
Ministry of Arts, Culture and Heritage
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
Details
Leadership

Heena Waleed
Minister of Arts, Culture and Heritage
Mohamed Yaniu Hashim
Permanent Secretary
Social media
Mandate
Mandate (176)
- ފަންނުވެރި (ހުނަރުވެރި)ކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން.
- ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތު ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން.
- ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.
- ފަންނުވެރި (ހުނަރުވެރި)ކަމުގެ ދާއިރާ ތަރައްޤީކުރުމަށް މަސައްކަތްކުރުން.
- ޤާނޫނު ނަންބަރު 2006/1 (ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.
- ފަންނުވެރިކަމާއި ފޮތްތެރިކަމުގެ ޢިލްމު ފަތުރައި، ޢިލްމީ ގޮތުން ހޭލުންތެރި ފޮތްތެރި މުޖުތަމަޢެއް ބިނާކުރުން.
- ފަންނުތަކާއި ފަންނީ ޢިލްމީ އުފެއްދުންތަކާއި މަސައްކަތްތެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން މާލީ އެހީއާއި ފަންނީ އެހީ ހޯދުން.
- ފަންނުވެރިކަމުގެ ދާއިރާތަކުން މީހުން ބިނާކުރުމުގެ ފުރުސަތުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭނޭ މަގުތައް ފަހިކޮށްދިނުން.
- ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން ތާރީޚަށް ޓަކައި ލިޔެބަލަހައްޓަންޖެހޭ ކަންތައްތައް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
- ދިވެހިރާއްޖޭގެ މާނަވީ ތަރިކައާއި މާއްދީ ތަރިކަ ހިމާޔަތްކޮށް ދިރުވައި ދެމެހެއްޓުމުގެ ސިޔާސަތުތަކާއި މިންގަނޑުތައް ކަނޑައަޅައި ހިންގުން.
- ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާ ބެހޭ ޢިލްމު ފެތުރުމާގުޅޭ ކަންކަން ވިލަރެސް ކުރުން.
- ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުން.
- ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ ދާއިރާތަކަށް ކުޑަކުދިންނާއި ޒުވާނުން ޝައުގުވެރިކުރުވައި، އެ ދާއިރާތަކުގައި ކުޑަކުދިންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސް ކުރުން.
- ދިވެހީންގެ ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
- ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ ދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކާ އެ ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުންނާ ގުޅުވައިދޭ މެންޓަރޝިޕް ޕުރޮގުރާމުތައް ރާވައި ހިންގުން.
- ތަޢުލީމާއި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ ދާއިރާތަކުން ހިންގާ ހަރަކާތްތަކުގައި، އެ ތަންތަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކުރުން.
- ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާ ބެހޭ ދާއިރާ ދިރުވައި އާލާކުރުމުގައި، އެ ދާއިރާތަކުން އިގުތިސާދީ ނަފާ ހޯދެން ހުރި ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްކުރުން.
- ދިވެހީންގެ މެދުގައި ޤައުމީ އަދި ވަޠަނީ ރޫޙު އާލާކޮށް، ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢެއް ބިނާކުރުމަށް ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކްޝަން ޕްލޭތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމާއި، އެ ޕްލޭންތައް ތަންފީޒުކުރަމުންދާ ގޮތް މޮނިޓަރކުރުން.
- ދިވެހީންގެ އެއްބައިވަންތަކާމާއި އެއްބައެއްވަންތަކަން ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުން.
- ދިވެހީން ދިވެހީންގެ ގޮތުގައި ދެމިތިބުމަށާއި، ގުޅިގެން އުޅޭ އެކުވެރި އަޚުވަންތަ މުޖުތަމަޢެއް ބިނާކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ ކަންކަން ކުރުން.
- ދިވެހީންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތު ދިރުވުމަށް ޓަކައި ސަރުކާރުގެ ފަރާތްތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން އެކި ފެންވަރުގެ އިޖުތިމާއީ ހަރަކާތްތަކާއި ޕުރޮގުރާމުތައް ރާވައި ހިންގުން.
- ދިވެހީންގެ މެދުގައި ޤައުމީވަންތަކަން އާލާކުރުމަށް ޖަމުޢިއްޔާ ޖަމާޢަތްތަކުން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ޕުރޮގުރާމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ދަރިވަރުންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް، ޤައުމިއްޔަތަށް އިސްކަންދިނުމުގެ ސަގާފަތް އަށަގެންނެވުމަށް، ތަޢުލީމާއި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން ހަރަކާތްތަކާއި ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެ ތަންތަނުން އިސްނަގައިގެން ހިންގާ އެފަދަ ހަރަކާތްތަކާއި ޕުރޮގުރާމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ދިވެހި ޒުވާނުންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތަށް އިސްކަންދިނުމުގެ ސަގާފަތް އަށަގެންނެވުމަށް، ސަރުކާރުގެ ކަމާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތްކުރުން.
