Ministry of Education, Higher Education and Skills Development

Ministry of Education, Higher Education and Skills Development

ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

Details

LocationVelaanaage, Ameeru Ahmed Magu, Henveyru, Malé, Kaafu Atoll
Phone3323262
Post code20096

Leadership

  • Dr Ismail Shafeeu

    Minister of Education, Higher Education and Skills Development

  • Shifaz Mohamed

    Permanent Secretary

Mandate

Mandate (155)
  1. ދިވެހިރާއްޖޭގައި މަދުރަސީ ތަޢުލީމާއި މަތީ ތަޢުލީމާއި ތަމްރީނާއި ނުރަސްމީ ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުން.
  2. ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު) ތަންފީޒުކުރުމާއި، އެ ޤާނޫނާއި އެހެނިހެން ޤާނޫނުތަކުގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ތަންފީޒުކުރުން.
  3. ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ތަންފީޒުކުރުމަށް މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ތަންފީޒުކުރުން.
  4. ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި، އެކަށީގެންވާ ވަސީލަތްތަކާއި ފުރުޞަތުތަކާއެކު ހިލޭ މަދުރަސީ ތަޢުލީމު ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުން.
  5. ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި، ރަސްމީ ތަޢުލީމާއި ނުރަސްމީ ތަޢުލީމުގެ ފުރުޞަތުތައް ލިބިދެވޭކަން ކަށަވަރުކުރުން.
  6. ސަރުކާރުގެ އިސްކޫލުތައް ގާއިމުކޮށް ހިންގުން.
  7. ރައްކާތެރި އަދި އަމާން މާޙައުލެއް އިސްކޫލުތަކުގައި ގާއިމުކޮށްދީ، އަމާން މާޙައުލެއްގައި ތަޢުލީމު ހާސިލުކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުން.
  8. ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު)ގެ ދަށުން، ކިޔަވައިދޭ ތަންތަން (އިސްކޫލުތަކާއި ކިޔަވައިދޭ އެ ނޫން ވެސް ތަންތަން) ރަޖިސްޓްރީކުރުމާއި، އެ ތަންތަން ހިނގާ ނުހިނގާ ގޮތް ބެލުން.
  9. އިސްކޫލުތަކާއި ކިޔަވައިދޭ އެ ނޫން ވެސް ތަންތަނުގެ ފެންވަރު ބެލުމާއި، އެ ތަންތަނުން ދޭ ތަޢުލީމުގެ ފެންވަރު ހިފެހެއްޓުމަށާއި ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  10. ތަޢުލީމާބެހޭ ޤާނޫނުގައި ބަޔާންކުރާ ތަޢުލީމުދިނުމުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި މަދުރަސީ ތަޢުލީމުގެ ހުރިހާ މަރުޙަލާތަކެއް ޝާމިލުވާގޮތަށް ޤައުމީ މަންހަޖު އެކުލަވައިލައި އާންމުކޮށް ޝާއިޢުކުރުން.
  11. ކާރިސާތަކާބެހޭ މައުލޫމާތާއި، ކާރިސީ ހިރާސް ކުޑަކުރުމާއި، ކާރިސާތަކުން ރައްކާތެރިވެ ތައްޔާރުވެ ތިބުމުގެ މަފްހޫމް އިސްކޫލުތަކުގެ މަންހަޖުގައި ހިމެނުން.
  12. މަދުރަސީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން، ޒަމާނީ ޓެކްނޯލޮޖީއާއި މަސައްކަތްތެރިކަމާއި ހުނަރު ދަސްކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  13. ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އިސްކޫލުތަކުގައި ގާއިމުކުރުން.
  14. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަކީ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިކުރާ، އަދި އެ ކުދިންނަށް ހަމަހަމަ ފުރުޞަތު ލިބިދޭ ތަޢުލީމީ ނިޒާމަކަށް ހެދުމާއި، އެކަން ކަށަވަރުކުރުން.
