތިރުވަނަންތަޕޫރަމުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި އެނޫން ބޭނުންތަކުގައި ތިބޭ ދިވެހިންނަށް އިންޑިޔާގައި ތިބުމަށް ބޭނުންވާ ވީޒާ ހޯދުމަށް ކެރެލާގެ ސްޓޭޓް ގަވަރމަންޓުގެ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކޮށްދިނުމާއި، އެކަމަށް ބޭނުންވާ ލިޔުން ދޫކުރުމާއި އޭގެ އިތުރުންވެސް އެފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމަށް އިސްކޮށް ހަރަކާތްތެރިވުން.
- އިންޑިޔާގެ ތިރުވަނަންތަޕޫރަމްގައި އުޅޭ ދިވެހިންނާއި، ދިވެހިންގެ އެކިއެކި ޖަމާޢަތްތަކާއި ދިވެހިރާއްޖެއާއި، ދިވެހި ސަރުކާރާ ދެމެދު ގާތްގުޅުމެއް ދެމެހެއްޓުމަށް މަގުފަހިކޮށް، އެ މީހުންގެ ކިބައިގައި ދިވެހިވަންތަކަމާއި ޤައުމިއްޔަތު އަށަގެންނެވުމަށް މަސައްކަތްކޮށް، ރާއްޖޭގެ ޤައުމީ ފައިދާއާއި މަސްލަހަތަށް މަސައްކަތް ކުރުން. އަދި، ތިރުވަނަންތަޕޫރަމްގައި އުޅޭ ދިވެއްސެއްގެ ނުވަތަ ދިވެހިންގެ ބަޔަކު ކުރާ ކަމެއްގެ ސަބަބުން އެކަމުގެ ގެއްލުން ރާއްޖޭގެ ޤައުމީ މަސްލަހަތަށާއި ސަލާމަތަށް ކުރާނެކަމަށް ފެނިއްޖެ ހިނދެއްގައި، އެކަމުގެ މަޢުލޫމާތު ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށާއި، ދިވެހި ސަރުކާރަށް ފޯރުކޮށްދިނުން.
- ދިވެހިރާއްޖޭގެ ވިޔަފާރިއާއި، ފަތުރުވެރިކަމާއި، މަސްވެރިކަންފަދަ އިޤުތިޞާދާއި ތަރައްޤީއާގުޅޭ މަޝްރޫޢުތަކަށް ބޭނުންވާ މަޢުލޫމާތު އިންޑިޔާގެ ރައްޔިތުންނަށާއި، ތިރުވަނަންތަޕޫރަމްގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދީ، ދިވެހިރާއްޖޭގެ ވިޔަފާރީގެ ތަރައްޤީއަށް މަގުފަހިކުރުން.
- ސްޓޭޓް ގަވަރމަންޓުގެ އިސްފަރާތްތަކާއި، ސްޓޭޓްގައި ތިއްބަވާ އިންޑިޔާ ސަރުކާރުގެ އިސްފަރާތްތަކާއި، ޚަބަރުފަތުރާ ފަރާތްތަކާ ގާތްގުޅުމެއް ބާއްވައި، އެ ގުޅުމަކީ ރާއްޖެއަށް ފައިދާކުރަނިވި ގުޅުމެއްގެ ގޮތުގައި ބައްޓަން ކުރުމަށް މަސައްކަތް ކުރުން.
- ތިރުވަނަންތަޕޫރަމުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ކޮންސިއުލޭޓުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވުމަށް ސްޓޭޓް ގަވަރމަންޓުންނާއި އެކިއެކި އެން.ޖީ.އޯ ތަކުންނާއި ބައިނަލްއަގުވާމީ ޖަމާޢަތްތަކުން ކޮންސިއުލޭޓަށް ދޭ ދަޢުވަތުތައް ޤަބޫލުކޮށް އެފަދަ ޙަފުލާތަކުގައި ރާއްޖެ ތަމްސީލުކޮށް ރާއްޖޭގެ މަސްލަހަތު ކުރިއެރުވުމަށް އެފަދަ ޙަފުލާތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުން.
- ތިރުވަނަންތަޕޫރަމް ނުވަތަ ކެރެލާ ސްޓޭޓް ސަރަހައްދުގެ އިޤުތިޞާދީ ނުވަތަ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރު ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި، ޤައުމީ ފައިދާއަށް ކޮށްފާނެ ކަންތައްތައް ދެނެގަނެ އެކަމާބެހޭ މަޢުލޫމާތު ދިވެހި ސަރުކާރަށް ފޯރުކޮށްދިނުން.
- ރާއްޖޭގެ ޤައުމީ ދުވަސްފަދަ މުހިންމު ދުވަސްތައް ފާހަގަކުރުން.
- އިންޑިޔާގެ ޓީ.ވީ އާއި ރޭޑިޔޯއިން ފޮނުވާ އަދި ނޫސްތަކުގައި ޖަހާ ރާއްޖެއާބެހޭ ޚަބަރުތަކާއި މިނިސްޓްރީއަށް ފޮނުވާ އެފަދަ ޚަބަރުތަކާ ގުޅިގެން ސަރުކާރުން އަންގަވާ ގޮތެއްގެމަތިން ޢަމަލުކުރުން.
- ތިރުވަނަންތަޕޫރަމްގައި ހުންނަ ސަރުކާރުގެ ފަރާތްތަކާއި، ބައިނަލްއަގުވާމީ ފަރާތްތަކަށް ރައްދުކުރުމަށް ދިވެހި ސަރުކާރުންނާއި ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ފޮނުވާ ލިޔުންތަކާއި ތަކެތި ރައްދުކޮށްދިނުން.
- ތިރުވަނަންތަޕޫރަމް މަގުން އިންޑިޔާއަށް ވަޑައިގަންނަވާ ރާއްޖޭގެ އެކިއެކި ޢިއްޒަތްތެރިންނަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕްރޮޓޮކޯލްގެ ކަންތައްތައް ހަމަޖެއްސުން.
- ތިރުވަނަންތަޕޫރަމްގައި އުފަންވާ ދިވެހި ކުދިންނަށް ބޭނުންވެއްޖެ ހިނދެއްގައި ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
- ސަރުކާރުން އަންގަވައިފި ހިނދެއްގައި ތިރުވަނަންތަޕޫރަމަށް އެތެރެވާ އަދި ބޭރުވާ ދިވެހިންނާބެހޭ މަޢުލޫމާތު ހޯދުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ކޮންސިއުލޭޓަށް ނިސްބަތްވާ ކޮންސިއުލަރ ޑިސްޓްރިކްޓްގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއާ ގުޅިގެން އެންމެ ފުރިހަމައަށް ހިފުން.
- ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ކޮންސިއުލޭޓަށް ނިސްބަތްވާ ކޮންސިއުލަރ ޑިސްޓްރިކްޓްގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
- މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން މިނިސްޓްރީން ނުވަތަ ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންގަވާ ކަންތައްތައް ކުރުން.