- ޤައުމީ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، ޤައުމީ އިހުތިފާލުތައް ބޭއްވުން.
- ސިޔާސީ ވިސްނުމާއި ފިކުރުގެ ބޭރުން، ދިވެހި މުޖުމަތަޢުގައި ކަންކަމާ މެދު ޚިޔާލުފާޅުކޮށް މަޝްވަރާކުރާނެ މާހައުލެއް އުފެއްދުން.
- ޒިންމާދާރު ރައްޔިތުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ޖަމާޢަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތުން ބިނާކުރުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތައް ތަމްސީލުވާނެ ފަދަ ގޮތަކަށް އެ ދާއިރާ ތަރައްޤީކުރުމަށް ބާރުއެޅުން.
- މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުންބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.
- ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ ދާއިރާތަކުން ފަންނީ މީހުން ބިނާކުރުމަށް ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.
- ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައި މި ވާ ތަންތަން ހިނގަމުން ދާނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުންނެވެ.
(ހ) ދިވެހި ބަހުގެ އެކެޑަމީ
(ށ) ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު
(ށ.1) ޤައުމީ ދާރުލްއާސާރު
(ނ) ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު
(ރ) ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން
(ބ) ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
(ބ.1) ނޭޝަނަލް އާޓް ގެލެރީ
(ޅ) ޤައުމީ ކުތުބުޚާނާ
(ކ) ޤައުމީ އަރުޝީފު
(ހ) ދިވެހިބަހުގެ އެކެޑަމީގެ މަސައްކަތްތައް
ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)ގެ 15ވަނަ މާއްދާއިން ދިވެހިބަހުގެ އެކެޑަމީއަށް ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތަކެވެ.
- ދިވެހިބަސް ހިމާޔަތްކޮށް ތަރައްޤީކުރުމަށް ޓަކައި މަސައްކަތްކުރުން.
- ދިވެހިރާއްޖޭގެ އިދާރީ ހިންގުމާއި، ވިޔަފާރިއާއި، ތަޢުލީމާއި، އެހެނިހެން އާންމު މުޢާމަލާތުތަކުގައި އެންމެ ބޮޑަށް ބޭނުންކުރާ ބަހަކީ ދިވެހިބަސް ކަމުގައި ދަމަހައްޓައި ދިވެހިބަސް ފެތުރުން.
- ދިވެހިބަސް ބޭނުންކުރަންޖެހޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، ބަހުގެ ގަވާއިދު އެކުލަވައިލައި، މި ކަންކަން އާންމުކޮށް ފެތުރުން.
- ދިވެހިބަހުގެ ގަވާއިދާއި ބަސް ބޭނުންކުރުމުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ބަސް ބޭނުންކުރަމުން ގެންދޭތޯ ބަލައި، ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.
- ދިވެހީންގެ ސަގާފަތާއި، އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަމާ ބެހޭ ހޭލުންތެރިކަން އިތުރުކޮށް އެ ކަންކަން ދިރުވައި އާލާކުރުން.
- ދިވެހިބަހާއި، ތާރީޚާއި، ސަގާފަތާއި، ތަރިކައާ ބެހޭ މައުލޫމާތު އާންމުކުރުމުގައި އެ މައުލޫމާތުގެ ޞައްޙަކަން ދެމެހެއްޓުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކުގެ ތެރެއިން ދިވެހިބަހާއި، އަދަބިއްޔާތާއި، ސަގާފަތާއި، ތަރިކައާ ބެހޭ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުން.
- ދިވެހިބަސްފޮތްތައް އެކުލަވައިލައި ޝާއިއުކުރަމުން ގެންދިޔުން.
- ދިވެހިބަހާއި، ތާރީޚާ ބެހޭ މަޝްރޫޢުތަކާއި ޕުރޮގުރާމުތައް ރާވައި، ފަރުމާކޮށް، ހިންގުން.
- ދިވެހިބަހާއި، ތާރީޚާ ބެހޭ ޢިލްމީ ދިރާސާތަކާއި، ޢިލްމީ ހަރަކާތްތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގުން.
- ދިވެހިބަހާއި، ތާރީޚާ ބެހޭ ފޮތާއި، މޮނޮގްރާފާއި، ރިޕޯޓުތަކާއި، މަޖައްލާތަކާއި، މިފަދަ އެންމެހައި ތަކެތި ޝާއިޢުކުރުމާއި، ދިވެހިބަހާއި، ތާރީޚާ ބެހޭ މައުލޫމާތު ގިންތިކޮށް، ތަރުތީބުކޮށް، ފަތުރާ މަރުކަޒެއްގެ ގޮތުގައި ހަރަކާތްތެރިވުން.
