ރައްޔިތުންގެ ވޯޓު ލިބޭނެހެން ހީވާ ކޮންމެ ވާހަކައެއް ވައުދަކަށް ހަދައި ދައުލަތުގެ ހަރަދު އެތައް ގުނައެއް ބޮޑުވާނެ، ދެކޮޅު ނުޖެހޭ ގޮތަށް އިދިކޮޅުން އާއްމުކުރާ ސިޔާސަތުތަކުން ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އިޔާދު ރޭ ފާޑުވިދާޅުވެއްޖެ އެވެ.

ކޯލިޝަންގެ ކެމްޕޭން ބައްދަލުވުމުގައި އިޔާދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގައިވާ ކޮންމެ ސިޔާސަތަކީ އަދި ކޮންމެ ވައުދަކީ ވެސް ހިސާބު ޖެހިގެން އެތައް ދިރާސާއަކުން އެކުލަވާލާފައިވާ ވައުދުތަކެއް ކަމަށެވެ.

”ނަމަވެސް އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓް ޑރ. މުއިއްޒުގެ ފަރާތުން މި ފެންނަނީ ވޯޓު ލިބޭނެހެން ހީވާ ހަމަ ކޮންމެ ވާހަކައެއް ވިދާޅުވަނީ އެއްވެސް ބަލާލުމެއް ނެތި. ދައުލަތުގެ އެތައް ހަރަދެއް ދެގުނަ ތިން ގުނަވެގެންދާނެ އެތައް ކަމެއް އެބަ ވިދާޅުވޭ,“ އިޔާދު ވިދާޅުވި އެވެ.

”ދައުލަތަށް އާމްދަނީ ލިބޭ އެތައް ކަމަކުން އާމްދަނީ އުނިވެގެންދާނެ އެތައް ކަމެއް އެބަ ވިދާޅުވޭ އެއްވެސް ހިސާބު ޖެހުމެއް ނެތި, ދިރާސާކުރުމެއް ވެސް ނެތް. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް.“