
Utility Regulatory Authority
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
Details
Leadership
Yazeed Ahmed
Chief Executive
Social media
Mandate
Mandate (71)
ޤާނޫނު ނަންބަރު 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 4ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
- އާންމު ބޭނުންތަކުގެ ޚިދުމަތުގެ ދާއިރާ ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކުރުމަށް ހިތްވަރުދީ، އެ ދާއިރާ ކުރިއެރުވުން.
- އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި ބޭނުންކުރުމުގައި ޢަމަލުކުރުމަށް ހަދާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.
- އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމުގައި ހަމަޖެހޭ ވާދަވެރި ވެށްޓެއް ގާއިމުކޮށް ކުރިއަރުވައި ތަރައްޤީކުރުން.
- އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމުގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާއި ދެމެހެއްޓެނިވި ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމާ ދެކޮޅު ކަންތައްތައް ދެނެގަތުމާއި އެ ފަދަ ކަންކަން ހުއްޓުވުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ބެހޭ ޚާއްޞަ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމާއި، އެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބެލުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ދޫކުރާ ލައިސަންސާ އެއްގޮތަށް ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަމުންދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅު އެޅުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ބެހޭ ޚާއްޞަ ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޚިދުމަތުގެ އަގުތައް ފާސްކުރުމާއި، އަގު ކޮންޓްރޯލުކުރުމާއި، އަގާ ބެހޭ އެހެނިހެން ކަންކަން ބެލެހެއްޓުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްދިނުމާގުޅޭ ގޮތުން ޚިދުމަތްދޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމާއި އެފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ގޮތުން ދޭދޭ ފަރުދުންގެ މެދުގައި ވެވޭ އެއްބަސްވުންތަކާ ގުޅިގެން ޖެހޭ މައްސަލަތައް ބަލައި އެ ކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- އާންމު ބޭނުންތަކުގެ ޚިދުމަތް ބޭނުންކުރާ ނުވަތަ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ޝަކުވާއާއި ދިމާވާ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން.
- އާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ތަންތަނާއި ވަސީލަތްތައް ބަލައި ފާސްކޮށް، އެ ފަދަ ތަންތަނާއި ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަދިނުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މިންގަނޑުތަކާއި ގައިޑްލައިންތަކާއި ކަމާގުޅޭ އާންމު ގަވާއިދުތައް އާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތައް ގާއިމުކުރުމުގައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ބާރުއަޅައި، ހިތްވަރުދިނުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ގުޅުންހުރި ކަންކަމާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްދިނުމުގައި އިސްރާފު ކުޑަކުރުމާއި، ފެންވަރާއި އެފިޝަންސީ ރަނގަޅުކުރުމަށް ބާރުއެޅުން.
- މި ޤާނޫނަށް ޢަމަލުކުރަން ފަށާފަހުން ގާއިމުކުރެވޭ އާންމު ބޭނުންތަކުގެ ޚިދުމަތްތައް ގާއިމުކޮށް ހިންގުމުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ އެންމެ މަތީ މިންވަރަކަށް ބޭނުންކުރާކަން ކަށަވަރުކުރުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ބެހޭ ދާއިރާތަކާގުޅޭ ތަފާސްހިސާބު އެކުލަވާލައި ޝާއިޢުކުރުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ބެހޭ ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މަސައްކަތްތެރިންނަށް ހުއްދަ ދިނުން.
- މި ޤާނޫނުގެ ދަށުން ނުވަތަ އާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނެއްގެ ދަށުން އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ކުރުމާއި، އާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމާގުޅޭ އެ ނޫން ވެސް ކަންކަން މި ޤާނޫނާއި އާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކުރުން.
ޤާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ޤާނޫނު) ގެ 11ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
- މި ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނޭ ގަވާއިދުތައް ހެދުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ދިވެހިރާއްޖޭގައި ފެން އުފައްދާ ފަރާތްތަކަށާއި ނަރުދަމާގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، އެ ތަންތަނާ ބެހޭ މައުލޫމާތު ދަފުތަރުކޮށް، ކަމާ ބެހޭ މައުލޫމާތު އާންމުކުރުން.
- އާންމު ބޭނުންތަކަށާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ އެކިއެކި މަސައްކަތް ހިންގާ ފަރާތްތަކުން ބަހައްޓާ މީރުފެން އުފައްދާ ޕްލާންޓްތައް ރަޖިސްޓަރީކޮށް އެ ތަންތަނާ ބެހޭ މައުލޫމާތު ދަފުތަރުކޮށް، ބެލެހެއްޓުން.
- ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރެވިފައިވާ ރަށްރަށުގައި ދިރިއުޅޭ ކޮންމެ ފަރުދަކަށް، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ އުމުރަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ ސިޔާސީ ނުވަތަ އެ ނޫން ވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް، ނުވަތަ އުފަން ރަށަށް، ނުވަތަ މި ނޫން ވެސް ކަމަކަށް ބަލައި ތަފާތުކުރުމެއް ނުގެންގުޅޭކަން ކަށަވަރުކުރުން.
- ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރެވިފައިވަނީ، އެ ފަދަ ނިޒާމުތައް ފަރުމާކުރުމަށް މި ޤާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވައިލާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި، އެ ފަރުމާތައް ފާސްކޮށް ހުއްދަދިނުން.
- ފެން ވައިރުކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ ފަރާތްތަކުގެ ފެންވަރު ވަޒަންކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ އިންޖިނިއަރުންނަށާއި، ފެންވައިރުކުރާ ފަރާތްތަކަށް އެކަމުގެ ލައިސަންސް ދޫކުރުމާއި، އެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލައި، އާންމުކުރުން.
- އޮތޯރިޓީން ތަންފީޒުކުރާ ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތަކަށް އާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުން.
- ފެނާއި ނަރުދަމާގެ ޚިދުމަތަށް އަގު ނަގަމުންދަނީ ކަމާގުޅޭ ގޮތުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން.
- މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.
- ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނުގެ ޚިދުމަތާއި ނަރުދަމާގެ ޚިދުމަތް، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދެމުން ގެންދާކަން ކަށަވަރުކުރުން.
- ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކުރަނީ އެ ރަށަކާ އެންމެ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއްކަން ކަށަވަރުކުރުން.
- ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން.
- ވިޔަފާރިއާއި އާންމު ބޭނުންތަކަށް އުފައްދާ ފެނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން.
- އާންމު ބޭނުންތަކަށް ފޯރުކޮށްދޭ ފެނުގެ ފެންވަރު، ލޯކަލް ކައުންސިލުތަކާއި ޚިދުމަތްދޭ ފަރާތާ ގުޅިގެން ކަށަވަރުކުރުން.
- ފެނާއި ނަރުދަމާގެ ޚިދުމަތާގުޅޭ އެންމެހައި މައުލޫމާތާއި ތަފާސްހިސާބު އެއްކުރުމާއި، މިނިސްޓްރީއަށް ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީއަށް އެ ފަދަ މައުލޫމާތު ފޯރުކޮށްދިނުން.
- ޚިދުމަތްދޭ ފަރާތުން ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ޚިދުމަތް ދެމުންދާކަން ކަށަވަރުކުރުން. މި ގޮތުން، ފެނާއި ނަރުދަމާގެ ޚިދުމަތުގެ ސަލާމަތްތެރިކަން ކަށަވަރުކުރެވޭނެ ގޮތުގެމަތިން، ފެނުގެ ޕްރެޝަރާއި، ފެނުގެ ފެންވަރާއި، ނަޖިސްފެން ޓްރީޓްކުރާ މިންގަނޑުތަކާއި، ފެން ދަތުރުކުރާ ބާރުމިނާއި، ޚިދުމަތަށް ބިލުކުރާ އުސޫލާއި، ފެން މީޓަރާގުޅޭ ކަންކަމާއި، ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ ކަންކަން ބަލަހައްޓަމުން ގެންދިޔުން.