- ދިވެހިބަހާއި، ތާރީޚާ ބެހޭ ކުރު ކޯސްތަކާއި ޕުރޮގުރާމުތައް އަމިއްލަ ފަރާތްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކަށް ހިންގުމާއި ހިންގުވުން.
- ސެމިނާރުތަކާއި، މައުރަޒުތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ކޮންފަރަންސްތައް އަމިއްލައަށް ނުވަތަ އެހެން ފަރާތްތަކާ ގުޅިގެން އިންތިޒާމުކޮށް ހިންގުވުން.
- ދައުލަތާއި އެހެން ފަރާތްތަކުން އެކިއެކި އެހީތައް ލިބިގަތުމާއި، އެ ފައިސާ ތަނުގެ މަގުސަދުތައް ހާސިލުކުރުމަށް ބޭނުންކުރުން.
- ޤާނޫނު ނަންބަރު 2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން، އެކެޑަމީން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.
(ށ) ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މަސައްކަތްތައް
ތިރީގައި މި ވަނީ ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)ގެ 15ވަނަ މާއްދާއިން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކެވެ.
- ސަގާފީ ތަރިކަ ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ކަނޑައަޅައި އާންމުކުރުން.
- ސަގާފީ ތަރިކަ ގިންތިކޮށް، ސަގާފީ ތަރިކައިގެ ދަފުތަރެއް އެކުލަވައިލައި، އަދާހަމަކޮށް ބެލެހެއްޓުން.
- ޤައުމީ ތަރިކައިގެ ހާލަތާއި، އެފަދަ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާގުޅޭ ގޮތުން ލޯކަލް ކައުންސިލްތަކަށް އިރުޝާދު ދިނުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ދެމެހެއްޓެނިވި ގޮތަކަށް އާބާތުރަ ފިލުވައި، އެ ފަދަ ތަރިކަ ބަލަހައްޓައި، ރައްކާތެރިކޮށް ޒަމާންތަކަށް ދަމަހައްޓާނެ ނިޒާމެއް ގާއިމުކުރުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ތަންފީޒުކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި އެ ނޫން ވެސް ކަމާ ބެހޭ އިދާރާތަކަށް ސަގާފީ ތަރިކަ ބަލަހައްޓާނެ ގޮތުގެ އިރުޝާދު ދިނުން
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ޝަރުޠުތައް ކަނޑައެޅުން.
- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ތަރިކައާ ބެހޭ ބައިނަލްއަގުވާމީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތައް ތަންފީޒުކުރެވެމުންދޭތޯ ބެލުމުގައި ވަޒީރަށް ލަފާދިނުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ސަގާފީ ތަރިކަ ބަލަހައްޓަމުންދޭތޯ ބަލައި، މޮނިޓަރކުރުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާގުޅޭ ގޮތުން ވުޒާރާއިން ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށް ޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމާގުޅޭ އުސޫލުތައް ކަނޑައެޅުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ހޯދުމަށް ދިވެހިރާއްޖޭގެ ސަރަހައްދު ބެލުމާއި، އެ ފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، އެ މަސައްކަތް ކުރަމުންދާ ގޮތް ބެލުން.
- ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ސަގާފީ ތަރިކަ، ސައިންސްގެ ހަމަތަކުގެމަތިން ހޯދައި ބަލައި ދިރާސާކުރުމާއި، އެ ފަދަ ދިރާސާތައް ކުރުމަށް ހިތްވަރުދީ، އެހީތެރިކަން ފޯރުކޮށްދިނުން.
- ސަގާފީ ތަރިކައާގުޅޭ ގޮތުން އެއްކުރެވޭ މައުލޫމާތު، ރައްކާތެރި ނިޒާމެއްގެ ތެރެއިން ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބެލެހެއްޓުން.
- ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އަގު ނެގުން.
- މަރުކަޒުގެ މަސައްކަތްތައް ހިންގުމަށް ޓަކައި އެކިއެކި ކޮމިޓީތައް ހެދުން.
- ދިވެހިރާއްޖޭގެ ތަރިކައާގުޅޭ ގޮތުންނާއި ދިވެހީންގެ އާދަކާދައާގުޅޭ ގޮތުން ހޯދުންތައް ހޯދައި، ދިރާސާތައްކޮށް، އެ މައުލޫމާތު އާންމުކުރުން.
- ހެރިޓޭޖް ޓްރަސްޓް ފަންޑު ހިންގުން.
- ސަގާފީ ތަރިކަ ރައްކާތެރިކުރުމާގުޅޭ ކަންކަމުގައި އާންމުންގެ މަޝްވަރާއާއި ޚިޔާލު ހޯދައި، ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސަގާފީ ތަރިކަ ހިމެނޭ ތަންތަނާއި، ބިނާތަކާއި ސަރަހައްދުތައް އާންމުންނަށް ހުޅުވައިލުމާގުޅޭ ކަންކަން ހަމަޖެއްސުން.
- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާއި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.
