ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއިން ވަކިވެ ދަ ޑިމޮކްރެޓްސްއާ ގުޅުނު އއ. ރަސްދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނީ، ރޭގެ ވަގުތެއްގައި ރަސްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާހިދާއި އެ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އަނިލް އަލުން އެ ޕާޓީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.

އެ ދެ ބޭފުޅުން ސޮއިކުރުމަށްފަހު ފޯމް ހަވާލުކުރެއްވީ، ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެވެ.

”އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން.“ އެމްޑީޕީން ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.

މައުލޫމާތުދެއްވަމުން އެ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ރަސްދޫ ދާއިރާއަކީ އެމްޑީޕީ ދާއިރާއެއް ކަމަށާއި އެހެންނަމަވެސް މީގެ ދެ މަސް ކުރިން އެ ދާއިރާގެ ރައީސާއި ނައިބު ރައީސް އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ކަމަށެވެ.

މިކަމާ ގުޅިގެން ރަސްދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.