Ministry of Economic Development, Transport and Trade

Ministry of Economic Development, Transport and Trade

އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ

Details

LocationVelaanaage, Ameeru Ahmed Magu, Henveyru, Malé, Kaafu Atoll
Phone3323668
Hotline1500
Post code20096

Leadership

  • Mohamed Saeed

    Minister of Economic Development, Transport and Trade

  • Yusuf Riza

    Permanent Secretary

Mandate

Mandate (90)
  1. ދިވެހިރާއްޖޭގެ އިގުތިސާދީ ސިޔާސަތާއި، އިގުތިސާދީ ލަނޑުދަނޑިތައް ކަނޑައެޅުން.
  2. ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާއި އަމާޒުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ އިގުތިސާދު ބައްޓަންކޮށް ހަރުދަނާކުރުން.
  3. ރާއްޖޭގައި ސިނާއީ މަސައްކަތްތައް ކުރިއަރާނެ ގޮތްތައް ރާވައި، އެ ކަންކަން ހިންގައި ބެލެހެއްޓުން.
  4. ރާއްޖޭގެ އިގުތިސާދީ ޙަރަކާތްތައް، ޒަމާނާއެއްގޮތަށް ބަދަލުކުރުމަށް ޓަކައި ކުރަންޖެހޭ ކަންތައްތައް ރޭވުން.
  5. ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ޤައުމީ ތަސައްވުރު އެކުލަވައިލައި، އެ ކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ވިލަރެސްކުރުން.
  6. ރާއްޖޭގެ މެރިޓައިމް އަދި ޝިޕިންގ އިންޑަސްޓްރީ ތަރައްޤީކޮށް ކުރިއެރުވުމާގުޅޭ ސިޔާސަތު ކަނޑައެޅުން.
  7. ރާއްޖޭގެ މެރިޓައިމް އަދި ޝިޕިންގ އިންޑަސްޓްރީ ތަރައްޤީކުރުމަށް އެކުލަވައިލަންޖެހޭ ޕްލޭންތައް އެކުލަވައިލައި، ތަންފީޒުކުރުން.
  8. ރާއްޖޭގެ ކަނޑުގެ ވިޔަފާރި ބަނދަރުތައް ތަރައްޤީކުރުމާބެހޭ ސިޔާސަތުތައް ކަނޑައެޅުމާއި، ވިޔަފާރި ބަނދަރުތަކުން ދޭ ޚިދުމަތްތައް ކުރިއެރުވުމުގެ ސިޔާސަތުތައް ކަނޑައެޅުން.
  9. ރާއްޖޭގެ ކަނޑުގެ ވިޔަފާރި ބަނދަރުތަކާއި ޕޯރޓް ފެސިލިޓީތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުން.
  10. ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.
  11. ކަނޑުދަތުރުކުރާ އުޅަނދުފަހަރުން ކަނޑުގެ ތިމާވެއްޓަށް ގެއްލުންވާ ފަދަ ކަންކަން ވިޔަނުދިނުމަށް ޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އެންމެހައި ކަންކަން ވިލަރެސްކުރުން.
  12. ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާއާއި، ބޭރުދަތުރުކުރާ ބޯޓުފަހަރުން ދިވެހިންނަށް ހުރި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްކުރުން.
  13. ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން.
  14. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ފަޅުވެރިން ތިބެންޖެހޭ ސަލާމަތީ މިންގަނޑުތައް ކަނޑައެޅުން.
  15. އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ދުއްވާ ފަރާތްތައް އިމްތިޙާނުކުރުމާއި، އެ ފަރާތްތަކަށް ދޭންޖެހޭ ލައިސަންސް ދިނުން.
  16. އާގުބޯޓްފަހަރުގައި ވަޒީފާއަދާކުރާ ދިވެހިންނަށް ދޭންޖެހޭ "ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ" އާއި "ކޮންޓިނުއަސް ޑިސްޗާރޖް ސެޓްފިކެޓް" ދޫކުރުމާއި، މި ފަދަ ސެޓްފިކެޓްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  17. މަގުމަތީގައި މީހުން ހިނގައި އުޅުމާއި، މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނު ނުލާއެއްޗެހި ދުއްވުމުގެ ކަންކަން، ކަމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.
  18. ރާއްޖޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާއިން އާންމު ޚިދުމަތް ދިނުމާގުޅޭ ގޮތުން، ކަމާބެހޭ ޤާނޫނުތަކުގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުން.
