ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެއީ މިހާރުން މިހާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އޮކްޓޯބަރު 30 ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރު، އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކު މަޖިލީހަށް މިއަދު ވަނީ ބަލައިގެންފަ އެވެ.

އެކަމާ ގުޅިގެން ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އިންތިހާބު ބޭއްވުމަށް މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުން ވާނެ ކަމަށެވެ. އެކަމަށް 40 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ، މިފަދަ ވޯޓެއް ނެގުމުގެ ކުރިން އެންމެ މުހިންމު ކަމަކަށް ވާނީ މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން ކަމަށެވެ.

”ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާ މެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް. މިހާރުން މިހާރަށް، އެފަދަ ވޯޓެއް ނެގުންވާނީ، ނާ މުމްކިން [ނުކުރެވޭނެ] ކަމަކަށް،“ ހަބީބް ވިދާޅުވި އެވެ.

ރިޔާސީ ނިޒާމަކަށް ރާއްޖޭގައި ވެރިކަން ކުރަން ފެށީ ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޮގަސްޓް، 18، 2007ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެވެ. އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފަ އެވެ.

އެ އިންތިހާބުގެ ކުރިން މަހެއްހާ ދުވަހުގެ ފޯރިގަދަ ކެމްޕެއިނެއް ކޮށްފައިވެ އެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ ނިޒާމަށް ތާއީދުކުރައްވައި ކެމްޕެއިނު ކުރެއްވިއިރު، އިދިކޮޅުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީއިން ކެމްޕެއިނުކޮށްފައިވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށެވެ.