ހއ. ދިއްދޫ ފަރަށް އެރި، އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ ޓަގަކާއި ބާޖުގެ ވެރި ފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ދިއްދު އަށް ބޮޑުހިލަ ހިފައިގެން ދިޔަ އެމްއެމް އެކްސްޕޯޓުގެ ޓަގު ބޯޓް، ”މުތާ ޕްރިންސަސް“ އާއި ބާޖު ދިއްދޫ ފަރަށް އެރީ މޭ މަހުގެ އެއް ވަނަ ދުވަހު އެވެ. ބޮޑުހިލަ ބަރުކޮށްފައިވާ ބާޖު ފަސޭހަކަމާ އެކު ފުން ކުރެވުނަސް، ޓަގު ބޯޓު ފުން ކުރީ ފަރަށް އެރިތާ ހަތަރު ދުވަސް ފަހު މާލެއިން އިތުރު ޓަގެއް ގޮސްގެންނެވެ.

ދިއްދު އަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޓީމެއް ގޮސް އެ ފަރަށް ލިބުނު ގެއްލުންތައް ބެލި އެވެ.

އީޕީއޭން ބުނީ އެ ޓީމުން ކުރި ސާވޭއިން އެނގުނު ގޮތުގައި ފަރުގެ 4،038 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، 100,000,000ރ. އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭން ބުންޏެވެ.

އެއީ އެ ގަވާއިދުގެ ދަށުން ކަނޑައެޅޭ އެންމެ ބޮޑު ޖޫރިމަނާ އެވެ.

ޖޫރިމަނާ އަށް ވާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީ އަށް ދެއްކުމަށް އެ އުޅަނދުތަކުގެ ރާއްޖޭގެ އޭޖެންޓު، އެޗްއާރްއެސް އިންފްރާޓެކް ޕްރައިވެޓް ލިމިޓެޑަށް މިއަދު އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.