ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުލަތުގެ އޮފީސްތަކުގައި 35 ޕަސެންޓްގެ އެލަވަންސް ނުލިބި ތިބި ހުރިހާ މުވައްޒަފުންނަށް މިދިޔަ މެއި މަހުން ފެށިގެން އެ އެލަވަންސް ހަމަޖެހުނު ނަމަވެސް، އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ނުހިމެނޭ ކަމަށެވެ.

އެހެންވެ، ކައުންސިލްތަކުގެ އިދާރީ މުވަޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމުގެ ގޮތުން އަންނަ މަހުން ފެށިގެން މި އެލަވަންސް އެ މުވައްޒަފުންނަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރައީސް އެގޮތަށް ނިންމެވީ ކައުންސިލް މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާއަތް ކުރުމަށް ފަހުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ،

”… ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި، ކައުންސިލުތަކުގެ މުވައްޒަފުންނަށް ވެސް މި އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ އެވެ،“ ރައީސް އޮފީހުގެ ބަޔާނުގައި ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ނިންމުމާ އެކު ސިވިލް މުވައްޒަފުންގެ މުސާރައިގެ ފަރަގު ނައްތާލެވިއްޖެ އެވެ.

މިނިސްޓްރީތަކުގައި މަސައްކަތްކުރާ ސިވިލް ސާވެންޓުންނެކޭ އެއްގޮތަށް ލޯކަލް ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް ވެސް ހާއްސަ އެލަވަންސް ދިނުމަށް ގޮވާލައި ވަރަށް ގިނަ ކައުންސިލްތަކުން ވަނީ މި އަހަރު ކުރީކޮޅުގައި ގަރާރުތައް ވެސް ނެރެފަ އެވެ.