  15. މަދުރަސީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން، ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ ކުއްޖަކަށް އިސްލާމީ ޢަޤީދާއާއި އިސްލާމީ ތަރުބިއްޔަތާއި ދިވެހި ބަސް ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖައްސައި، އެކަން ކަށަވަރުކުރުން.
  16. ދިވެހި ޤައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް އިސްކޫލުތަކުގައި ތަފާތު ހަރަކާތްތައް ހިންގުން.
  17. މަދުރަސީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ސިވިކް އެޑިޔުކޭޝަން ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  18. އިސްކޫލު ކުދިންނަށް އިމްތިޙާނު ދިނުމުގެ ކަންކަން ރާވައި އިންތިޒާމުކޮށް ވިލަރެސްކުރުން.
  19. އިސްކޫލުތަކުގެ އެކި މަރުޙަލާތަކުގައި ކިޔަވައިދޭ މާއްދާތައް އިމްތިޙާނުކޮށް ވަޒަންކުރުމުގެ ގޮތުން، އާންމު އިމްތިޙާނުތަކާއި ބައިނަލްއަގުވާމީ ފެންވަރުގެ އިމްތިޙާނުތައް ބާއްވާނެ ނިޒާމެއް ގާއިމުކުރުން.
  20. ޤައުމީ މަންހަޖުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި އިސްކޫލުތަކުން ކިޔަވައިދިނުމުގެ އިތުރު ހަރަކާތްތައް ހިންގާކަން ކަށަވަރުކުރުން.
  21. ޤައުމީ މަންހަޖުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި އިސްކޫލުތައް ފިޔަވައި އެހެނިހެން ފަރާތްތަކުން ހިންގާ އިތުރު ހަރަކާތްތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުން.
  22. އިސްކޫލުތަކުގައި ހިންގާ ޕުރޮގުރާމުތަކަކީ ދަރިވަރުންގެ އިޖުތިމާއީ، ރޫޙާނީ އަދި ޖަޒުބާތީ ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާގޮތަށް ތައްޔާރުކުރެވިގެން ހިންގާ ޕުރޮގުރާމުތަކެއްކަން ކަށަވަރުކުރުން.
  23. ހަށިހެޔޮކަމާއި ދުޅަހެޔޮކަމާއި ކުޅިވަރުގެ ހުނަރު ދަސްކޮށްދޭ ނިޒާމެއް އިސްކޫލުތަކާއި ކިޔަވައިދޭ އެ ނޫން ވެސް ތަންތަނުގައި ތަރައްޤީކޮށް، ދަރިވަރުންނަށް ހަމަހަމަ ގޮތެއްގައި އެ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން.
  24. އިސްކޫލުތަކުގައި ކިޔަވާ ކުދިންނަށް ތަޢުލީމުގެ ފުރުޞަތުތައް ހޯދައިދިނުމަށް ޓަކައި ބޭރުގެ ޤައުމުތަކާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުން.
  25. ބޭރު ޤައުމުތަކާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާ ގުޅިގެން ހިންގާ އިސްކޫލު ފެންވަރުގެ ތަޢުލީމީ ޕުރޮގުރާމުތައް ވިލަރެސްކުރުން.
  26. ތަޢުލީމު ދިނުމުގައި ބައިވެރިވާން އެދޭ އަމިއްލަ ފަރާތްތަކަށް ކަނޑައެޅޭ އުސޫލުތަކާ އެއްގޮތަށް ފުރުޞަތު ދިނުން.
  27. ފަށާ ތަޢުލީމާއި މެދު މަދަރުސީ ތަޢުލީމު ހާސިލުކުރުމުން މަޙުރޫމުވެފައިވާ ކުއްޖަކު ނެތްކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  28. ގަވާއިދުން ކުދިން އިސްކޫލަށް ހާޒިރުވުމަށް ބާރުއެޅުމާއި، ތަޢުލީމު ފުރިހަމަނުކޮށް އިސްކޫލުން ވަކިވާ ކުދިންގެ އަދަދު މަދުކުރުމަށް ޓަކައި އިސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ އެ ކުދިން އިސްކޫލަށް ގެންދާނެ ނިޒާމެއް އެކުލަވާއިލުން.
  29. ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތާއި ސްޓޭޝަނަރީޒް ފަދަ ތަކެތި ހަމަހަމަ ގޮތެއްގައި ހިލޭ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  30. ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު)ގެ ދަށުން، މުދައްރިސުން ރަޖިސްޓަރީކޮށް، މުދައްރިސުންނަށް ލައިސަންސް ދިނުން.