(ށ.1) ޤައުމީ ދާރުލްއާސާރުގެ މަސައްކަތްތައް
- ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، މިހާރު ހުރި އާސާރީ ތަކެތީގެ ފުރިހަމަ ކެޓަލޮގެއް ހަދައި އެ ކެޓަލޮގް ބެލެހެއްޓުން.
- އެގްޒިބިޓް ކުރެވިފައި ހުރި ތަކެއްޗާއި ގުދަންކޮށްފައި ހުރި ތަކެތި ބެހެއްޓިފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުން.
- ދާރުލްއާސާރަށް ހޯދާ އާސާރީ ތަކެއްޗާއި، ހުރި ތަކެތީގެ ފޮޓޯނަގައި، ގިނަ ދުވަހު ހުންނާނޭހެން ފަރުވާދިނުމާއި އެ ތަކެއްޗަށް ގެއްލުން ނުވާނޭ ގޮތަށް ބެލެހެއްޓުން.
- ދާރުލްއާސާރުގެ ޑިސްޕްލޭގައި ހިމެނޭ ތަކެއްޗާ ބެހޭ މައުލޫމާތު އާންމުކުރުން.
- ދާއިމީ އެގްޒިބިޝަންތަކާއި ޚާއްޞަ އެގްޒިބިޝަންތަކާ ބެހޭ އިންޓަރޕްރިޓޭޝަން ތައްޔާރުކޮށް މައުލޫމާތު ދިނުމާއި، ލުއިފޮތާއި ބްރޯޝާ ފަދަ ތަކެތި ތައްޔާރުކުރުމާއި، އެ ތަކެތި އާންމުކޮށް ހިލޭ ނުވަތަ ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެތި ކެޓަލޮގުކޮށް ފޮޓޯނަގާ ޑޭޓާބޭސްއެއް ގާއިމުކޮށްގެން ބަލަހައްޓާނެ ގޮތުގެ އިރުޝާދުދީ އެހީތެރިވެދިނުން.
- އާސާރީ ތަކެއްޗާ ބެހޭ މައުލޫމާތު ހޯދުމަށް ދިރާސާ ކުރުމާއި، އެ ތަކެތީގެ މައުލޫމާތު މުއްސަނދި ކުރުމަށް މައުލޫމާތު ހުރި ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު އެއްކޮށް، ސައްޙަ މައުލޫމާތުތޯ ކަށަވަރުކޮށް ލިޔެ ބެލެހެއްޓުން.
- ސަރަހައްދީ ދާރުލްއާސާރުތައް ބެލެހެއްޓުން.
- އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި، ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެއްޗާ ބެހޭ ދިރާސާތައް ކުރާނެ ގޮތާއި މައުލޫމާތު މުއްސަނދިކުރުމަށް މަސައްކަތްކުރާނެ ގޮތާއި މައުލޫމާތުދޭނެ ގޮތާ ބެހޭ ގޮތުން އިރުޝާދު ދީ އެހީތެރިވެދިނުން.
- އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތަކާއި ސަރަހައްދީ ދާރުލްއާސާރުތަކުގައި ހުންނަ އާސާރީ ތަކެއްޗަށް ގިނަދުވަހު ދެމިހުންނާނެ ގޮތަށް ފަރުވާދީ ބަލަހައްޓާނެ ގޮތާއި ފަރުވާދިނުމުގެ ކުރިންނާއި ފަހުން ފުރިހަމަކުރަންޖެހޭނެ ކަންކަމާ ބެހޭ ގޮތުން އިރުޝާދުދީ އެހީތެރިވެދިނުން.
(ނ) ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު
- ދިވެހީންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހީންގެ ޙައްޤުގައި ޚިދުމަތްކުރުމުގެ ވިސްނުމާއި ރޫޙު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުން.
- ދިވެހިވަންތަކަމުގެ ސިފަތަކާއި ތަރިކަތައް ދެމެހެއްޓުމަށް ބޭނުންވާ ޢިލްމުތައް ހޯދައި، އެ ޢިލްމުތައް ދިވެހިރާއްޖެއާއި ދިވެހީންގެ ހާލަތަށް ދޭހަކޮށް ކުރިއެރުވުން.
- ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާގުޅޭ ޢިލްމީ އަދި ފަންނީ ދިރާސާތައްކުރުމާއި، އެ ދިރާސާތަކުން ހޯދޭ މައުލޫމާތު އާންމުކުރުމާއި، އެ މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.
- ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ބެހޭ ދިރާސާތައް ކުރުމަށް ބޭނުންކުރެވިދާނެ އައު ޓެކްނޯލޮޖީތަކާއި މެތޮޑޮލޮޖީތައް ދެނެގަނެ، ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެ ކަންކަން ތަޢާރުފުކުރުން.