- ނަރުދަމާއާއި މީރުފެން އުފައްދާ ފެން ޕްލާންޓްތަކުން ބޭރުކުރާ ފެނުގައި ހުންނަންޖެހޭ މިންގަނޑު ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން.
- ފެނާއި ނަރުދަމާއާގުޅޭ ގޮތުން ކުރަންޖެހޭ ދިރާސާތަކަށް ބޭނުންވާ މައުލޫމާތު އެއްކޮށް، އާންމު ފަރާތްތަކުން މި ފަދަ ދިރާސާތައް ކުރުމަށް ބާރުއަޅައި މި މައުލޫމާތު ހާމަކުރުން.
- ފެން ފޯރުކޮށްދިނުމާއި ފެން ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އަދި އިކުއިޕްމަންޓް ފަދަ ތަކެތީގައި ފެން އިސްރާފުވުން ކުޑަކުރުމަށް ބޭނުންވާ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން ކަނޑައެޅުން.
ޤާނޫނު ނަންބަރު 2021/18 (ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނު)ގެ 9ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
- މި ޤާނޫނާއި މި ޤާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވައިލާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.
- ހަކަތައިގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، އާކުރުމާއި، ބަދަލުގެނައުމާއި، ބާޠިލުކުރުމާއި، ހިފެހެއްޓުން.
- ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފެންވަރު ކަނޑައެޅުމާއި، ފެންވަރު ވަޒަންކުރުމާއި، ގިންތިކުރުމާއި، ޚިދުމަތުގެ ދާއިރާތައް ކަނޑައެޅުން.
- ކަރަންޓް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމާއި، އަގު މުރާޖާކުރުމާއި، މޮނިޓަރކުރުމާއި، ބަދަލުގެނައުން.
- ހަކަތައިގެ ޚިދުމަތްދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުން.
- ހަކަތައިގެ ޚިދުމަތްދޭ ފަރާތްތައް މޮނިޓަރކުރުމާއި، ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުން.
- ހަކަތައިގެ ދާއިރާއާގުޅޭ ގޮތުން، ކަމާ ބެހޭ އިދާރާތަކުގެ މަޝްވަރާއާއެކު ތިމާވެށްޓާއި، އާންމު ޞިއްޙަތާއި، ރައްކާތެރިކަމާ ބެހޭ މިންގަނޑުތައް ހަދައި، އާންމުކޮށް، ތަންފީޒުކުރުން.
- ކަރަންޓް ގަނެ ވިއްކުމުގެ އެއްބަސްވުންތަކާއި، ކަރަންޓުގެ ވިއުގައިގެ ޚިދުމަތް ދިނުމާ ބެހޭ އެއްބަސްވުންތައް ފާސްކުރުން.
- ހަކަތައިގެ ޚިދުމަތަކާގުޅޭ ގޮތުން މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ބެލޭ ހާލަތުގައި، ތަންތަނަށް ވަނުމާއި، ބަލައި ފާސްކުރުން.
- މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުންތައް އެންގުން.
- ހަކަތައިގެ ދާއިރާއާގުޅޭ ގޮތުން އަންނަނިވި ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.
- ހަކަތަ އުފެއްދުމާއި، ހަކަތަ ފޯރުކޮށްދިނުމާއި، ފެތުރުމާއި، ބޭނުން ކުރުން.
- ޕެޓްރޯލިއަމްއާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި، ރީ-އެކްސްޕޯޓްކުރުމާއި، ސާފުކުރުމާއި، ރާއްޖެއިން ބޭރު ކުރުމާއި، އެއްތަނުން އަނެއް ތަނަށް އުފުލުމާއި، ރައްކާކުރުމާއި، ވިއްކުން.
- އިޢާދަކުރަނިވި ހަކަތަ އުފެއްދުމާއި، ފޯރުކޮށްދިނުމާއި، ފެތުރުމާއި، ވިއްކުމާއި، މާކެޓް ކުރުމާއި، ބޭނުން ކުރުން.