  19. އާންމުންގެ އަތުން ފީ ނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ޚިދުމަތްދިނުމުގެ މިންގަނޑުތައް ކަނޑައަޅައި ވިލަރެސްކުރުން.
  20. އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތަކާގުޅޭ ގޮތުން ދޫކުރަންޖެހޭ ލައިސަންސްތައް ދޫކުރުން.
  21. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކުރުމާއި، އުޅަނދުފަހަރާ ބެހޭ ދަފުތަރު ބެލެހެއްޓުން.
  22. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަހުނު ރަޖިސްޓްރީކުރުމާއި، ރަހުނާ ބެހޭ ދަފުތަރު ބެލެހެއްޓުން.
  23. އެއްގަމުގައި ދުއްވާ އުޅަނދުތަކަށް ދޭންޖެހޭ ރޯޑްވާރދިނަސް ސެޓްފިކެޓް ދިނުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދޭންޖެހޭ ސަލާމަތީ ސެޓްފިކެޓާއި ސްޓެޓިއުޓަރީ ސެޓްފިކެޓް ދިނުމާއި، މި ކަންކަމާގުޅޭ އެންމެހައި ކަންކަން ވިލަރެސްކުރުން.
  24. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި ހުންނަންޖެހޭ އާލާތްތަކާއި ސާމާނުތައް އިންސްޕެކްޓްކޮށް ސާރވޭކުރުމާއި، އުޅަނދުފަހަރުން ޚިދުމަތްދިނުމުގެ ކެޓަގަރީތައް ކަނޑައެޅުން.
  25. އެއްގަމާއި ކަނޑުގެ ދަތުރުފަތުރަށް ބޭނުންވާ ޓްރެފިކް ލައިޓާއި، ނެވިގޭޝަން ލައިޓާއި، ބޮއި އަދި މި ނޫން ވެސް ނެވިގޭޝަން އެއިޑްތައް ގާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތަކެތި ބެލެހެއްޓޭނެ ނިޒާމެއް ރާވައި، އެ ކަންކަން ވިލަރެސްކުރުން.
  26. ކަނޑުގައި ދުއްވާ ރާއްޖޭގެ އުޅަނދުފަހަރާއި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ޕޯރޓް ސްޓޭޓް ކޮންޓްރޯލްކުރުމުގެ މަސައްކަތް ބަލަހައްޓައި ވިލަރެސްކުރުން.
  27. ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޕައިލޮޓޭޖްގެ ޚިދުމަތާއި، ކޯސްޓަލް ނެވިގޭޝަންގެ ޚިދުމަތްދިނުމާއި، ވިޔަފާރި ބަނދަރުތަކުން ފޯރުކޮށްދޭންޖެހޭ މެރީން ސަރވިސްގެ ކަންތައްތައް ވިލަރެސްކުރުން.
  28. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  29. ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގައި ދިމާވާ ހާދިސާތަކުގެ އަލީގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ ފަދަ ކަންކަމުގެ މައުލޫމާތު އާންމުކުރުން.
  30. ރާއްޖޭގެ ސަރަހައްދުގައި ކަނޑުމަގުން ހިންގާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމާއި، އެ ކަންކަން ވިލަރެސްކުރުން.
  31. ރާއްޖޭގައި ކަނޑުގެ އުޅަނދު ބަންނަ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި ރާއްޖޭގައި ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ބަނުމާއި މަރާމާތުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން.
  32. ރާއްޖެއަށް އެތެރެކުރާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ މާވަޑިކަން ޤަބޫލުކުރާނެ މިންގަނޑުތައް ކަނޑައެޅުން.
  33. ޓެކްސީ ޑްރައިވަރުންގެ ދަފުތަރު އެކުލަވައިލުމުގެ އުސޫލުތައް އެކަށައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން.
  34. އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާއިން، ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި، ކޮމިޓީތަކާ ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެ ފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެ ފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.
  35. އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެ ފަދަ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.
  36. އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާގެ ހޯދުންތަކާއި، ދިރާސާތަކާއި، ތަޙުޤީޤުތަކާއި، ތަފާސްހިސާބު އެއްކުރުމާއި، މި ކަންކަމާ ގުޅިގެން އެކުލަވައިލަންޖެހޭ ރިޕޯޓްތައް އެކުލަވައިލައި ޝާއިޢުކުރުން.