- ބޭރުގެ ބަސްބަހުން ލިޔެ އުފައްދާފައި ހުންނަ ޤައުމިއްޔަތާއި ބަހާއި އެހެނިހެން ތަރިކަތަކާގުޅޭ ޢިލްމުތައް ދިވެހިބަހަށް ގެނެސް ދިވެހީންގެ ހާލަތަށް ވެހިކުރުން.
- ދިވެހިރާއްޖެއާއި ދިވެހި ޤައުމިއްޔަތާ (ދިވެހިވަންތަކަމާ)ގުޅޭ ގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދާފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުން.
- ދިވެހިރާއްޖެއާ ދިވެހީންނާގުޅޭ ގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުން.
- ޓެކްނޯލޮޖީގެ އެކި މަންސަތަކުގައި ދިވެހިބަހަށް އެކަށީގެންވާ ހައިސިއްޔަތު ހޯދައިދިނުމަށް ޓަކައި ދިރާސާކޮށް، އެ ދިރާސާތަކުން ހޯދޭ ހޯދުންތައް ތަންފީޒުކުރުމަށް މަސައްކަތްކުރުން.
- ދިވެހި ޤައުމިއްޔަތު އާލާކުރުމާގުޅޭ ޢިލްމީ ކޮންފަރެންސްތަކާއި ޢިލްމީ މަޝްވަރާތަކާއި މަހާސިންތާތަކާއި ހަރަކާތްތައް، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރާވައި އިންތިޒާމުކުރުން.
- ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމީ ޕުރޮގުރާމުތައް ފަރުމާކޮށް ހިންގުމާއި، މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން އެ ފަދަ ޕުރޮގުރާމުތައް ހިންގުން.
- ސަރުކާރުގެ އިދާރާތަކާއި ތަޢުލީމާއި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުން، ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ޢިލްމު ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތްތަކާއި ޕުރޮގުރާމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ފަދަ ހަރަކާތްތަކާއި ޕުރޮގުރާމުތަކުގައި ބައިވެރިވުން.
- ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމަށް އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި އިންތިޒާމުކުރުން.
- ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ޢިލްމުގެ މާއްދާތަކާއި މުގައްރަރުތައް އުފަންކުރުމާއި އެކުލަވައިލުމުގައި ކަމާ ބެހޭ އިދާރާތަކަށް ބޭނުންވާ ޢިލްމީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމީ ކަންކަމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.
- ދިވެހިރާއްޖޭގެ އިގުތިސާދު ބިނާކުރުމުގައި ދިވެހިވަންތަކަން ގެނެވޭ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމަށް ދިރާސާކޮށް، ކަމާ ބެހޭ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކުރުން.
- ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކާގުޅޭ މައުލޫމާތު އާންމުކުރުމާއި، މަސައްކަތްތަކާގުޅޭ އެންތޮލޮޖީތައް ކަނޑައެޅިފައިވާ މުއްދަތުތަކުން ޝާއިއުކުރަމުން ގެންދިޔުން.
- ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ކަންކަން އިންތިޒާމުކޮށް، އެ އިސްވަރުގެ އިދާރީ ކަންކަން ބެލެހެއްޓުން.
- މަރުކަޒުގެ މަސައްކަތްތަކާ ގުޅިގެން އުފައްދާ ވަރުތަކުގެ މަސައްކަތްތައް އިންތިޒާމުކޮށް، އެ ވަރުތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން.
(ރ) ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ މަސައްކަތްތައް
- ރާއްޖޭގެ ނޭޝަނަލް އައި.އެސް.ބީ.އެން. އެޖެންސީގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ގިންތިކުރާ ފަންނީ އުފެއްދުންތަކުގެ ދަފުތަރު ބެލެހެއްޓުން.
- އަދަބީ އުފެއްދުން ފާސްކުރާ ފަރާތްތަކުގެ ދަފުތަރު ބެލެހެއްޓުން.
- ގިންތިކުރާ ދިވެހި އުފެއްދުންތަކުގެ އެއް އަސްލު ރައްކާކޮށް ބެލެހެއްޓުން.
- ފަންނީ އުފެއްދުންތައް އުފައްދާ ފަރާތްތަކާއި އާންމުކުރާ ފަރާތްތައް ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށާއި އުސޫލުތަކަށް ހޭލުންތެރިކުރުން.
ތިރީގައި މި ވަނީ ޤާނޫނު ނަންބަރު 2022/12 (ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނު)ގެ 3ވަނަ މާއްދާގެ (ނ) އިން ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނަށް ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތަކެވެ.
- ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް މި ޤާނޫނުގައި ބަޔާންކުރާ ގިންތިތަކަށް ފެތޭ ގޮތަށް އާންމުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައަޅައި، އާންމުކުރުން.
- ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރެވެނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން.
- ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކޮށް އާންމުކުރާ ފަންނީ އުފެއްދުންތަކުގެ ގިންތިތަކާގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުން.
- މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު މި ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުން.
- ބިއުރޯއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި މި ޤާނޫނުގައި ކަނޑައަޅައިފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
- މި ޤާނޫނުގެ 5ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުންތައް އާންމުކުރުމުގައި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި، އެކަން މޮނިޓަރކުރުން.
(ބ) ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މަސައްކަތްތައް
- އާޓިސްޓިކް ފަންނުތަކަށް ޝައުގުވެރިވާ ހުރިހައި ދިވެހީންނަށާއި، އިސްކޫލު ނިންމާފައި އިތުރަށް ކިޔެވުމަށް ފުރުޞަތު ލިބިފައިނުވާ ޒުވާނުންނަށާއި، އަދި ވަޒީފާ ލިބުން ދަތިވެފައިވާ އެކިއެކި ފަރުދުންނަށް އަމާޒުކޮށްގެން އާޓިސްޓިކް ފަންނުތައް އުނގަންނައިދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން.
- ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ޖަމުޢިއްޔާތައް އުފެއްދުމުގައާއި، ހިންގުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެއިން ބޭރުގެ އެކިއެކި ޖަމުޢިއްޔާތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުން.
- ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ހުނަރުވެރިކަން އާންމުންނަށް ދައްކައި، ފަންނުވެރިން ތަޢާރުފުވުމުގެ ފުރުޞަތު ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިދިނުން.
- ދިވެހީންގެ ފަންނީ އުފެއްދުންތެރިކަމާއި، ހުށަހަޅައިދިނުމުގެ ގާބިލުކަމާއި، ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް ކުރިއަރުވައި ދެމެހެއްޓުމާއި، އަދި ފަންނުވެރިންގެ ހުނަރުވެރިކަން އާންމުނަށް ތަޢާރުފުކުރުމުގެ ގޮތުން، އާޓްސް ފެސްޓިވަލްތަކާއި، މުބާރާތްތަކާއި، މައުރަޒުތައް އިންތިޒާމުކޮށް ހިންގުން.
- ދިވެހި ފަންނުވެރިން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފަންނުވެރިންނަށާއި، ފަންނީ އުފެއްދުންތަކަށް ޤައުމީ ފެންވަރުގައި ދެވޭނެ އެވޯޑުތައް ތަޢާރުފުކުރުމާއި، މިފަދަ ހަރަކާތްތައް ހިންގުން.
- ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުތައް އުނގަންނައިދިނުމަށާއި، ކުރިއެރުވުމަށް އަމިއްލަ ފަރުދުންނާއި ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީއާއި ލަފާ ދިނުން.
- ދިވެހިރާއްޖޭގައި ދިވެހި ފަންނުވެރިން އުފައްދާ ފީޗަރ އަދި ކުރު ފިލްމުތަކަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ކުރާ ފޮޓޯ އަދި ފިލްމް ޝޫޓްތަކަށާއި، މިޔުޒިކް ޝޯތަކަށް ހުއްދަ ދިނުން.
- ރާއްޖޭގެ ފަންނުވެރީންގެ ދަފުތަރެއް އެކުލަވައިލައި ބެލެހެއްޓުން.
- ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހިންގޭ، އާޓްސް ދާއިރާއާ ގުޅުންހުރި އެކިއެކި ސަގާފީ ކުޅިވަރުތަކާ ބެހޭ ދިރާސާކޮށް، ޑޮކިއުމަންޓްކުރުމާއި، މި މައުލޫމާތު ފަސޭހަކަމާ އެކު އާންމުނަށް ލިބޭނެ މަގުފަހިކޮށްދިނުން.
- ރާއްޖޭގެ އިސްކޫލު ދަރިވަރުންގެ މެދުގައި އާޓްސް ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ފަންނުތަކުގެ ފަންނުވެރިންނާއެކު މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް އިސްކޫލު މާހައުލުގައި ހިންގުން. އަދި ހުނަރުވެރި ދަރިވަރުންނަށް އެ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުން.
- ރާއްޖޭގައި ފަންނުވެރީންނަށް ފަންނީ އުފެއްދުންތައް އިސްތިހާރުކޮށް އާންމުންގެ ޝައުގުވެރިކަންހޯދޭނެ މަގުފަހިކޮށްދިނުން.
- ރާއްޖޭގެ ފަންނުވެރީންގެ ދަފުތަރެއް އެކުލަވައިލައި، އެ ދަފުތަރު ބެލެހެއްޓުން.
- ސަރުކާރުގެ ސިނަމާތަކާއި، މުނިފޫހިފިލުވުމާ ބެހޭ މަރުކަޒުތައް ހިންގައި ބެލެހެއްޓުން.
(ބ.1) ނޭޝަނަލް އާޓް ގެލެރީގެ މަސައްކަތްތައް
- ކުރެހުންތެރިންގެ މެދުގައި ތަފާތު މުބާރާތްތަކާއި މައުރަޒުތައް އިންތިޒާމުކޮށް ބޭއްވުމާއި، ރާއްޖެއިން ބޭރުގެ އެކިއެކި މައުރަޒުތަކާއި، ފެއަރތަކާއި މުބާރާތްތަކުގައި ދިވެހި ފަންނާނުންގެ މަސައްކަތްތައް ބައިވެރިކުރުން.
- ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިންގެ ކުރެހުންތަކާއި، ކުރެހުންތެރިންގެ މައުލޫމާތު، ދިވެހި ކުރެހުންތެރިންނަށް ލިބޭނެ ގޮތް ހަމަޖެއްސުން.
- ދިވެހި ކުރެހުންތެރިންގެ މަސައްކަތްތައް، އާންމުކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން.
- ދިވެހިރާއްޖޭގެ ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ތަކެތި ހޯދައި އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެ ތަކެތި އާންމުކޮށް މީހުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
- ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކުގެ، ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދާއި އިސްލާމީ ޤައުމުތަކުގެ ކުރެހުންތެރިކަމުގެ ސަގާފަތުގައި ހިމެނޭ ތަކެތި ހޯދައި، އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެ ތަކެއްޗާ ބެހޭ މައުލޫމާތު ދީ، އެ ތަކެތި އާންމުކޮށް ފެންނާނެ ގޮތަށް ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
- ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށް ޓަކައި ކުރެހުންތެރިކަމުގެ "ރެސިޑެންސީ ޕްރޮގްރާމް"ތައް ރާވައި ހިންގުން.
- ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށް ޓަކައި ކުރެހުންތެރިކަމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ކޮމިޝަން" ކޮށްގެން ކުރެހުންތެރިން ލައްވާ މަސައްކަތްތައް އުފެއްދުން.
- ކުރެހުންތެރިކަމުގެ ރޮނގުންނާއި ކުރެހުންތެރި މަސައްކަތްތަކުގެ ރޮނގުން އެ ކަންތައްތައް ކުރިއަށްގެންދިއުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް ޓަކައި، ކުރެހުންތެރިންގެ މެދުގައި މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން.
- ރާއްޖޭގެ ކުރެހުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުރެހުންތެރިކަމުގެ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި، ދިވެހި ކުރެހުންތެރިންގެ މެދުގައި ގުޅުންބަދަހިކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ފަންނާނުންގެ ދާއިރާއަކީ މި ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ފަންނާނުންނަށާއި، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް މާލީ ކުރިއެރުން ގެނެސްދޭ ދާއިރާއަކަށް ހެދުން.
(ޅ) ޤައުމީ ކުތުބުޚާނާގެ މަސައްކަތްތައް
- ތަފާތު ފަންނުތަކުގެ ޢިލްމީ ފޮތްތަކާއި، އަދި މި ނޫން ވެސް މައުލޫމާތު ލިބޭނެ ތަކެތި އެއްކޮށް، އާންމުންނަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމާއި، ދިވެހި މުޖުތަމަޢު ކިޔުންތެރިކަމަށް ޝައުގުވެރިކުރުމާއި، ކިޔުންތެރިކަން ކުރިއަރުވައި ތަރައްޤީކޮށް އުނގަންނައިދިނުމަށް ބޭނުންވާ މައުލޫމާތު ހޯދައިދީ، އެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ޤާނޫނު ނަންބަރު 2006/1 (ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނު)ގެ ދަށުން ހަދާފައިވާ ގަވާއިދުގައި ހިމެނޭ އެންމެހައި ތަކެތި އެއްކޮށް، އެ ތަކެތީގެ އަސްލުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެ ތަކެތި ތާރީޚަށް ޓަކައި މުސްތަޤުބަލަށް ދެމެހެއްޓުމާއި، އާންމު ފައިދާއަށް އެ ތަކެތި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ދިވެހިރާއްޖޭގައި ޝާއިޢުކުރާ ހުރިހާ ނޫސް، މަޖައްލާ، ފޮތްފަދަ ތަކެއްޗާއި ރާއްޖޭން ބޭރުގައި ދިވެހީން ޝާއިއުކޮށްގެން ނެރޭ ރާއްޖެއާ ބެހޭ ނޫސް، މަޖައްލާ، ފޮތްފަދަ ތަކެތި އެއްކޮށް އެ ތަކެތީގެ އަސްލުތައް ރައްކާތެރިކޮށް ބޭނުންވާ ފަރާތްތަކަށް އެ ތަކެތި ބެލޭނެ އިންތިޒާމު ހަމަޖެއްސުން.
- ނޭޝަނަލް ބިބިލިއޮގްރަފީ އެކުލަވައިލައި ޝާއިޢުކުރުން.
- ސަރުކާރާއި އާންމު ފަރާތްތަކުން ރާއްޖޭގައި ހިންގާ ޕަބްލިކް ލައިބްރަރީތައް ހިންގާނެ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ޕަބްލިކް ލައިބްރަރީތައް ރަޖިސްޓަރީކުރުން.