- ހަކަތަ ގަންނަ ފަރާތްތަކާއި، ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުން.
- ހަކަތައިގެ ދާއިރާއާގުޅޭ އެންމެހައި މައުލޫމާތާއި ތަފާސްހިސާބު އެއްކުރުމާއި، ދިރާސާކުރުމާއި، ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީއަށް އެ ފަދަ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން.
- އެނަރޖީ އެފިޝެންސީގެ ފެންވަރު ވަޒަންކުރާނެ ލެބޯޓަރީތައް އުފެއްދުމަށް ފުރުޞަތު ތަނަވަސްކޮށް، ކަމާގުޅޭ ގޮތުން މިނިސްޓްރީން އެކުލަވައިލާ ގަވާއިދާ އެއްގޮތަށް އެ ތަންތަން ރެގިއުލޭޓްކޮށް ފެންވަރު ވަޒަންކޮށް ލައިސަންސް ދިނުން.
- ކަމާ ބެހޭ އިދާރާތަކުގެ މަޝްވަރާއާއެކު، ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ ހަކަތަ ބޭނުންކުރާ އާލާތްތަކުގައި ހުންނަންވާނެ އެންމެ ދަށް މިންގަނޑު ކަނޑައެޅުން.
ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު)ގެ 10ވަނަ މާއްދާގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
- މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އެ ޒިންމާ އަދާކުރޭތޯ ބެލުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ސީދާ އޮތޯރިޓީން ނުވަތަ ވަކިކަމެއް ބެލުމަށް އޮތޯރިޓީން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކުރުން.
- ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކަށް ހުއްދައާއި ލައިސަންސް ދޫކުރުމާއި، އާކޮށްދިނުމާއި، ބަދަލު ގެނައުމާއި، ބާޠިލުކުރުން.
- ކުނި މެނޭޖުކުރުމުގެ ޚިދުމަތްތައް ހިންގުމުގައި ޢަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ތަންފީޒުކުރުމާއި، އެ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ކުނި މެނޭޖުކުރާ މަރުކަޒުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ސަރަހައްދުތައް ކަނޑައެޅުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ޚިދުމަތްދިނުމާ ބެހޭ ގޮތުން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި މިންގަނޑުތައް ތަންފީޒުކުރުން.
- މި ޤާނޫނާއި އަދި އާންމު ޚިދުމަތްތައް ދިނުމާގުޅޭ އެހެނިހެން ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އާންމު ބޭނުންތަކުގެ ޚިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދެމުން ގެންދޭތޯ ބެލުމާއި، އެ ފަދަ ޚިދުމަތްތައް ދިނުމުގައި ލާޒިމުކުރާ މިންގަނޑުތަކަށް ޢަމަލުކުރަމުންދޭތޯ ބަލައި ކަށަވަރުކުރުން.
- މި ޤާނޫނާއި، މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ޚިދުމަތްތައް ހިނގަމުންދޭތޯ ބެލުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ސީދާ އޮތޯރިޓީން ނުވަތަ ވަކިކަމެއް ކުރުމަށް އޮތޯރިޓީން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކުރުން.
- އާންމު ބޭނުންތަކުގެ ޚިދުމަތްތަކާ ބެހޭ ޚާއްޞަ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ޚިދުމަތުގެ އެންމެ މަތީ އަގު ކަނޑައެޅުމާއި، އަގު މުރާޖާކުރުމާއި، ބަދަލު ގެނައުން.
- ކުނި މެނޭޖުކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ތަންތަނާއި ވަސީލަތްތައް ބަލަންޖެހޭ ހާލަތެއްގައި އެ ފަދަ ތަންތަން ބަލައި ފާސްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް އެކަށީގެންވާ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ދެމެހެއްޓެނިވި ގޮތުގައި ހިންގަމުންދާކަން ކަށަވަރުކުރުން.
- ކުނި މެނޭޖުކުރުމާގުޅޭ ގޮތުން މި ޤާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ކުރުން.