  31. ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނާއި އެހެނިހެން ފަންނީ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.
  32. ކުރިއަށް އޮންނަ ދިރާސީ އަހަރުގެ ތަޢުލީމީ ކަލަންޑަރު ކަނޑައެޅުން.
  33. އުނގެނުމުގެ މުހިންމުކަމާއި ތަޢުލީމީ ސިޔާސަތުތަކަށް ބެލެނިވެރިންނާއި ރައްޔިތުން ހޭލުންތެރިކުރުވައި، ތަޢުލީމީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި ރައްޔިތުންގެ ބައިވެރިކުރުވުން އިތުރުކުރުމަށް މަސައްކަތްކުރުން.
  34. މަދުރަސީ ތަޢުލީމާއި ނުރަސްމީ ތަޢުލީމާއި ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ އެކިއެކި ކަންކަމަށް އެހީވުމަށް އުފައްދާފައިވާ ތަޢުލީމީ ފަންޑުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  35. ތަޢުލީމާބެހޭ ތަފާސްހިސާބު އެއްކުރުމާއި ބެލެހެއްޓުމާއި، ސަރުކާރުން ހިންގާ އިސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ އިސްކޫލުތަކުގެ ވަސީލަތްތަކާއި މުވައްޒަފުންނާއި ދަރިވަރުންނާއި އިސްކޫލު ނިންމާ ދަރިވަރުންގެ މައުލޫމާތު ބެލެހެއްޓުން.
  36. ޤާނޫނު ނަންބަރު 2020/24 (ތަޢުލީމުގެ ޤާނޫނު)ގެ ދަށުން އިސްކޫލުތަކުން އެކުލަވައިލަންޖެހޭ ގަވާއިދުތަކުގައި ހިމަނަންޖެހޭ މައިގަނޑު ކަންކަން ބަޔާންކުރާ އުސޫލު އެކުލަވައިލައި އާންމުކުރުމާއި، އިސްކޫލުތަކުން އެކުލަވައިލަންޖެހޭ ގަވާއިދުތައް އެ އިސްކޫލުތަކުން އެކުލަވައިލައި، އެ ކަންކަން އިސްކޫލުތަކުގައި ހިންގާކަން ކަށަވަރުކުރުން.
  37. އިސްކޫލުތަކަކީ ކާރިސާތަކުން ރައްކާތެރި ތަނެއްކަމުގައި ހެދުމަށް ޓަކައި ކަމާބެހޭ ސިޔާސަތުތަކާއި ޕުރޮގުރާމުތައް ހިންގުން.
  38. މަތީ ތަޢުލީމާއި ތަމްރީނުގެ ނިޒާމުގެ ފެންވަރު ހިފެހެއްޓުމުގެ އުސޫލުތައް ހަދައި ހިންގުން.
  39. ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ނިޒާމަކީ، ފުޅާ ދާއިރާއެއްގައި ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ފަހިވެފައިވާ ނިޒާމެއްކަން ކަށަވަރުކުރުން.
  40. ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދިނުމުގެ ދާއިރާ ތަރައްޤީކޮށް، ކާމިޔާބުކަމާ އެކު ތަޢުލީމު ނިންމާ ދަރިވަރުން އިތުރުކުރުމަށް، ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން މަސައްކަތްކުރުން.
  41. ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކުން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުން.
  42. މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދަރިވަރުންނަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ސިޔާސަތު އެކަށައަޅައި، އެ ކަމުގެ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.
  43. މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެ ފަދަ ތަންތަނުގެ ދަފުތަރެއް އެކުލަވައިލައި ބެލެހެއްޓުމާއި، ކަމާބެހޭ ތަފާސްހިސާބު ބެލެހެއްޓުން.
  44. ޤާނޫނަކުން ބާރު ލިބިގެން އުފައްދާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ބެލެހެއްޓުމަށް ޓަކައި، ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެ މަރުކަޒުތަކުން ޢަމަލުކުރޭތޯ ބަލައި، އެކަން ކަށަވަރުކުރުން.
  45. މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް ދަރިވަރުން ހާޒިރުވާ ގޮތަށް ކިޔަވައިދޭ ޕުރޮގުރާމުތަކާއި، ދަރިވަރުން ހާޒިރުވާންނުޖެހޭ ގޮތަށް ހިންގާ ޕުރޮގުރާމުތައް އަދި އެ ދެބައި ހިމެނިގެން ހިންގާ ޕުރޮގުރާމުތައް ދިވެހިރާއްޖޭގައި ހިންގުމާބެހޭ ސިޔާސަތުތައް ކަނޑައެޅުން.
