ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ހާލަތެއްގައި އެ ޕާޓީގެ ފަރާތުން ”ޕްލޭން ބީ“ ގެ ގޮތުގައި ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފައިވަނިކޮށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފި އެވެ.

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތް މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ޕީޕީއެމްއިން ވަނީ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމާ ނަމަ، އެހެން ކެންޑިޑޭޓަކު ނެރެން އެ ޕާޓީއަށް ފުރުސަތު ދޭން އެދިފަ އެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި އެ ހުކުމާ އެކު އޮތް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުންނެވެ.

އެގޮތަށް އެދުނު އިރު، އެކުގައި މަސައްކަތްކުރާ ޕީއެންސީން ވަނީ ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިފަ އެވެ.

އެކަމަކު، ޕީޕީއެމްއިން މިހާރު ބުނަނީ އެއީ ”ޕްލޭން ސީ“ ކަމަށެވެ. ޕްލޭން އޭ އަކީ ޔާމީން ކަމަށްވާއިރު، އެމަނިކުފާނުގެ ޕްލޭން ބީ އަކީ ސުޕްރީމް ކޯޓުން ހޯދާ ފުރުސަތުގައި ޕީޕީއެމްއިން އެހެން ކެންޑިޑޭޓެއް ނެރުމެވެ.

ޕީޕީއެމުން އިއްޔެ ސުޕްރީމް ކޯޓުގައި އެހެން ބުނެފައިވަނިކޮށް، ކުށުގެ ރެކޯޑް ސާފުކުރަން ހުށަހަޅުއްވާފައިވާ ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ. އެކަމަކު އެއީ ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވަންތޯ އެހުމުން އެ ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.

”ތި ސުވާލަށް އަޅުގަނޑަށް އެއްޗެއް ބުނެވޭކަށް ނެތް،“ ވަހީދު ވިދާޅުވި އެވެ.

ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި އެމަނިކުފާނުގެ ބަދަލުގައި ވަހީދު އިންތިޚާބަށް ނެރުއްވަން އުޅޭ ކަމުގެ އަޑުތަކެއް ކުރިން ވެސް އިވުނެވެ.

ޔާމީންގެ ބަދަލުގައި ދެ ޕްލޭނެއް ގެންގުޅޭ ކަމަށް އިދިކޮޅުން ބުނާއިރު، މުއިއްޒު މިއަދު ވަނީ އޭނާގެ ރަނިންމޭޓުގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ހަމަޖައްސަވައިފި އެވެ.

އަދި ވިދާޅުވީ އޭނާއަކީ ”ބެކްއަޕް“ ކެންޑިޑޭޓު ކަމަށާއި އުއްމީދު ކުރައްވަނީ މި“ބެކްއަޕް“ އެޕްލިކޭޝަން ލާންނުޖެހޭނެ ކަމަށެވެ.