
Consulate of the Republic of Maldives in Jeddah
ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް
Part of Embassy of the Republic of Maldives in the Kingdom of Saudi Arabia
Details
Leadership
Rahmathullah Waheed (Acting Head of Mission & Head of Chancery)
Vice Consul
Mandate
Mandate (29)
- ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ދިވެހިންނަށް ދިމާވާ ކޮންސިއުލަރ މައްސަލަތަކުގައި އެހީތެރިވެދިނުން.
- ސަރުކާރުން ފޮނުއްވައިގެން ޙައްޖަށް ވަޑައިގަންނަވާ ދިވެހި ވަފްދުތަކުން (ޙައްޖު މިޝަންތަކުން) ބޭނުންވާ ޚިދުމަތްތައް ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަޝްވަރާގެ މަތިން ކުރުން.
- ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި، ޖިއްދާގައި ދިރިއުޅޭ ދިވެހިންނާއި، ޖިއްދާއަށް ޒިޔާރަތްކުރާ ދިވެހިންގެ މަޢުލޫމާތު ހޯދައި، އެ މީހުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީ، ކޮންސިއުލަރ ޚިދުމަތްތައް ދިނުން. މިގޮތުން:
(ހ) ޖިއްދާގެ ކަމާބެހޭ ފަރާތްތަކުން ދިވެހިންނަށް ފިޔަވަޅު އެޅުމުން، ބައިނަލްއަގުވާމީ ކޮންސިއުލަރ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ ދިވެހިންނަށް އެހީތެރިވެދިނުން.
(ށ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ގެއްލުމުން، ނުވަތަ އެ ތަކެތީގެ މުއްދަތު ހަމަވުމުން، ނުވަތަ އެ ތަކެތި ހަލާކުވުމުން، މިކަން ކުރިމަތިވާ ދިވެހިންނަށް، ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެހީތެރިވެދިނުން.
(ނ) ޖިއްދާއަށް އުފަންވާ ދިވެހިކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ޑޮކިއުމަންޓް، ކަމާބެހޭ އިދާރާއާ ގުޅިގެން ދޫކުރުމާއި، ސަޢޫދީ ޢަރަބިއްޔާއިން ބޭރުވުމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް އެހީތެރިވެދިނުން.
(ރ) ޖިއްދާގައި ހާލުގައިޖެހޭ ދިވެހިންނަށް، ބައިނަލްއަގުވާމީ ކޮންސިއުލަރ އުސޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެހީތެރިވެދިނުން.
(ބ) ޖިއްދާގައި ދިވެއްސަކު މަރުވެއްޖެ ނަމަ، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
(ޅ) ދިވެހި ރައްޔިތުކަން ހޯދަން ބޭނުންވާ ފަރާތްތަކަށާއި، ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް، ޤާނޫނާތަކާއި ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ފަހިކޮށްދިނުން.
- އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން ބާއްވާ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ މިނިސްޓްރީއާއި ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހިއްސާކުރުން.
- ޖިއްދާގައި ހިންގާ އެކިއެކި މަދަނީ ހަމަނުޖެހުންތަކުގައި ދިވެއްސެއްގެ ދައުރެއް އޮތް ނަމަ، ނުވަތަ މިފަދަ ހަމަނުޖެހުންތަކުގެ ތެރެއިން ދިވެއްސަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، ނުވަތަ އެނޫންވެސް ގޮތަކުން ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއްގައި ދިވެއްސަކު ޝާމިލުވެ، ޝަރުޢީ އެއްވެސް އިދާރާއަކަށް އެ މީހަކު ހާޒިރުކޮށްފި ނަމަ، އެ ކަމެއްގެ މަޢުލޫމާތު ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އަވަހަށް އަންގައި، މިނިސްޓްރީއާ ހިއްސާކޮށް، މިނިސްޓްރީގެ ލަފާގެމަތިން އެ ކަމެއް ޙައްލުކުރުމަށް މަސައްކަތްކުރުން.
- ޖިއްދާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާއި، އެނޫން ބޭނުންތަކުގައި ޖިއްދާގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ވީޒާ ހޯދުމަށް ސަޢޫދީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެ ކަމަށް ބޭނުންވާ ލިޔުން ދޫކުރުމާއި، އެ ފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމަށް އިސްކޮށް ހަރަކާތްތެރިވުން.
- ޖިއްދާގައި އުޅޭ ދިވެހިންނާއި، ދިވެހިންގެ އެކިއެކި ޖަމާޢަތްތަކާއި، ދިވެހިރާއްޖެއާއި ދިވެހި ސަރުކާރާ ދެމެދު ގާތް ގުޅުމެއް ދެމެހެއްޓުމަށް މަގުފަހިކޮށް، އެ މީހުންގެ ކިބައިގައި ދިވެހިވަންތަކަމާއި ޤައުމިއްޔަތު އަށަގެންނެވުމަށް މަސައްކަތްކޮށް، ރާއްޖޭގެ ޤައުމީ ފައިދާއާއި މަސްލަހަތަށް މަސައްކަތް ކުރުން.
- ޖިއްދާގައި އުޅޭ ދިވެއްސަކު ނުވަތަ ދިވެހިންގެ ބަޔަކު ކުރާ ކަމެއްގެ ސަބަބުން އެ ކަމުގެ ގެއްލުން ރާއްޖޭގެ ޤައުމީ މަސްލަހަތަށާއި ސަލާމަތަށް ކުރާނެކަމަށް ފެނިއްޖެ ހިނދެއްގައި، އެ ކަމުގެ މަޢުލޫމާތު ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށާއި، މިނިސްޓްރީއާ ހިއްސާކޮށް، މިނިސްޓްރީގެ ލަފާގެމަތިން އެ ކަންކަން ކުރިއަށް ގެންދިއުން.
