ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

Embassy of the Republic of Maldives in the State of Qatar

ނިސްބަތްވާ ތަން ޚާރިޖީ ވުޒާރާ

ތަފްޞީލު

ވެރިން

  • އާދަމް ޝަރީފު ޢުމަރު

    ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު

ސޯޝަލް މީޑިއާ

މަސްއޫލިއްޔަތު

މަސްއޫލިއްޔަތު (23)
  1. ދިވެހި ސަރުކާރާއި ޤަޠަރު ސަރުކާރާ ދެމެދު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ޤަޠަރާ ދެމެދު އެކުވެރިކަން ބަދަހިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުން.
  2. ޤަޠަރުގައި ދިވެހިރާއްޖެ ތަމްސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާއާއި މަންފާ ލިބޭނެ ފުރުޞަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތްކުރުން.
  3. ޤަޠަރަށް ޒިޔާރަތްކުރާ ދިވެހިންނާއި ޤަޠަރުގައި ދިރިއުޅޭ ދިވެހިންނަށް، ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރުން.
  4. ޤަޠަރު ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމަންޓް މެންބަރުންނާއި، މީޑިއާ ފަރާތްތަކާއި، ޤަޠަރުގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެ ފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  5. ޤަޠަރުގައި ހިނގާ މުހިންމު ސިޔާސީ އަދި އިޤުތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް އެމްބަސީއަށް ފެންނަ އެނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  6. ޤަޠަރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މައުލޫމާތު ދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކާ އެކު ކުރަންޖެހޭ ކަންތައްތައްކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޤަޠަރުގައި ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ދީ، އެފަދަ އިންވެސްޓަރުންނަށް ޤަޠަރުގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި އަމިއްލަ ފަރާތްތަކާ އެކު ކުރެވެންހުރި ކަންތައްތަކަށް މަގުފަހިކޮށްދިނުން.
  7. ޤަޠަރުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާއީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
  8. ރާއްޖޭގެ މިނިވަން ދުވަހާއި، ޤައުމީ އެހެނިހެން ދުވަސްތައް ޤަޠަރުގައި ފާހަގަކުރުން.
  9. ޤަޠަރު ސަރުކާރުންނާއި އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވާގޮތެއްގެމަތިން ރާއްޖެ ތަމްސީލުކުރުން.
  10. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޤަޠަރު ސަރުކާރަށް ހުށަހަޅުއްވާ މަޝްރޫޢުތައް  ވިލަރެސްކުރުން.
  11. މީހުން ބިނާކުރުމަށް ޤަޠަރުން އިތުރު ފުރުޞަތުތައް ހޯދުމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  12. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެ ނޫންވެސް، މައުލޫމާތު ހުރި ލިޔެކިޔުން، އެމްބަސީގެ ލައިބްރަރީއަށް ޖަމާކޮށް، ބެލެހެއްޓުން.
  13. ތާރީޚަށްޓަކައި އަދި އެނޫންވެސް ކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔެކިޔުންތަކާއި، އެ ނޫންވެސް އެފަދަ ތަކެތި އާކައިވްކޮށް ބެލެހެއްޓުން.
  14. ސަރުކާރުގެ ފަރާތްތަކުން ޤަޠަރު ސަރުކާރަށާއި، ޤަޠަރުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔެކިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  15. ރަސްމީ ދަތުރުފުޅުތަކުގައި ޤަޠަރަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލުތަކުގެމަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށް ދިނުން.
  16. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު ޤަޠަރަށް  އެތެރެވިތޯ ނުވަތަ ނޫންތޯ، ޤަޠަރުގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ބެލުމަށް މަސައްކަތްކުރުން.
  17. ޤަޠަރުގައި އުފަންވާ ދިވެހި ކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އަންގަވާ ދިވެހިރައްޔިތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  18. ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން އެހީ ހަމަޖެހޭތޯ ބެލުމާއި، ކުއްލި ހާލަތްތަކުގައި ދިވެހިންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން މިނިސްޓްރީގެ އިރުޝާދާ އެކު ފޯރުކޮށްދިނުން.
  19. ޤަޠަރު ސަރުކާރުގެ އެކިއެކި ޕުރޮގުރާމުގެ ދަށުން ޤަޠަރުގައި ކިޔަވާ ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  20. ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން، އެމްބަސީގެ ދަށުން މޯލްޑިވްސް ސެންޓަރުތައް ގާއިމުކޮށް ހިންގުމާއި، އެ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  21. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ޤަޠަރުގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރު ކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  22. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މައުލޫމާތު ޤަޠަރުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  23. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

ރަސްމީ މަސްއޫލިއްޔަތު ކިޔާ (PDF)