- ސަރުކާރާއި އާންމު ފަރާތްތަކުން ރާއްޖޭގައި ހިންގާ ކުތުބުޚާނާތައް ތަރައްޤީކުރުމަށް ބޭނުންވާ ލަފަޔާ މަޝްވަރާދިނުމާއި، އެ ތަންތަން ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އެ ތަންތަނުގެ މުވައްޒަފުން ލައިބްރަރީ ފަންނުގައި ކުރިއަށްދިއުމަށް ބޭނުންވާ ތަމްރީނުދިނުން.
(ކ) ޤައުމީ އަރުޝީފުގެ މަސައްކަތްތައް
ތިރީގައި މި ވަނީ ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު)ގެ 6ވަނަ މާއްދާއިން ޤައުމީ އަރުޝީފަށް ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތަކެވެ.
- ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދަށުން ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދާއިރާގައި ނުހިމެނޭ، އެހެން ނަމަވެސް، ދިވެހިރާއްޖެއާއި ދިވެހީންނާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކާއި، ރިކޯޑުތަކާއި، ފޮޓޯ ފަދަ ތަކެތި ރައްކާކުރަން ހިތްވަރު ދިނުން.
- ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގައި ބަޔާންވެފައިވާ ކަންކަމުގެ އިތުރުން ވެސް އެ ޤާނޫނުގެ މަގުސަދު ހާސިލުކުރުމަށް ޓަކައި ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ ލިޔުންތަކާއި، ރިކޯޑުތަކާއި، ފޮޓޯ ފަދަ ތަކެއްޗަކީ ކޮބައިކަން ކަނޑައެޅުން.
- ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ބެހެއްޓިފައިވަނީ، ރިކޯޑާއި މައުލޫމާތު ގެންގުޅެ ބެލެހެއްޓުމުގެ ސިޔާސަތެއްގެ ދަށުން (ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބިނާކޮށް)، ކަނޑައެޅިފައިވާ މިންގަނޑަށް، ރާއްޖޭގެ އިގުތިސާދީ ހާލަތު ތަންދޭ، އެންމެ ޒަމާނީ ގޮތަށާއި ފެންވަރުގައިތޯ ބެލުން.
- ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ލުއިފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުން.
- ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެއްޗާމެދު ރައްޔިތުން ޝައުގުވެރިކުރުވުން.
- ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި އެންމެ އެދެވޭ ގޮތެއްގައި ރައްކާކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުން.
- ޤާނޫނުގައިވާ ގޮތުގެ މަތިން ޤައުމީ އަރުޝީފުގައި ރައްކާކުރެވޭ ތަކެތީގެ ފިކުރީ މުދަލުގެ މިލްކުވެރިކަން ހޯދުން.
- ފިކުރީ މުދަލުގެ ޙައްޤުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ އިތުރު ކޮޕީއެއް ހެދުން.
- ފިކުރީ މުދަލުގެ ޙައްޤުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތި ޝާއިއުކުރުން.
- ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދަށުން ޤައުމީ އަރުޝީފުގައި ބަހައްޓަންޖެހޭ ދައުލަތުގެ މުއައްސަސާތަކުގެ ރިކޯޑުތައް ޤައުމީ އަރުޝީފާ ހަވާލުކުރެވެންދެން ބަލަހައްޓަންވާ ގޮތް އެ މުއައްސަސާއަކަށް އެންގުން.
- ޤައުމީ އަރުޝީފުގައި ބަހައްޓާތަކެތީގެ އިންޑެކްސާއި ފަސޭހަކަމާއެކު އެފަދަ ތަކެތި ބޭނުންކުރެވޭނެ ގޮތުގެ އަތްމަތީ ފޮތްތަކާއި، ލީފްލެޓާއި ގައިޑު ފަދަ ތަކެތި ޝާއިއުކުރުން.
- ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑުތަކުގެ ތެރެއިން ނައްތައިލަންޖެހޭ ރިކޯޑުތަކާއި އެ ރިކޯޑުތައް ނައްތައިލަންޖެހޭ ގޮތް ކަނޑައެޅުން.
- ދައުލަތުގެ މުއައްސަސާތަކުގައި ލިޔެކިޔުންތަކާއި ރިކޯޑު ފަދަ ތަކެތި ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުން.
- ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފުމަށް ޓަކައި ބޭނުންވާ ވަސީލަތްތައް ހޯދައި ބެލެހެއްޓުން.
- ޤައުމީ އަރުޝީފުގައި ބަހައްޓާ ތަކެތީގެ ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އިތުރުން ވެސް، ޤާނޫނު ނަންބަރު 16/2011 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު)ގެ މަޤްޞަދާއި ޤައުމީ އަރުޝީފާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.