  46. ޤާނޫނު ނަންބަރު 2011/3 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު)ގެ ދަށުން ހިންގަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ޤާނޫނު ނަންބަރު 2015/11 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު)ގެ ދަށުން ހިންގަމުންދާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހިންގުމުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރަމުންދޭތޯ ބެލުން.
  47. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ހިންގާ މަތީ ތަޢުލީމުގެ ޕުރޮގުރާމުތަކާއި އެ ޕުރޮގުރާމުތަކާ ގުޅިފައިވާ ދިރާސާތަކަކީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ފަހިވާ ގޮތަށް އަމާޒުކޮށްގެން ހިންގާ ޕުރޮގުރާމުތަކަކާއި ކުރެވޭ ދިރާސާތަކަކަށް ހެދުމަށް މަސައްކަތްކުރުން.
  48. މަތީ ތަޢުލީމާއި ތަމްރީނުދިނުމާ ބެހޭ ކަންތައްތަކުގައި، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް މަޝްވަރާއާއި ލަފާދިނުން.
  49. ދިވެހިރާއްޖެއިން ބޭރުގެ ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރާ ދިވެހި ދަރިވަރުންގެ ދަފުތަރެއް އެކުލަވައިލައި ބެލެހެއްޓުން.
  50. ބޭރުގެ އެހީގެ ދަށުން މީހުން ތަމްރީނުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ދަށުން، މީހުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކޯސްތަކުގައި ބައިވެރިކުރުމުގެ ކަންތައްތައް ހިންގުމާއި، އެ ކަންކަން ހިންގުވައި ބެލެހެއްޓުން.
  51. އެހީދޭ ބޭރުގެ ފަރާތްތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއަށް ލިބޭ ކޯސްތަކުގައި މީހުން ބައިވެރިކުރުމާބެހޭ އުސޫލުތައް އެކުލަވައިލައި، އެ ކަންކަން ވިލަރެސްކުރުން.
  52. މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދަރިވަރުންނަށް މާލީ އެހީދިނުމުގެ ޕުރޮގުރާމުތަކަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި ޤައުމީ ތަރައްޤީއަށް ބޭނުންވާ މުހިންމު ޕުރޮގުރާމުތަކެއްކަން ކަށަވަރުކުރުން.
  53. މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދަރިވަރުންނަށް މާލީ އެހީދިނުމުގެ ޕުރޮގުރާމުތަކުގެ މަގުސަދު ހާސިލުވަމުންދޭތޯ ބެލުން.
  54. ދުރުންދޭ ތަޢުލީމުގެ ޕުރޮގުރާމުތައް ހިންގުމާ ބެހޭ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  55. ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ޓަކައި ޤައުމީ ފެންވަރުގެ ރިސަރޗް ފަންޑެއް ގާއިމުކޮށް، އެ ފަންޑު ހިންގައި ބެލެހެއްޓުން.
  56. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން ޢިލްމީ ދިރާސާ ކުރުމަށް ހިތްވަރުދީ، ޢިލްމީ ދިރާސާ ކުރެވޭނޭ ގޮތްތައް ތަނަވަސްކުރުމާއި، އެ ފަދަ ދިރާސާތަކުގެ ހޯދުންތައް އާންމުކޮށް ފެތުރުމުގެ ނިޒާމެއް ގާއިމުކުރުން.
  57. ތަޢުލީމީ ދާއިރާގެ އަހަރީ ތަފާސްހިސާބު މިނިސްޓްރީން އާންމުކޮށް ޝާއިއުކުރުން.
  58. ތަޢުލީމީ ދާއިރާގެ ތަފާސްހިސާބާއި މައުލޫމާތު ދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި، ދިރާސާވެރިންނަށާއި އެ ނޫން ވެސް ފަރާތްތަކަށް ބޭނުންވާ ތަޢުލީމީ ދާއިރާގެ ތަފާސްހިސާބާއި މައުލޫމާތު ފޯރުކޮށްދިނުން.
  59. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
  60. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
  61. މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

