
Communications Authority of Maldives
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
Part of Ministry of Homeland Security, Labour and Technology
Details
Leadership
Ilyas Ahmed
Chief Executive
Social media
Mandate
Mandate (33)
ޤާނޫނު ނަންބަރު 2015/42 (ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނު)ގެ 16ވަނަ މާއްދާގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މި ވަނީއެވެ.
- ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާގުޅޭ ގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.
(ހ) ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓެލެކޮމިއުނިކޭޝަނާއި ރޭޑިއޯ ކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން.
(ށ) ޓެލެކޮމިއުނިކޭޝަންގެ ސިނާއަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
(ނ) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ތަރައްޤީކުރުމަށް ހިތްވަރުދީ، ޓެލެކޮމިއުނިކޭޝަންގެ ސިނާއަތު ކުރިއެރުވުން.
(ރ) ޓެލެކޮމިއުނިކޭޝަންގެ ސިނާއަތާ ބެހޭ ގޮތުން ނުވަތަ ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތަކާ ބެހޭ ގޮތުން ނުވަތަ ޚިދުމަތް ބޭނުންކުރާ ނުވަތަ ޚިދުމަތަށް އެދޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން.
(ބ) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ސިނާއަތުގައި، ހަމަހަމަ އަދި ވާދަވެރި ވެށްޓެއް ގާއިމުކޮށް ކުރިއަރުވައި ތަރައްޤީކުރުން.
(ޅ) ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންތައްތައް ހުއްޓުވުން.
(ކ) ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ކަމާގުޅޭ އެ ނޫން ވެސް ކަންކަން ހިންގައި ބެލެހެއްޓުން.
(އ) ޚިދުމަތުގެ އަގުތައް ފާސްކުރުމާއި އަގު ކޮންޓްރޯލްކުރުމާއި، ކަމާ ބެހޭ ކަންކަން ބެލެހެއްޓުމާއި، ލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ ލައިސަންސާ ގުޅިގެން މާލީ ގޮތުން ބަލަހައްޓަންޖެހޭ އެންމެހައި ކަންކަން ބަލަހައްޓައި، ހިންގުން.
(ވ) ޓެލެކޮމިއުނިކޭޝަންގެ ސިނާއަތުގައި ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ގޮތުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި، ޚިދުމަތް ދޭނެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ދެމެހެއްޓުމަށް ބާރުއެޅުން.
(މ) ޓެލެކޮމިއުނިކޭޝަން ނަންބަރިންގ ޕްލޭންއާއި އެނޫނަސް ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ދިނުމުގައި އިލެކްޓްރޯނިކް ޒަރީއާއިން އެޑްރެސްކުރުމާ ބެހޭ އެންމެހައި ފަންނީ އަދި އިދާރީ ކަންކަން ހިންގައި ބެލެހެއްޓުން.
(ފ) ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ނުވަތަ ނެޓްވަރކްތައް އިންޓަރކަނެކްޓް ކުރުމަށް މަގުފަހިކޮށްދިނުމާއި، އެކަމާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުން.
(ދ) ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓް ބަލައި ފާސްކޮށް، ހުއްދަދިނުން.
(ތ) ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުން.
(ލ) ސެޓަލައިޓްގެ ގުޅުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް ރެގިއުލޭޓުކުރުމާއި، އެ ކަންކަން އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަންސް ޔޫނިއަންއާއި ކަމާ ބެހޭ ބައިނަލްއަގުވާމީ ޖަމުޢިއްޔާތައް ނުވަތަ އިދާރާތަކާއެކު ވިލަރެސްކުރުން.
(ގ) ޓެލެކޮމިއުނިކޭޝަންގެ ވަސީލަތްތައް ގާއިމުކުރުމުގައި ތިމާވެށި ހިމާޔަތްކުރުމަށް ޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ޓެލެކޮމިއުނިކޭޝަންގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބާރުއަޅައި، ހިތްވަރުދިނުން.
(ޏ) ޓެލެކޮމިއުނިކޭޝަންގެ ސިނާއަތާ ގުޅުންހުރި ކަންކަމާ ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދީ އިރުޝާދުދިނުން.
(ސ) ޓެލެކޮމިއުނިކޭޝަނާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ މިންވަރު ވިލަރެސްކުރުމާއި، ޓެލެކޮމިއުނިކޭޝަނާ ބެހޭ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
- ސްޕެކްޓްރަމް ބެލެހެއްޓުމާގުޅޭ ގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.
(ހ) ދިވެހިރާއްޖޭގެ ރޭޑިއޯ ފްރީކުއެންސީ ސްޕެކްޓްރަމް ރާވައި، ހިންގައި، ބެލެހެއްޓުމުގެ އެންމެހައި ކަންކަން ކުރުން.
(ށ) ރޭޑިއޯ ކޮމިއުނިކޭޝަން އިކުއިޕްމަންޓާއި ސްޕެކްޓްރަމް ބޭނުންކުރުމަށް ލައިސަންސް ދޫކުރުމާއި، ކަމާ ބެހޭ ކަންކަން ބެލެހެއްޓުން.
(ނ) ރޭޑިއޯ ފްރީކުއެންސީތަކަށް ކުރިމަތިވާ އިންޓަރފިއަރެންސް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެ ފަދަ ކަންކަމާގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުމާއި، ފިޔަވަޅު އެޅުން.
- ޕޯސްޓުގެ ދާއިރާއާގުޅޭ ގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުން.
(ހ) ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ދޭ ފަރާތްތައް ރަޖިސްޓަރީކޮށްދިނުން.
(ށ) ޕޯސްޓުގެ ޚިދުމަތް ދޭ ފަރާތްތަކުން ފޯރުވައިދޭ ޚިދުމަތުގެ ފެންވަރު ބެލުން.
(ނ) ޕޯސްޓުގެ ދާއިރާ ރެގިއުލޭޓުކުރުމާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެއިން ދޭން ބޭނުންވާ ލަފަޔާއި މަޝްވަރާދިނުމާއި، ޕޯސްޓާ ބެހޭ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
- އިންފޯކޮމިއުނިކޭޝަންގެ ދާއިރާއާގުޅޭ ގޮތުން ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާގުޅޭ ކަންކަމުގައި އިންފޯކޮމިއުނިކޭޝަންގެ ދާއިރާ ރެގިއުލޭޓްކުރުމަށް ބޭނުންވާ ނިސްބަތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) މި ޤާނޫނުގައި ކަނޑައަޅައިފައިވާ ދާއިރާގެ ތެރޭގައި އިންފޯކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން.
(ށ) ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާގުޅޭ ކަންކަމުގައި އިންފޯކޮމިއުނިކޭޝަންގެ ސިނާއަތަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ދިނުން.
(ނ) ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ސީދާގުޅޭ އިންފޯކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމާ ބެހޭ ސިޔާސަތުތައް ކަނޑައެޅުން.
- ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނަކުން އޮތޯރިޓީން ކުރަންޖެހޭނެކަމަށް ބަޔާންކުރާ މަސައްކަތްތައް ކުރުން.
- ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރުމަށް ޓަކައި ނުވަތަ ކުރުމަށް މަގުފަހިކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، އެނޫނަސް ޤާނޫނު ނަންބަރު 2015/42 (ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނު) ހިންގުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން.