ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

Embassy of the Republic of Maldives in the Federal Republic of Germany

ނިސްބަތްވާ ތަން ޚާރިޖީ ވުޒާރާ

ތަފްޞީލު

ވެރިން

  • ޙުސައިން ޝަރީފު (ޝާޒެ ދަފެއާރ)

    ފެޑެރަލް ރިޕަބްލިކް އޮފް ޖަރމަނީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ ނައިބު

ސޯޝަލް މީޑިއާ

މަސްއޫލިއްޔަތު

މަސްއޫލިއްޔަތު (23)
  1. ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. ޖަރުމަނުވިލާތަށް ޒިޔާރަތް ކުރާ ދިވެހިންނާއި ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސްފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، ޚަބަރުފަތުރާ ފަރާތްތަކާއި، ޖަރުމަނުވިލާތުގެ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  4. ޖަރުމަނުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޖަރުމަނުވިލާތުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ ރާއްޖޭގެ އިންވެސްޓަރުންނަށް ޖަރުމަނުވިލާތުގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
  5. ޖަރުމަނުވިލާތުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ އެކިއެކި ކަންކަމުގައި އިސްނަގައި ބައިވެރިވެ، ޖަރުމަނުވިލާތުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި އެހީތެރިވުން.
  6. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޖަރުމަނުވިލާތުގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތައް ވިލަރެސްކުރުން.
  7. ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
  8. ޖަރުމަނުވިލާތުގެ ސަރުކާރުންނާއި އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕްފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވިފަދައަކުން ރާއްޖެ ތަމްސީލްކުރުން.
  9. ޖަރުމަނުވިލާތުގެ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުގެ ދަށުން ޖަރުމަނުވިލާތުގައި ކިޔަވާ ކުދިންނާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
  10. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
  11. ޖަރުމަނުވިލާތުގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
  12. ޖަރުމަނުވިލާތުގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  13. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ޖަރުމަނުވިލާތަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޖަރުމަނުވިލާތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތްކުރުން.
  14. ރަސްމީ ދަތުރުފުޅުތަކުގައި ޖަރުމަނުވިލާތަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުން) ހަމަޖެހިފައިވާ އުސޫލެއްގެމަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށްދިނުން.
  15. ރާއްޖޭގެ މިނިވަން ދުވަސް ޖަރުމަނުވިލާތުގައި ފާހަގަކުރުން.
  16. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  17. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އާކައިވްކޮށް ބެލެހެއްޓުން.
  18. ސަރުކާރުގެ ފަރާތްތަކުން ޖަރުމަނުވިލާތުގެ ސަރުކާރަށާއި، ޖަރުމަނުވިލާތުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  19. ޖަރުމަނުގައި ހިންގާ ސިޔާސީ، އިޤުތިޞާދީ މުހިންމު ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  20. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  21. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ޖަރުމަނުވިލާތުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  22. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް އެމްބަސީގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  23. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

ރަސްމީ މަސްއޫލިއްޔަތު ކިޔާ (PDF)