(ހ) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

(ށ) ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

(ނ) ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް

(ރ) ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން

(ބ) ސަރުކާރުގެ އިސްކޫލުތައް

(ޅ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

(ކ) މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ

(އ) މޯލްޑިވްސް ޕޮލިޓެކްނިކް

(ހ) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ މަސައްކަތްތައް

  1. ދިވެހިރާއްޖޭގެ އާންމު އިމްތިޙާނުތައް (ފަންނީ އިމްތިޙާނުތައް ފިޔަވައި، ކަނޑައެޅި އިޢުލާނުކުރެވިފައިވާ މުގައްރަރަކާ އެއްގޮތްވާ ގޮތުގެ މަތިން، ޤައުމީ ފެންވަރުގައި ބާއްވާ އިމްތިޙާނުތައް) ކުރުމާއި، އެ ފަދަ އިމްތިޙާނުތަކާ ގުޅިގެން ދޭންޖެހޭ ސަނަދު ދިނުން.
  2. އިސްކޫލުތަކުގެ އެކި މަރުޙަލާތަކުގައި ކިޔަވައިދޭ މާއްދާތައް އިމްތިޙާނުކޮށް ވަޒަންކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަގުވާމީ ފެންވަރުގެ އިމްތިޙާނުތަކާ ބެހޭ އެންމެހައި ކަންކަން ބަލަހައްޓައި، އިމްތިޙާނުތައް ބޭއްވުމުގެ އެންމެހައި ކަންކަން އިންތިޒާމުކޮށް ވިލަރެސްކުރުން.
  3. 1ވަނަ ނަންބަރާއި 2ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިމްތިޙާނުތަކާބެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ހިންގުން.
  4. 1ވަނަ ނަންބަރާއި 2ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިމްތިޙާނުތައް ބޭއްވުމުގެ އެންމެހައި މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދައި، އާންމުކުރަންޖެހޭ މައުލޫމާތު އާންމުކުރުން.
  5. 1ވަނަ ނަންބަރާއި 2ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިމްތިޙާނުތަކުގެ ނަތީޖާތަކުގެ މައުލޫމާތުތައް ވަޒަންކޮށް އާންމުކުރުން.
  6. އެކިއެކި އިމްތިޙާނުތަކުގެ ސަނަދު ތަރުޖަމާކޮށްދިނުމާއި، އެ ފަދަ ސަނަދުތައް އަސްލާ އެއްގޮތްތޯ ބަލައި، އެ ކަމާގުޅޭ މަސައްކަތްކުރުން.

(ށ) ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ މަސައްކަތްތައް

  1. ދިވެހިރާއްޖޭގެ ތަރައްޤީއަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރުން.
  2. ދިވެހިރާއްޖޭގެ ތަޢުލީމީ ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ލަފާ ދިނުން.
  3. ދިވެހިރާއްޖޭގެ ތަރައްޤީއަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ޒަމާނާ އެއްގޮތަށް ޤައުމީ މަންހަޖު އެކަށައެޅުން.
  4. ޤައުމީ މަންހަޖު ތަންފީޒުކުރެވޭ މިންވަރު ވަޒަންކުރުމާއި، ޒަމާނާ އެއްގޮތަށް މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  5. ޤައުމީ މަންހަޖުގައިވާ ގޮތުގެމަތިން އިސްކޫލުތަކުގައި ކިޔަވައިދޭނެ މުގައްރަރު އެކަށައެޅުމާއި، ކިޔަވައިދޭ ފޮތް އެކުލަވައިލުމާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  6. ޤައުމީ މަންހަޖުގައި ކިޔަވައިދިނުމަށް ބޭނުންވާ ވޮކޭޝަނަލް އަދި ޓެކްނިކަލް އެޑިޔުކޭޝަނުގެ މުގައްރަރު އެކުލަވައިލުމާއި، އެ މުގައްރަރު ތަންފީޒުކުރުމަށް އިސްކޫލުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  7. އިސްކޫލުތަކުގެ ދަރިވަރުންގެ ކިބައިގައި އަށަގެންނުވަންޖެހޭކަމަށް ޤައުމީ މަންހަޖުގައި ކަނޑައަޅައިފައިވާ ތަރުބަވީ ސިފަތަކާއި ހުނަރުތަކާއި އަޚުލާޤު ދަރިވަރުންނަށް ފޯރުކޮށްދޭނެ ފަންނީ ޤާބިލުކަން އިސްކޫލުތަކުގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  8. ރަށްރަށުގެ ހާލަތަށާއި ކުދިންގެ އާބާދީއަށް ރިއާޔަތްކޮށްގެން ތަޢުލީމު ދޭނެ ތަފާތު ގޮތްތައް (މަލްޓިގްރޭޑް ޓީޗިންގ ފަދަ) ތަޢާރުފުކުރުމަށް ބޭނުންވާ އޮނިގަނޑު އެކުލަވައިލުމާއި، އެ އޮނިގަނޑު ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތާއި ތަރައްޤީއަށް ބޭނުންވާ ތަމްރީނުދިނުމާއި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގާނެ ޤާބިލުކަން އިސްކޫލުގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  10. ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ޓަކައި އިސްކޫލުތަކުގެ ލީޑަރޝިޕާއި ކިޔަވައިދިނުން ހަރުދަނާކުރުމަށް ބޭނުންވާ ޢިލްމީ ކޯސްތަކާއި ފަންނީ ކޯސްތައް ރާވައި ހިންގުން.
  11. ދާއިމީގޮތެއްގައި ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުގެ ނިޒާމު އިންތިޒާމުކޮށް ހިންގުން.
  12. އުނގެނުމާއި އުނގަންނައިދިނުމުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައި.ސީ.ޓީ.) ބޭނުންކުރުމުގެ ޤާބިލުކަން އިސްކޫލުތަކުގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  13. ކޮމިއުނިޓީ އެޑިޔުކޭޝަނާއި ކޮންޓިނިއުއިންގ އެޑިޔުކޭޝަނުގެ ފުރުޞަތުތައް އާންމުކުރުން.