  37. ރާއްޖޭގައި ބިދޭސީން އަމިއްލައަށް ވިޔަފާރި ހިންގުމާއި، ރާއްޖޭގައި ދިވެހިންނާ ގުޅިގެން ބިދޭސީން ވިޔަފާރި ހިންގުމާއި، އިންވެސްޓްކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި، އެ އިންވެސްޓްމަންޓުތައް ރަޖިސްޓަރީ ކުރުމާއި، މި ކަންކަމާ ގުޅިގެން ހިންގަންޖެހޭ ކަންތައްތައް ގަވާއިދުން ހިންގައި ބެލެހެއްޓުން.
  38. ރާއްޖޭގައި ކުދި ފަންތިއާއި، މެދު ފަންތީގެ ވިޔަފާރިތައް (ސްމޯލް އެންޑް މީޑީއަމް އެންޓަރޕްރައިޒަސް) ތަރައްޤީކުރުމުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، މި ފަދަ ވިޔަފާރިތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކޮށް، ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިޒަސްއަށް ބޭނުންވާ ސިޔާސަތުތައް އެކަށައެޅުން.
  39. އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދާއިރާތަކަށް ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް މިނިސްޓްރީން ދޭންޖެހޭ ފަންނީ ލަފާ ދިނުން.
  40. ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި، ރާއްޖޭގައި އުފެދޭ އަދި އުފައްދާ ތަކެތި ގަނެ ވިއްކުމުގެ ވިޔަފާރީގެ ކަންތައްތައް ބެލެހެއްޓުން.
  41. ޤާނުނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓްގެ ޤާނޫނު) ދަށުން ރާއްޖެއަށް މުދާ އެތެރެކުރުމާއި، ރާއްޖެއިން މުދާ ބޭރުކުރުމާ ބެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރުން. އަދި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ އެކްސްޕޯޓް އިތުރުކުރުމަށް ސިޔާސަތުތައް އެކަށައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުން.
  42. ވިޔަފާރިކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ވިޔަފާރިއާގުޅޭ (ގަނެވިއްކުމާއި ޚިދުމަތްތައް ހިމެނޭ ގޮތުން) މިންގަނޑުތައް ކަނޑައެޅުމާއި، ފެއަރ ޓްރޭޑްއާގުޅޭ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކޮށް ހިންގުން.
  43. ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރުން.
  44. ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގައި ބަޔާންކުރާ ވިޔަފާރި (ކުންފުނި، ޕާޓްނަރޝިޕް،  ކޯޕަރޭޓިވް ސޮސައިޓީ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި) ރަޖިސްޓްރީކުރުމާއި، ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  45. ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ދެނެގަނެ، ކަމާބެހޭ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  46. ރާއްޖޭގައި އިންވެސްޓްކުރުމާބެހޭ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރަމުންދޭތޯ ބެލުމާއި، އިންވެސްޓްމަންޓްތަކާ ބެހޭ މައުލޫމާތުގެ އަލީގައި ދާއިރާގެ ސިޔާސަތު ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުން.
  47. އިގުތިސާދީ އެއްބާރުލުމާ ބެހޭ ބައިނަލްއަގުވާމީ ވިޔަފާރި ޖަމުޢިއްޔާތަކުގެ ތެރެއިން، ރާއްޖެ ބައިވެރިވާ ޖަމުޢިއްޔާތަކުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަރަކާތްތެރިވުން.
  48. މަލްޓިލެޓަރަލް، ރީޖަނަލް އަދި ބައިލެޓަރަލް ފަންތީގައި ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިންވެސްޓްމަންޓުތައް ގާއިމުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމާއި، މި މަސައްކަތްތައް ފުޅާކުރުމާއި، އެ ކަންކަމާ ބެހޭ މަސައްކަތްތައް ވިލަރެސްކުރުން.
  49. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
  50. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުގެ ދަށުންނެވެ.

