
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
Ministry of Islamic Affairs and Endowments
ތަފްޞީލު
ވެރިން

ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
އަޙްމަދު ޢަދީލް
ޕަރމަނަންޓް ސެކްރެޓަރީ
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (87)
- ދީނީ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމާއި، ދައުލަތުގެ ފަރާތުން އިސްލާމީ ޝިޢާރު ފާޅުކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން.
- ދިވެހީންގެ މެދުގައި އިސްލާމީ ވަޙުދަތު ހިފެހެއްޓުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕުރޮގުރާމުތައް ރާވައި ހިންގުން.
- ޤާނޫނު ނަންބަރު 6/94 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ތަންފީޒުކުރުމަށް މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.
- ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދުގެ ޚުޠުބާ އެކުލަވައިލައި އާންމުކުރުން.
- ރާއްޖޭގައި ނެރޭ ދީނީ ފޮތްތަކާއި ދީނީ ލިޔުންތަކާއި، ރާއްޖެއިން ބޭރުން ގެންނަ ދީނީ ފޮތްތަކާއި ލިޔުންތައް ބަލައި ފާސްކުރުން. އަދި، ރާއްޖެއަށް އެތެރެކުރެވޭ ލިޔުންތަކާއި ފޮތްތަކާއި ރާއްޖޭގައި ނެރޭ ފޮތްތަކާއި ލިޔުންތަކުގައި އިސްލާމްދީނާ ޚިލާފުވާ ފަދަ ވާހަކަތައް ހުރިތޯ ބަލައި އެ ފަދަ ކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުން.
- މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލީހުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ރާއްޖޭގެ ރަށްރަށަށް ބޭނުންވާނެ މިސްކިތްތަކުގެ އަދަދު ކަނޑައެޅުމާއި، މިސްކިތްތައް އިމާރާތްކުރުމާއި، މިސްކިތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- މިސްކިތް އިމާރާތްކުރަން އެދޭ ފަރާތްތަކަށް އެ ކަމުގެ ހުއްދަދިނުން.
- ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް އިމާރާތްކުރުމާއި، އިސްލާމީ މަރުކަޒުތައް ބަލަހައްޓައި އެ ތަންތަނުން ޚިދުމަތްދިނުން.
- ރާއްޖޭގެ ރަށްރަށުގައި ހުކުރު ނަމާދުކުރުމުގެ ހުއްދަ ދޫކުރުމާއި، ރާއްޖޭގެ މިސްކިތްތަކަށް ބޭނުންވާ އިމާމުން ބިނާކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން.
- މިސްކިތްތަކަށް އިމާމުން އައްޔަންކުރުމާއި، އިމާމުންގެ މަސައްކަތްތައް ބެލެހެއްޓުން.
- ރަމަޟާންމަހާއި، ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުމާއި، ހަނދު ސާބިތުކުރުމާ ބެހޭގޮތުން ސަރުކާރުން ނިންމާ ގޮތް ކަނޑައަޅައި އިޢުލާނުކުރުން.
- ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުން މަނާކުރުމާއި، މި ފަދަ މާނައެއް ކުރެވޭގޮތަށް ހިންގާ ކަންތައްތައް މަނާކުރުމާއި، އެ ކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- އިސްލާމީ މަރުކަޒުގައިވާ އިސްލާމީ ކުތުބުޚާނާ ހިންގައި ބެލެހެއްޓުން.
- ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުން.
- ރާއްޖޭގެ މިސްކިތްތަކުގައި، ފަރުޟު ނަމާދުތަކާއި ހުކުރުނަމާދާއި ޢީދު ނަމާދާއި ކޭތަ ނަމާދާއި އެހެނިހެން ސުންނަތް ނަމާދުތައް ކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސާކަން ކަށަވަރުކުރުމާއި، އެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަހައްދުތަކުގެ ގަބުރުސްތާނުތައް ބަލަހައްޓާނެ އުސޫލުތަކާއި، ކަށުކަމާކެމީގެ ކަންކަން ހިންގާނެ ގޮތުގެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތަކާ އެއްގޮތަށް އެ ކަންކަން ހިނގާތޯ ބެލުން.
- ރާއްޖޭ މިސްކިތްތަކުގައި ޤުރުއާން ކުލާސްތައް ހިންގުމާއި، ދީނީ ދަރުސް ދިނުމާއި، އެހެނިހެން ހަރަކާތްތައް ހިންގުމަށް ހުއްދަ ދިނުމާއި، މި ކަންކަން މޮނިޓަރކޮށް ބެލެހެއްޓުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤުރުއާނާ ބެހޭ މަރުކަޒުތަކާއި ޤުރުއާން ކުލާސްތައް އިމާރާތްކުރުން.