(ނ) ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓްގެ މަސައްކަތްތައް

  1. އިސްކޫލުތަކާއި ކިޔަވައިދޭ އެ ނޫން ވެސް ތަންތަން ހިންގަނީ ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުމަށް ޓަކައި، އެ ތަންތަން ގަވާއިދުން ބަލައި ފާސްކޮށް، ކަންކަން އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  2. އިސްކޫލުތަކާއި ކިޔަވައިދޭ އެ ނޫން ވެސް ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް މުވައްޒަފުން ޢަމަލުކުރޭތޯ ނިޒާމީ ފެންވަރެއްގައި ބެލުން.
  3. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން، އިސްކޫލުތަކާއި ކިޔަވައިދޭ އެ ނޫން ވެސް ތަންތަނުން ތަޢުލީމު ފޯރުކޮށްދޭ ފެންވަރު ބަލައި މިންކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު އެކަށައަޅައި އާންމުކުރުން.
  4. ތަޢުލީމީ ދާއިރާގެ އެކިއެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަދުރަސީ ތަޢުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމާ ގުޅުން ހުރި މަސައްކަތްތައް ހިނގަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.
  5. ރާއްޖޭގެ މަދުރަސީ ތަޢުލީމީ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، އެ ދިރާސާތަކުގެ ހޯދުންތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

(ރ) ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ މަސައްކަތްތައް

  1. ޤައުމީ މަންހަޖާ އެއްގޮތަށް ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ދެވޭ ތަޢުލީމު ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ޕުރޮގުރާމުތައް ފަރުމާކޮށް، ރާވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އިސްކޫލުތަކަށް ފޯރުކޮށްދިނުން.
  2. ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން، ތަޢުލީމާއި ތަމްރީނުގެ ހަމަހަމަ ފުރުޞަތުތައް ހުރިހައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް، އިންކްލޫސިވް އެޑިޔުކޭޝަންގެ މިންގަނޑުތަކާއި އެއްގޮތަށް އުނގަންނައިދިނުމަށް ބޭނުންވާނެ އެންމެހައި ވަސީލަތްތައް ގާއިމުކުރުން.
  3. 'އާރލީ އިންކްލޫޝަން' އަދި 'އާރލީ އިންޓަވެންޝަން' ގެ ޕުރޮގުރާމުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަރުދަނާ 'ރެފަރަލް' ނިޒާމެއް ގާއިމުކުރުމާއި، އެ ޕުރޮގުރާމުތައް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން އިސްކޫލުތަކަށް ފޯރުކޮށްދިނުން.
  4. އިންކުލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ރާއްޖޭގައި ހިންގާ ތަޢުލީމާއި ތަމްރީނުގެ ޕުރޮގުރާމުތައް ހިނގާ ގޮތް ބަލައި ވަޒަންކޮށް ދޭންޖެހޭ ފަންނީ ލަފާދިނުން.
  5. އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ޓީޗަރުންނާއި ފެސިލިޓޭޓަރުން ތަމްރީނުކުރުމާއި، މި ފަރާތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުތައް ދާއިމީ ގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން.
  6. ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ގޮތަކަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ތަންތަން ފަރުމާކުރުމަށް ބާރުއެޅުން.
  7. ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އުނގެނުމަށް އެޅޭ ހުރަސްތައް ކުޑަކުރުމަށާއި ޝާމިލުކުރުމުގެ ސަގާފަތެއް އުފެއްދުމަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާ އެކު މަސައްކަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  8. އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމާ ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.