- ޖިއްދާގައި ބާއްވާ އެކިއެކި ޖަލްސާތަކަށް ދަޢުވަތު ލިބުމުން، މިނިސްޓްރީގެ ލަފާގެ މަތިން އެ ޖަލްސާތަކުގައި ބައިވެރިވެ، އެ ޖަލްސާތަކުގައި ބަހުސްކުރެވޭ މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތަކުގައި ރާއްޖެއިން ގެންގުޅެންވީ ސިޔާސަތުގެ ލަފާ މިނިސްޓްރީއަށް ހުށަހަޅައި، ރާއްޖޭގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖެ ތަމްސީލުކޮށް، އެ ޖަލްސާތަކުގައި ނިންމޭ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓު ކުރުން.
- ޖިއްދާގެ ޓީވީއާއި، ރޭޑިއޯއާއި، ނޫސްތަކާއި، މީސްމީޑިއާގައި ދައުރުވާ، ދިވެހިރާއްޖެއާ ގުޅުންހުރި ޚަބަރުތަކާއި، މަޢުލޫމާތާއި، ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، ރާއްޖެއާބެހޭ ލިޔުންތަކުގައި ހުންނަ ޞައްޙަނޫން މަޢުލޫމާތަކީ ކޮބައިކަން އެފަދަ ނޫސްތަކާއި މަޖައްލާތަކުގެ ކަމާބެހޭ ފަރާތްތަކަށް އޮޅުންފިލުވައިދެމުން ގެންދިޔުމާއި، އެފަދަ ކަންކަމާ ބެހޭގޮތުން މިނިސްޓްރީން ނެރޭ ޕްރެސް ރިލީޒުގެ މަޢުލޫމާތު ފޯރުކޮށްދީ، އެ ކަންކަމުގައި އެހީތެރިވެދިނުން.
- ސަރުކާރު ނޫން އެހެން ފަރާތްތައް، ޚާއްޞަކޮށް ޢިލްމީ ޖަމުޢިއްޔާތަކާއި ޚަބަރު ފަތުރާ ފަރާތްތަކާއި އެނޫންވެސް ނުފޫޒު ގަދަ ފަރާތްތަކާއި ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުންއުފައްދައި، އެ ފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
- ރާއްޖޭގެ އުފެއްދުންތަކަށް ޖިއްދާއިން މާކެޓް ހޯދުމާއި، ޖިއްދާއިން ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތަކާއި ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުން.
- ދިވެހިރާއްޖޭގެ ވިޔަފާރިއާއި، ޓޫރިޒަމާއި، މަސްވެރިކަމާއި، އިޤުތިޞާދީ އެހެން މަސައްކަތްތަކާއި އަދި ތަރައްޤީގެ މަސައްކަތްތަކާއި އިޖުތިމާއީ ހަރަކާތްތަކުގެ މަޢުލޫމާތު ޖިއްދާގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ޖިއްދާގައި ދިވެހިރާއްޖެ ތަމްސީލުކުރާ ކޮންސިއުލޭޓުގެ ހައިސިއްޔަތުން އިޖުތިމާއީ އެކިއެކި ޙަފުލާތަކުގައި ބައިވެރިވުމަށް ސަރުކާރުންނާއި އެކިއެކި ނޮން ގަވަރމަންޓަލް އޯގަނައިޒޭޝަންތަކުންނާއި ބައިނަލްއަގުވާމީ ޖަމާޢަތްތަކުން ލިބޭ ދަޢުވަތުތައް ޤަބޫލުކޮށް، އެ ޙަފުލާތަކުގައި ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތު ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުންކުރުން.
- ރާއްޖޭގެ މަސްލަހަތު ކުރިއެރުވުމާ ގުޅޭގޮތުންނާއި، ކޮންސިއުލޭޓާ ހަވާލުވެފައިވާ އެހެނިހެން މަސައްކަތްތައް ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންގޮސް، ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް، މިނިސްޓްރީއަށް ފޮނުވުން.
- ސަޢޫދީ ޢަރަބިއްޔާ، ޚާއްޞަކޮށް ޖިއްދާގެ އިޤުތިޞާދީ މަސްރަޙަށާއި ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި، ޤައުމީ ފައިދާއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަމާބެހޭ މަޢުލޫމާތު ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ޖިއްދާއަށް އެތެރެވާ ދިވެހިންނާއި، ބޭރުވާ ދިވެހިންނާބެހޭ މަޢުލޫމާތު، ސަރުކާރުން އަންގަވައިފި ހިނދެއްގައި ހޯދައި، އެ މަޢުލޫމާތު މިނިސްޓްރީއާ ހިއްސާކުރުން.
- ދައުލަތުގެ އިސްބޭފުޅުން ޖިއްދާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން އެހީތެރިވެ ދިނުން.
- ސަރުކާރުން ފޮނުވާ ލިޔުންތައް އެކިއެކި ފަރާތްތަކަށް ރައްދުކުރުން.
- ރާއްޖޭގެ މިނިވަންދުވަހާއި ޤައުމީ ދުވަސް ފަދަ ޚާއްޞަ ދުވަސްތަކާއި، މުހިންމު އެހެން ދުވަސްތައް ޖިއްދާގައި ފާހަގަކުރުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ކޮންސިއުލޭޓަށް ނިސްބަތްވާ ކޮންސިއުލަރ ޑިސްޓްރިކްޓްގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއާ ގުޅިގެން އެންމެ ފުރިހަމައަށް ހިފުން.
- ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ކޮންސިއުލޭޓަށް ނިސްބަތްވާ ކޮންސިއުލަރ ޑިސްޓްރިކްޓްގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
- މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.