- ރާއްޖެއަށް ބޭނުންވާ މިންވަރަށް ކަށުކަމާކެމީގެ ކަންތައްކުރާނެ މީހުން ބިނާކުރުމާއި ކަށުކަމާކެމީގެ ކަންތައްތައް ހިންގުމުގައި ލޯކަލް ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީއާއި، ލަފާދިނުން.
- ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ސަރުކާރުން ހަމަޖައްސާ ބޭފުޅުން، ރަސްމީ އިއްޒަތުގައި ފަސްދާނުލުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ މީހުންނާ ބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ރާއްޖެއިން ޙައްޖަށާއި ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެ ކަމަށް ހުއްދަ ދިނުމާއި، އެ ފަދަ ކުންފުނިތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ޙައްޖާއި ޢުމްރާގެ ކަންތައްތައް ބެލެހެއްޓުމާގުޅޭ އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތަކާ އެއްގޮތަށް ޙައްޖާއި ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަމުންދާކަން ކަށަވަރުކުރުން.
- ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންތައްތައް ބެލެހެއްޓުމަށް އެހީތެރިވުމަށް ޓަކައި، ޙައްޖު މޫސުމުގައި މައްކާގައި ޙައްޖު މިޝަނެއް އެކުލަވައިލައި، އެ މިޝަނުގެ ކަންތައްތައް ބެލެހެއްޓުން.
- ޣައިރު މުސްލިމުން އިސްލާމްދީން ގަބޫލުކުރުމުން ދޭ ސެޓްފިކެޓް ދޫކުރުމާއި، އިސްލާމްދީނާ ބެހޭ އަސާސީ މައުލޫމާތު އެ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ރާއްޖޭން ބޭރުން ދީނީ ތަޢުލީމު ހާސިލުކުރާ ޢިލްމުވެރިންނާ ބެހޭ މައުލޫމާތު ބެލެހެއްޓުން.
- އިމްސާކިއްޔާ ތައްޔާރުކޮށް ޝާއިޢުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
- އިސްލާމްދީނާއި ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ތަޢުލީމީ ދާއިރާގައި ބޭނުންކުރާ ފޮތްތައް ފާސްކުރުމާއި، ތަޢުލީމީ ދާއިރާއާގުޅޭ ދީނީ ކަންކަމުގައި ކަމާ ބެހޭ މިނިސްޓްރީއަށް ލަފާދިނުމާއި، ކިޔަވާކުދިންގެ މެދުގައި ދީނީ ވަޙުދަތު ހިފެހެއްޓުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ޕުރޮގުރާމުތައް ހިންގުން.
- ކިޔަވާކުދިންގެ މެދުގައި އިސްލާމީ ޢަޤީދާ ވަރުގަދަކުރުމަށް ޓަކައި، ޕްރައިމަރީ އިސްކޫލުން ފެށިގެން އިސްކޫލު ދައުރު ނިމެންދެން އިސްލާމީ ތަހުޒީބާއި ތަރައްޤީގެ މަގުން ދީނީ ކަންކަމަށް ރައްކާތެރިވުމުގެ މުހިންމުކަމުގެ މައްޗަށާއި، އެހެން މީހުންގެ ޚިޔާލާއި ޙައްޤުތަކަށް ރައްކާތެރިވުމަށް ބާރުއަޅާނޭ ގޮތުގެ މަތިން، ކަރިކިއުލަމް އެކުލަވައިލުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ލަފާދިނުން.
- ދީނީ ދަރުސްތައް ދިނުމާއި ދީން އުނގަންނައި ދިނުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުން.
- ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ބާވަތްތަކަށް ޙަލާލު ސެޓްފިކެޓް ދޫކުރުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކާ އެއްގޮތަށް ޙަލާލު ސެޓްފިކެޓް ދޫކުރުމުގެ ކަންކަން ތަންފީޒުކުރުން.
- ރާއްޖޭގެ ރަސްމީ ކަލަންޑަރު (މީލާދީ ތާރީޚާއި، ހިޖުރީ ތާރީޚާއި، ނަކަތްތަކާއި ބަންދު ދުވަސްތައް އެނގޭގޮތަށް) ނެރުމަށް ބޭނުންވާ މައުލޫމާތު ކޮންމެ އަހަރަކު އާންމުކުރުން.
- ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގައި ރަޖިސްޓަރީކުރެވޭ ކޮންމެ ދިވެހިރައްޔިތަކަށް ކިޔާ ނަމަކީ އިސްލާމީ މިންގަނޑުތަކަށް ފެތޭ ނަމެއްކަން ކަށަވަރުކުރުން.
- ރާއްޖޭގައި އައުޤާފުގެ މަސައްކަތް ފުޅާކޮށް ތަރައްޤީކުރުމާ ބެހޭ ސިޔާސަތުތައް އެކަށައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުން.
- ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ އެންމެ އާބާދީބޮޑެތި ރަށްތަކުގައި ވަޤުފް އިމާރާތްތައް އެޅުމުގެ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުން.
- ރާއްޖޭގައި ވަޤުފު ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް އަމިއްލަ ފަރާތްތަކާ ގުޅިގެން ވަޤުފު މަޝްރޫޢުތައް ރާވައި ހިންގުން.
- ރާއްޖޭގައި އައުޤާފުގެ މަސައްކަތްތައް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހޯދުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
- ދިވެހިރާއްޖޭގައި އައުޤާފުގެ ކަންކަން ރެގިއުލޭޓްކުރުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އައުޤާފާ ބެހޭ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ މަޝްވަރާއާއި ލަފާދިނުން.
- ޙައްޖާއި ޢުމުރާއާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނަށް ދީނީގޮތުންނާއި ފަންނީގޮތުން ލަފާއާއި އިރުޝާދިނުމާއި، ޙައްޖު ފަންޑު ތަރައްޤީކޮށް ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނަށް ފަންނީ ލަފާ ދިނުން.
- ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައި މި ވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ ދަށުންނެވެ.
(ހ) ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު
(ށ) އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް
(ނ) މޯލްޑިވްސް ޒަކާތު ހައުސް
(ހ) ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތައް
- ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތް ފުޅާ ދާއިރާއެއްގައި އުނގަންނައި ދިނުމުގެ މަސައްކަތްކުރުން.
- ކީރިތި ޤުރުއާން ތަޖްވީދުމަގުން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި، ހިތުދަސްކޮށްދިނުމުގެ މަސައްކަތް ކުރުން.
- ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ސައިންޓިފިކް ޙަޤީޤަތްތައް ދިރާސާކޮށް، ޝާއިއުކުރުން.
- ޙަދީޘް ޢިލްމާ ބެހޭ ދިރާސާތައް ކުރުމާ އެކު، ފުޅާ ދާއިރާއެއްގައި ޙަދީޘް ޢިލްމު ފެތުރުން.
- ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތާ ބެހޭ ދިރާސާތައް ކުރުމަށް ބޭނުންވާ މީހުންނަށް އެ މަގު ތަނަވަސް ކޮށްދިނުން.
- ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތާއި، އިސްކޫލު މުބާރާތާއި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމަށް ބޭނުންވާ ކަންކަން ރާވައި ހިންގުން.
- ބައިނަލްއަގުވާމީ ޤުރުއާން މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިކުރާނެ ފަރާތްތައް ކަނޑައަޅައި، އެ މުބާރާތްތަކުގައި ބައިވެރިކުރުމާއި، އެ ކަމާގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުން.
- ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާކުރުމާއި، މުރާޖާކުރުމާއި ޝާއިއުކުރުމުގެ މަސައްކަތް ކުރުމާއި، ޤުރުއާނުގެ ތަރުޖަމާ ފަސޭހަކަމާ އެކު ރައްޔިތުންނަށް ލިބޭނޭ މަގުފަހިކޮށްދިނުން.
- ޙަދީޘް ފޮތްތަކާއި އެއާ ގުޅުންހުރި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކޮށް އާންމުންނަށް ލިބޭނެ ގޮތް ހެދުން.
- ބޭނުންނުކުރެވޭ ވަރަށް ބާވެ ހަލާކުވެފައިވާ މުޞްޙަފުތައް ނައްތައިލުމާއި، މުޞްޙަފުތައް ނައްތައިލުމަށް ބޭނުންވާ ފަރާތްތަކަށް ލަފައާއި މަޝްވަރާދިނުން.
- ރާއްޖެއަށް ބޭނުންވާ ޤުރުއާން މުދައްރިސުންނާއި، އިމާމުންނާއި، ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ކޯސްތައް ރާވައި ހިންގުން.
- ޙާފިޡުކަމުގެ އިމްތިޙާނުކޮށް، ސަނަދު ދިނުމާއި، ޙާފިޡުންގެ ދަފުތަރު ބެލެހެއްޓުން.
- ރާއްޖޭގައި ހިންގާ ޤުރުއާން ކުލާސްތަކުގެ ރެކޯޑު ބެލެހެއްޓުން.
- ކީރިތި ޤުރުއާނާއި ސުންނަތާ ބެހޭ ބައިނަލްއަގުވާމީ މުއައްސަސާތަކާ ގުޅިގެން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ބޭނުންވާ ޢިލްމީ، ފަންނީ އަދި މާލީ އެހީތެރިކަން ހޯދުން.
(ށ) އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ 7ވަނަ މާއްދާއިން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މި ވަނީއެވެ.
- ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމުކޮށް ދެމެހެއްޓުމަށް ޓަކައި ދިވެހި މުޖުތަމަޢަށް ބޭނުންވާ ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
- ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުން.
- އިސްލާމީ އުންމަތަށް ދިމާވާ ފިޤުހީ އައު މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެ ފަދަ މައްސަލަތަކުގެ ތެރެއިން ދިވެހިރައްޔިތުންނަށް ދީނީގޮތުން ފަތުވާ ދިނުން މުހިންމުކަމަށް މަޖިލީހަށް ފެންނަ މައްސަލަތަކުގައި، ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
- ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެ ކަންކަމުގެ ދިރާސާތައްކޮށް، އެ ފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
- ދިވެހިރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތައިލުމަށާއި، މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމަށް ޓަކައި، ދީނީ ޢިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނާރުތައް ރާވައި ހިންގުން.
- ދީނީ ކަންކަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި، ތަފާތު ދީނީ މައުޟޫޢުތަކަށް ދިރާސާކޮށް ލިޔެފައިވާ ލިޔުންތައް ޝާއިއުކޮށް ނެރުން.
(ނ) މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2027/25 (ޒަކާތުގެ ޤާނޫނު)ގެ 12ވަނަ މާއްދާގައި، ޒަކާތު ހައުސްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ތިރީގައި މި ވަނީއެވެ.
- ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާގުޅޭ އެންމެހައި އިދާރީ ކަންކަން ރާވައި، ހިންގައި ބެލެހެއްޓުން.
- ޒަކާތުގެ ބެހެނިވެރިންގެ ދަފުތަރުތައް އެކުލަވައިލައި، އަދާހަމަކޮށް ބެލެހެއްޓުން.
- ޒަކާތްނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
- ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި، ޒަކާތް ދެއްކޭނެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުން.
- ޒަކާތް ދައްކަންޖެހޭ ފަރާތްތަކުން ޒަކާތް ދައްކަންޖެހޭ މިންވަރު ހިސާބުކުރަނީ، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.
- ޒަކާތު ފަންޑުން ފައިސާ ހޭދަކުރާނެ ދާއިރާތަކާއި، އެ ދާއިރާތަކަށް ހޭދަކުރާނެ ފައިސާގެ މިންވަރުތައް ކަނޑައެޅުން.
- ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ އޭގެ ޙައްޤުވެރިންނަށް ބެހުމުގެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުން.
- ޒަކާތް ޝަރުޢުކުރުމުގެ ޙިކުމަތާއި ޒަކާތް ދެއްކުމުގެ މުހިންމުކަމާއި ބޭނުންތެރިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުން.
- ޒަކާތު ފަންޑު ހިންގައި ބަލަހައްޓައި، އެ ފަންޑު ކުރިއެރުވުމަށް މަސައްކަތްކުރުން.
- މި ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، އިސްލާމީ ޝަރީޢާ ހުއްދަކުރާ މިންގަނޑުގެ ތެރެއިން ޒަކާތު ފަންޑުގެ ފައިސާއިން އިންވެސްޓްކޮށް، އިންވެސްޓްމަންޓްތައް މެނޭޖްކުރުން.
- ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުމާ ގުޅޭގޮތުން ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން.
- މި ޤާނޫނުގެ ދަށުން އުފައްދާ ޒަކާތު ކައުންސިލާއި ކޮމިޓީތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ ކައުންސިލާއި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.
- ޒަކާތާގުޅޭ ތަފާތު މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން.
- ޒަކާތުގެ ތަފާސްހިސާބު ބަލަހައްޓައި ރެކޯޑުކުރުން.
- ޒަކާތް ނެގުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް ކަނޑައަޅައި، ޢާންމުކުރުން.
- ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭގޮތުން މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން.
- މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ޒަކާތު ހައުސްއިން އަދާކުރަންޖެހޭ އެނޫންވެސް އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.