(ހ) އިންވެސްޓް މޯލްޑިވްސް

(ށ) މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް

(ނ) ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް

(ހ) އިންވެސްޓް މޯލްޑިވްސްގެ މަސައްކަތްތައް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދާއެކު، މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން އަންނަނިވި ކަންކަން ކުރުން؛

  1. ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓުކުރާ މިންވަރު އިތުރުކުރުމަށް ޓަކައި ކޮންފަރަންސްތަކާއި ސެމިނާރުތައް ރާއްޖެއާއި ބޭރުގެ ޤައުމުތަކުގައި ބޭއްވުމުގެ އިންތިޒާމު ހަމަޖެއްސުމާއި، އިންވެސްޓްމަންޓް ޕްރޮމޯޝަންގެ އެހެނިހެން ހަރަކާތްތައް ހިންގުމާއި، ބޭރުގެ އިންވެސްޓަރުންނާ ދިވެހި ވިޔަފާރިތަކާ އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ހަރަކާތްތައް ހިންގުން.
  2. ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކުރާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އިގުތިސާދާއި ވިޔަފާރީގެ ދާއިރާއާގުޅޭ މައުލޫމާތާއި، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރި ފެށުމަށް ނުވަތަ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  3. ސަރުކާރުން ރާވައި ހިންގަން ކަނޑައަޅާ ބޮޑެތި މަޝްރޫޢުތަކުގެ އިންވެސްޓްމަންޓްތައް ޕްރޮމޯޓުކުރުމުގެ  މަސައްކަތްތައް ކުރުން.
  4. ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްޤީއަށް މުހިންމު ދާއިރާތައް ކަމަށް އިކޮނޮމިކް ކައުންސިލުން ކަނޑައަޅައި އިސްކަންދީފައިވާ ތަރުތީބުން، އެ ދާއިރާތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ޕްރޮމޯޓްކުރުން.
  5. ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓަރުން އިތުރުކުރުމަށް ޓަކައި ޤައުމުތަކުގެ ސަރުކާރުތަކާއި ސަރަހައްދީ އަދި މަލްޓިލެޓަރަލް އިދާރާތަކާއި ޖަމާޢަތްތަކާއެކުގައި ހަރަކާތްތައް ހިންގުން.
  6. ރާއްޖޭގައި ބިދޭސީން އަމިއްލައަށް ވިޔަފާރި ހިންގުމަށާއި، ރާއްޖޭގައި ދިވެހިންނާ ގުޅިގެން ބިދޭސީން ވިޔަފާރި ހިންގުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތައް ދިރާސާކޮށް (އެޕްރެއިޒްކޮށް)، އެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުއްދަދިނުމާއި، މި ކަންކަމާ ގުޅިގެން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  7. ސަރުކާރުން ކުރިޔަށްގެންދަން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ކުރިޔަށް ގެންދަން ކަނޑައަޅާ މަޝްރޫޢުތަކަށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު އިންވެސްޓަރުން ހޯދުމާއި، އެ މަޝްރޫޢުތަކަށް އިންވެސްޓްމަންޓް ހަމަޖެހެންދެން ޓްރާންސެކްޝަން ޕްރޮސެސް މެނޭޖްކުރުން.
  8. އަންސޮލިސިޓެޑް ޕްރޮޕޯޒަލް ޕޮލިސީގެ ދަށުން ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތަކާގުޅޭ އިދާރީ މަސައްކަތްތައް ހިންގުން.
  9. އިންވެސްޓްމަންޓްތަކާބެހޭ މައުލޫމާތު އެއްކޮށް، އެ މައުލޫމާތުގެ ބޭނުންކޮށްގެން ކަމާބެހޭ ދިރާސާތައް ކުރުން.
  10. ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، އެ ނޫން ވެސް ޤާނޫނުތަކުން ބޯޑް އޮފް އިންވެސްޓްމަންޓްގެ މަސްއޫލިއްޔަތު ކަމުގައި ހަމަޖައްސާ ކަންތައްތައް، އިދާރީ ގޮތުން ހިންގައި ބެލެހެއްޓުމާއި، އެ ބޯޑަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ފަންނީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަން ދިނުން.
  11. ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމުގައި ބޯޑް އޮފް އިންވެސްޓްމަންޓްއަށް އެހީތެރިވެދިނުން.
  12. ބޯޑް އޮފް އިންވެސްޓްމަންޓްއިން އެކުލަވައިލާ ޓެކްނިކަލް ކޮމިޓީގެ ކަންތައްތައް އިދާރީ ގޮތުން ހިންގައި ބެލެހެއްޓުމާއި، އެ ކޮމިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަން ދިނުމާއި، ބޯޑް އޮފް އިންވެސްޓްމަންޓްއާ ޓެކްނިކަލް ކޮމިޓީއާ ދެމެދު ވިލަރެސްކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުން.
  13. ބޯޑް އޮފް އިންވެސްޓްމަންޓްގެ ނިންމުންތައް ތަންފީޒުކުރުން.