(ބ) ސަރުކާރުގެ އިސްކޫލުތަކުގެ މަސައްކަތްތައް

  1. މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން ކަނޑައަޅައިފައިވާ ޤައުމީ މަންހަޖާ އެއްގޮތަށް ދަރިވަރުންނަށް އުގަންނައިދިނުމާއި ދަރިވަރުން ތަރުބިއްޔަތު ކުރުން.
  2. ޤައުމީ މަންހަޖުގެ މަގުސަދުތައް ހާސިލުކުރުމުގައި ބެލެނިވެރިންނާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުން.
  3. ޤައުމީ މަންހަޖުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި ކިޔަވައިދިނުމުގެ އިތުރުން، އެ އިސްކޫލެއްގައި އުނގެނޭ ދަރިވަރުންގެ އުމުރާގުޅޭ ކުޅިވަރުގެ ހަރަކާތްތަކާއި، އިޖުތިމާއީ ހަރަކާތްތަކާއި، ތިމާވެށްޓާ ގުޅުންހުރި ހަރަކާތްތައް އަދި ދީނީ ހަރަކާތްތައް ރާވައި ހިންގުން.
  4. ދަރިވަރުންގެ ޞިއްޙީ މައުލޫމާތު ބަލަހައްޓާނެ ނިޒާމެއް ގާއިމުކޮށް، އެ މައުލޫމާތު ބަލަހައްޓަމުން ގެންދިޔުން.
  5. އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދީން ދެނެގަނެ، އެ ކުދީންނަށް ބޭނުންވާ އެހީ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުން.
  6. މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް، އިސްކޫލުތަކުން ބަލަހައްޓަން ކަނޑައަޅައިފައިވާ ތަފާސް ހިސާބު ބެލެހެއްޓުމާއި، އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

(ޅ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު)ގެ 7ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މި ވަނީއެވެ.

  1. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕުރޮގުރާމުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އުސޫލުތައް ހަދައި ހިންގުން.
  2. ޤައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވައިލުމާއި، މުރާޖާކޮށް އިޞްލާޙުކުރުމާއި، އެ އޮނިގަނޑު ތަންފީޒުކުރުން.
  3. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕުރޮގުރާމުތައް ފަރުމާކޮށްފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅައިފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުން.
  4. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕުރޮގުރާމުތަކުގެ ހުއްދަދިނުމާއި އެކްރެޑިޓްކުރުމާއި އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.
  5. ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާގުޅޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.
  6. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ސަނަދުތަކާއި، އެ ސަނަދުތައް ހާސިލުކުރާ ފަރާތްތަކުގެ ދަފުތަރެއް ބެލެހެއްޓުން.
  7. ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ޕުރޮގުރާމުތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ޕުރޮގުރާމުތައް އާންމުކުރުން.
  8. މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕުރޮގުރާމުތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުން.
  9. ތަފާސްހިސާބާއި ރިސަރޗްގެ ބޭނުމަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން މައުލޫމާތު ހޯދުން.
  10. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުން.
  11. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޭ ޚިދުމަތްތަކަށް ފީއެއް ނަގާނަމަ، އެ ފީއެއް ނަގާނެ އުސޫލު ކަނޑައަޅައި، އާންމުކުރުން.
  12. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމެއް ގާއިމުކުރުން.
  13. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.

(ކ) މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 52ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މި ވަނީއެވެ.

  1. ވަޒީފާތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތައް ކަނޑައަޅައި، އެ ފަދަ ތަމްރީނު ޕުރޮގުރާމުތަކުގެ ސިޔާސަތުތައް އެކަށައެޅުން.
  2. އެޕްރެންޓިސްޝިޕް ނިޒާމު ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމާއި، އެޕްރެންޓިސްޝިޕް ޕުރޮގުރާމުތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ މައުލޫމާތު އެއްކޮށް، ރައްކާކުރުމާއި، އެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  3. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޕުރޮގުރާމުތަކުގައި ތަމްރީނުދޭ ފަރާތްތަކާއި، އެޕްރެންޓިސްޝިޕް ޕުރޮގުރާމު ހިންގުމުގައި ބައިވެރިވާ ވަޒީފާ ދޭ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  4. އެމްޕްލޯޔަރ ބޭސްޑް ޓްރެއިނިންގ ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމާއި، އެ ޕުރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ މައުލޫމާތު އެއްކޮށް، ރައްކާކުރުމާއި، އެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  5. ރަސްމީ ނިޒާމެއްގެ ތެރެއިން ދެވޭ ސަނަދެއް ނެތި އެއް ބާވަތެއްގެ މަސައްކަތުގައި ދެމިތިބޭ މުވައްޒަފުންނަށް މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމުގެ ތެރެއިން ރިކޮގްނިޝަން އޮފް ޕްރަޔަރ ލަރނިންގ ނިޒާމެއް ގާއިމުކޮށް އެ ނިޒާމު ތަންފީޒުކުރުން.
  6. މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ދާއިރާތަކަށް މީހުން ބިނާކުރުމަށް ބޭނުންވާނެ ކޮމްޕިޓެންސީ ސްޓޭންޑަރޑްތައް އެކުލަވައިލުމާއި، ޓްރެއިނިންގ މެޓީރިއަލް އުފެއްދުމާއި، އެ ތަކެތި މުރާޖާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  7. ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކުގައި ބަޔާންކުރާ މިންގަނޑާއި ދަރިވަރުން ހާސިލުކުރަންޖެހޭ ފެންވަރު ވަޒަންކުރާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން، ހުނަރު ހާސިލުވެފައިވާ މިންވަރު ދެނެގަތުމުގެ އިމްތިޙާނުތައް ކުރިއަށްގެންދިއުން.
  8. ދިވެހިރާއްޖޭގެ ސަރަޙައްދުތަކާއި ރަށްރަށުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި، ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކުރުމަށް ޓަކައި އެ ފަންނުތައް ފާހަގަކޮށް، އެ ދާއިރާތަކުން މީހުން ތަމްރީނުކުރަންޖެހޭ މިންވަރާއި ފެންވަރު ކަނޑައެޅުން.
  9. މަސައްކަތުގެ ތަޢުލީމާއި ތަމްރީނުދޭ ފަރާތްތަކާއި އިމްތިޙާނުދޭ ފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރުން.
  10. ފަންނީ މާހިރުންގެ ޕެނަލްތައް އެކުލަވައިލުމާއި، އެ ޕެނަލްތަކުގެ ފަންނީ އެހީގައި ކޮންޕިޓެންސީ ސްޓޭންޑަރޑްތައް ތައްޔާރުކޮށް ސެކްޓަރ ކައުންސިލްތަކަށް ހުށަހަޅައި ފާސްކުރުން.
  11. މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމުގެ ތެރޭގައި ހިންގާ ތަމްރީނުތަކާއި ޕުރޮގުރާމުތަކާގުޅޭ ގޮތުން އެކި ފަރާތްތަކަށް ފަންނީ ލަފާދިނުން.
  12. ވަޒީފާދޭ ފަރާތްތަކާއި، ދަރިވަރުންނާއި، ސަރުކާރާއި ދައުލަތުގެ އިދާރާތައް ގުޅިގެން މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމެއް ގާއިމުކުރުން.
  13. މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ޕުރޮގުރާމުތަކާ ބެހޭ މައުލޫމާތު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީ، ތަމްރީނުދޭނެ ފަރާތްތަކާއި، ތަމްރީނު ލިބިގަންނަ ފަރާތްތައް ހޯދުމަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުން.
  14. ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމު ފަރުމާކޮށް އެ ނިޒާމުގެ ފެންވަރު ހިފެހެއްޓުން.
  15. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.

(އ) މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތްތައް

  1. ވަޒީފާތަކަށް އެވަގުތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތަކުގެ ތަމްރީނު ޕުރޮގުރާމުތައް ރާވައި ހިންގުމާއި، މި ތަމްރީނުތައް ހިންގުމުގައި ވަޒީފާދޭ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުން.
  2. މޯބައިލް ސްކިލްސް ޓްރޭނިންގ ޕުރޮގުރާމުތައް ރާވައި ހިންގުން.
  3. ވަޒީފާ ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ހުނަރުތަކާބެހޭ މައުލޫމާތު ދިނުން.
  4. ފަންނީ ހުނަރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ތަމްރީނު ދިނުމުގެ ވަސީލަތްތައް ހަމަޖެއްސުން.
  5. މަސައްކަތްތެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީނުގެ މަރުޙަލާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ކަމަށް މަގުފަހިވާ ގޮތަށް ތަމްރީނުތައް ފަރުމާކުރުން.
  6. ހުނަރުވެރި މަސައްކަތްތެރިންނަށް އޯޕަން ލާރނިންގއާއި އީލާރނިންގ މެދުވެރިކޮށް ތަމްރީނުވުމުގެ ފުރުޞަތުތައް ހޯދައިދިނުން.
  7. ރާއްޖޭގެ އެކިއެކި ރަށްރަށުގައި ނުވަތަ ސަރަހައްދުތަކުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި ޚާއްޞަ ފަންނުތައް (ކިއްސަރު ވަޑާން، އަތްކަން ކުރުން، ލިޔެލާޖެހުން، ވިޔުމާއި ޖަރީކުރުން ފަދަ މަސައްކަތް) ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުން.
  8. ޓެކްނިކަލް އަދި ވޮކޭޝަނަލްގެ ދާއިރާތަކުން އައު އުފެއްދުންތައް އުފެއްދުމަށާއި އައު އީޖާދުތައް އީޖާދުކުރުމަށް ބާރުއަޅައި، އެ ފަދަ އުފެއްދުންތަކާއި އީޖާދުތައް ފެތުރުން.
  9. ޕޮލިޓެކްނިކުން ހިންގާ ތަމްރީނާގުޅޭ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިއުކުރުން.

Read the official mandate (PDF)