(ށ) މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2025/12 (މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނު)ގެ 5ވަނަ މާއްދާގައި، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ތިރީގައި މި ވަނީއެވެ.

  1. ފިކުރީ މުދާ ރަޖިސްޓަރީކުރުން.
  2. ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލުގެ ދަފުތަރެއް އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުން.
  3. ސަރަހައްދީ އަދި ބައިނަލްއަގުވާމީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޖަމާޢަތްތަކާ ގުޅުން ގާއިމުކޮށް ބަދަހިކުރުމާއެކު އެ ޖަމާޢަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުން.
  4. ފިކުރީ މުދަލާގުޅޭ ބައިނަލްއަގުވާމީ މުޢާހަދާތަކުގައި ބައިވެރިވުމާގުޅޭ ކަންކަމާއި، އެ މުޢާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމާއި ވިލަރެސްކުރުން.
  5. ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުން.
  6. ފިކުރީ މުދަލާގުޅޭ ގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ދަށުން ލިބިދޭ ޙައްޤުތަކާގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައް ހިންގުން.
  7. ފިކުރީ މުދަލާގުޅޭ، ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އެ ޤާނޫނުތަކުގެ ދަށުން އެ ޚިދުމަތްތަކަށް ކަނޑައަޅައިފައިވާ ފީ ނެގުން.
  8. މި ޤާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ޤާނޫނުތަކުގެ ދަށުން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މަސްއޫލިއްޔަތުތައް ކަމުގައި ކަނޑައަޅާ އެ ނޫން ވެސް މަސްއޫލިއްޔަތުތައް އަދާކުރުން.

(ނ) ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2026/16 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު)ގެ 96ވަނަ މާއްދާގެ (ހ)ގައި، މާލެ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގުމުގެ ގޮތުން، ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ތިރީގައި މި ވަނީއެވެ.

  1. މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށާއި މަގުތައް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި ޕުރޮގުރާމުތައް ކަނޑައެޅުން.
  2. މާލެ ސަރަހައްދުގައި ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި، އަރބަން ޕްލޭނިންގ މިންގަނޑުތަކަށް ޚާއްޞަ އިސްކަމެއް ދީގެން އެ ސަރަހައްދުގެ މަގުތައް ރޭވުމާއި، ތަރައްޤީކުރުން.
  3. މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ކޯޓާ ނިޒާމެއް ގާއިމުކުރުމާއެކު، ކޮންމެ އަހަރަކު          އެ ސަރަހައްދުން ނައްތާލެވޭ ނުވަތަ ރަޖިސްޓްރޭޝަން ބާޠިލުކުރެވޭ އުޅަނދުގެ ޖުމްލަ ޢަދަދުގެ %30 (ތިރީސް އިންސައްތަ) އަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އަލަށް އުޅަނދު ރަޖިސްޓަރީކޮށްދިނުން.
  4. މާލެ ސަރަހައްދަށް ޚާއްޞަ ޕާކިންގގެ ތަފާތު ނިޒާމުތައް ތަރައްޤީކުރުމާއި، ޕާކުކުރުމުގެ ޚާއްޞަ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން.
  5. އަންނަނިވި ކަންކަން ހިމެނޭހެން، ދެމެހެއްޓެނިވި ގޮތެއްގައި އާންމުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ފަދަ އާންމު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް ހިންގުން.
  • ސްކޫލް ކުދިންގެ ޚާއްޞަ ބަހުގެ ޚިދުމަތް.
  • އާންމު ދަތުރުފަތުރުގެ ބަހުގެ ޚިދުމަތް.
  1. މާލެ ސަރަހައްދުގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށާއި، އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި އެ އުޅަނދުތައް ބޭނުންކުރާ މުއްދަތުގައި ހިފެހެއްޓުމަށްޓަކައި، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި އުޅަނދުތަކުގެ ރޯޑްވަރދިނަސް އިންސްޕެކްޝަން ހެދުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮޓޮމޭޓެޑް ވެހިކަލް އިންސްޕެކްޝަން ނިޒާމެއް ގާއިމުކުރުން.
  2. އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުން ކުރަންވާނެ ކަމަށް ކަނޑައަޅައިފައިވާ އެންމެހައި މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް.

Read the official mandate (PDF)